13 ޖުލައި 2017 - 11:30
ޕެރިސް، ފްރާންސް (ޖުލައި 13) - ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ އަށް ނޫނެކޭ ބުނެ ބްރެޒިލްގެ ފުލްބެކް ޑެނީ އަލްވެސް ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަށް ސޮއިކޮށްފި އެވެ.
މިދިޔަ ސީޒަނުގައި ޔުވެންޓަސް އަށް މޮޅު ކުޅުމެއް ދެއްކި އަލްވެސް އަށް ސިޓީން ވެސް އޮތީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ދޭން ތައްޔާރަށެވެ. އެހެން ނަމަވެސް ސިޓީ އަށް އަލްވެސް ބަދަލުނުވީ އޭނާ ކިޔާ މުސާރަ ދޭން އެ ޓީމުން ދެކޮޅު ހެދުމަށެވެ.
އުމުރުން 34 އަހަރުގެ އަލްވެސް ޕީއެސްޖީ އަށް ބަދަލުވީ ހަފްތާ އަކު 240،000 ޕައުންޑަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސިޓީން އަލްވެސް އަށް ދޭން އެއްބަސްވީ ހަފްތާ އަކު 115،000 އެވެ.
އަލްވެސް އަކީ ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ 30 ވަނަ ކުޅުންތެރިއާ އެވެ. އޭނާ ބުނީ ޕީއެސްޖީއާ ގުޅުނީ ފައިސާ އަށް ނޫން ކަމަށާއި އެ ޓީމާ އެކު ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ.
"ޕެރިހަށް އަހަރެން މިއައީ ފައިސާ އަކަށް ނޫން. މޮޅުވާން. ކާމިޔާބު ހޯދަން. ފާއިތުވި އަހަރުތަކުގައި އަހަންނަށް ފެނުނު ކާމިޔާބު ހޯދަން މި ކްލަބުން ކުރަމުން އައި މަސައްކަތް މިހާރު އަހަރެން ބޭނުންވަނީ މި ކްލަބުން ކުރަމުން އައި މަސައްކަތުގައި އަހަރެން ވެސް ބައިވެރިވާން،" އަލްވެސް ބުންޏެވެ.
ސްޕެއިނުގެ ސެވިއްޔާއާ އެކު ޔުއެފާ ކަޕާއި ސްޕެނިޝް ކަޕް ކާމިޔާބުކުރުމަށް ފަހު އަލްވެސް 2008 ވަނަ އަހަރު ބާސެލޯނާއާ ގުޅުނުއިރު އޭނާ އަކީ އެ ކްލަބަށް ދެ ވަނަ އަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ބިދޭސީ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ބާސެލޯނާއާ އެކު 23 މުބާރާތް ކާމިޔާބުކޮށްފަ އެވެ. ސްޕެނިޝް ލީގު ހަ ފަހަރު ކާމިޔާބުކުރިއިރު ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ތިން ފަހަރު ހާސިލްކުރި އެވެ.
އޭގެ ފަހުން މިދިޔަ އަހަރު އޭނާ ޔުވެންޓަސްއާ އެކު ވަނީ އިޓަލިއަން ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޔުވެންޓަސް ގެންގޮސްދިނުމުގައި އަލްވެސްގެ ދައުރު ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހްމަދު
13 July 2017
ފައިސާ ގިނައިން ލިބޭ ޓީމަކަށް ދާންވެގެން ދިޔައީ..މޮޅެތި ވާހަކަ ނުދައްކާ ބަހީ