ޕީއެސްޖީގެ ސަޕޯޓަރުންނާ އެކު ނޭމާ ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: އޭއެފްޕީ
06 އޯގަސްޓް 2017 - 14:06
ޕެރިސް (އޮގަސްޓް 6) – ނޭމާގެ އިންޓަނޭޝަނަލް ޓްރާންސްފާ ސެޓިފިކެޓް ޕީއެސްޖީ އަށް ގަޑިއަށް ހުށަހެޅިފައިނުވާތީ، އޭނާ އަށް ރޭ ޕީއެސްޖީ އަށް ފުރަތަމަ މެޗު ކުޅެވޭ ގޮތެއް ނުވި އެވެ.
ކުރިން ބެލެވިފައި އޮތީ ބާސެލޯނާ ދޫކޮށް 222 މިލިއަން ޔޫރޯ އަށް ޕީއެސްޖީ އަށް ބަދަލުވި ބްރެޒިލް ފޯވާޑް، ފްރާންސް ލީގުގައި ރޭ އެމިއެންސް އަތުން 2-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި ކުޅޭނެ ކަމަށެވެ.
އިއްޔެ މެޗުގެ ލިސްޓުގައި އޭނާގެ ނަން ޖެހެވެން އޮތީ ހުކުރު ދުވަހުގެރޭ މެންދަމު 12 ޖެހުމުގެ ކުރިން ފްރާންސުގެ ޕްރޮފެޝަނަލް ފުޓްބޯލް ލީގު (އެލްއެފްޕީ) އަށް އިންޓަނޭޝަނަލް ޓްރާންސްފާ ސެޓިފިކެޓް ހުށަހަޅައިގެންނެވެ. މި ސެޓިފިކެޓަކީ ކުޅުންތެރިއާ ކުރިން ކުޅުނު ކްލަބުން އޭނާ ރިލީޒްކުރުމުން ފީފާ އިން ދޭ ސެޓިފިކެޓެކެވެ.
ނޭމާގެ ޓްރާންސްފާގެ ބާސެލޯނާ އިން ކަށަވަރުކޮށްދިނީ ބުރާސްފަތި ދުވަހުގެރޭގަ އެވެ. އެހެންވެ މެޗުގެ ކުރިން ހުރިހާ ލިޔެކިއުމެއް ފުރިހަމަކުރަން ޕީއެސްޖީ އަށް ލިބުނީ ހުކުރު ދުވަސް އެކަންޏެވެ.
ރޭގެ މެޗުގައި ނޭމާ ނުކުޅުނު ނަމަވެސް މެޗުގެ ކުރިން އޭނާ ސަޕޯޓަރުންނަށް ތައާރަފްކުރި އެވެ. ޕެރިހުގެ ޕާކް ޑި ޕްރިންސަސް ސްޓޭޑިއަމަށް އެއްވެ ތިބި ފަންސާސްހާހެއްހާ މީހުން ވަނީ ނޭމާ އަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ރޭގެ މެޗުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ 42 ވަނަ މިނެޓުގައި އެޑިންސަން ކަވާނީ އެވެ. ދެ ވަނަ ލަނޑު 80 ވަނަ މިނެޓުގައި ކާމިޔާބުކުރީ ހަވިއާ ޕަސްތޯރޭ އެވެ.
ޕީއެސްޖީ ދެން ކުޅޭ މެޗުގައި އަންނަ ހޯމަ ދުވަހު ރަށުން ބޭރުގައި ބައްދަލުކުރާނީ ގުއިންގޭމްޕާ އެވެ. އަމިއްލަ ދަނޑުގައި އެންމެ އަވަހަށް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރޭ ޓުލޫސްއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެނބަދޫ އިންޖީނުގެ ކޭބަލް ވިދާޅުވަނީ
07 August 2017
އަގުބޮޑު ކޮންމެއެއްޗަކީ ހާލިސް އެއްޗެއް ނޫން.
ޟމަ
06 August 2017
ނޭމާ އެއި މިވަގުތު ދުނިޔޭގަ ހުރި އެންމެ މޮޅުކުންތެރިޔާ
އިޙްސާންތެރިޔާ
07 August 2017
ކ.ރޮނާލްޑޯ މެސީ ވެސް މާމޮޅު