ބާސެލޯނާގެ ތަރި ލިއޮނަލް މެސީ.-- ފޮޓޯ: އޭއެފްޕީ
25 އޯގަސްޓް 2017 - 14:58
މެންޗެސްޓާ (އޮގަސްޓް 25) - މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި މެންޗެސްޓާ ސިޓީން ބާސެލޯނާގެ ލިއޮނަލް މެސީ އާއި މޮނާކޯގެ ކިލިއަން އެމްބާޕޭ އަށް ބިޑްނުކުރާނެ ކަމަށް ސިޓީގެ ޗެއާމަން ޓިސިކީ ބެގިރިސްޓެއިން ވިދާޅުވެއްޖެ އެވެ.
އުމުރުން 18 އަހަރުގެ އެމްބާޕޭގެ ސޮއި ހޯދަން މަސައްކަތް ކުރަމުން އަންނަ ކްލަބްތަކުގެ ތެރޭގައި ސިޓީ ހިމެނޭ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. އަދި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ދެ ފަހަރެއްގެ މަތިން އެމްބާޕޭގެ އޭޖެންޓާ މަޝްވަރާ ކޮށްފަ އެވެ. އެހެން ނަމަވެސް އެއީ ސިޓީއާ އެމްބާޕޭ ގުޅުމުގެ މަޝްވަރާތައް ނޫން ކަމަށް ގާޑިއޯލާ ވަނީ މީޑިއާގައި ބުނެފަ އެވެ.
"އަހަރެމެން މި ތިބީ އެ ރޭހުން ބޭރުގައި. ވަގުތު ހުރި ގޮތުންނާއި އެހެން ކަންތައްތަކަށް ބަލާއިރު އެ ވަރުގެ ހޭދައެއް ނުކުރެވޭނެ،" ބެގިރިސްޓެއިން ވިދާޅުވި އެވެ.
އެމްބާޕޭ ވިއްކަން މޮނާކޯ އިން ކިޔާ އަގަކީ 160 މިލިއަން ޕައުންޑެވެ. މި އަގަށް އޭނާ ގަނެވޭނެ ފެންވަރު ސިޓީގެ ހުރި ނަމަވެސް މިފަހަރުގެ ޓްރާންސާ މާކެޓްގައި އެ ޓީމަށް މި ވަރުގެ ހަރަދެއް ކުރެވޭނީ ގިނަ ކުޅުންތެރިން ތަކެއް ވިއްކައިގެންނެވެ. ކުޅުންތެރިން ނުވިއްކައި ސިޓީން އެ ވަރުގެ ހޭދައެއް ކޮށްފިނަމަ އެ ޓީމުން ފައިނޭންޝިއަލް ފެއާޕްލޭގެ ގަވައިދާ ހިލާފުވާނެ އެވެ.
މޮނާކޯގެ ފޯވާޑް އެމްބާޕޭ.-- ފޮޓޯ: އޭއެފްޕީ
ލިއޮނަލް މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ނިޔަލަށް ހަމަވާނެ އެވެ. މެސީގެ މިހާރުގެ ކޮންޓްރެކްޓުގައިވާ ގޮތުން 300 މިލިއަން ޔޫރޯ ދައްކައިގެން އޭނާގެ ކޮންޓްރެކްޓް ގަނެވޭނެ އެވެ. ބާސެލޯނާ އިން މެސީ އެ ޓީމުގައި މަޑުކުރާނެ ކަމަށް ބުނަމުން އަންނައިރު، މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސިޓީން އަންނަނީ މެސީގެ ބާސެލޯނާ ކޮންޓްރެކްޓް ގަންނަން މަސައްކަތް ކުރަމުންނެވެ.
އެހެން ނަމަވެސް ބެގިރިސްޓެއިން ވަނީ އެކަން ދޮގުކޮށްފަ އެވެ.
"މެސީ ބާސެލޯނާގައި މަޑުކުރާނެ. އެއީ ޔަގީންކަމެއް،" އޭނާ ވިދާޅުވި އެވެ.
ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު އެ ކްލަބް ހިންގާ ގޮތާ މެދު އެ ޓީމުގެ ގިނަ ކުޅުންތެރިން ތިބީ ހިތްހަމަ ނުޖެހިފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މެސީ އެ ޓީމާ އެކު އާ އެއްބަސްވުމެއްގައި ސޮއިނުކޮށް ހުރީ ބާޓޮމެއު ރައީސް ކަމުގައި ހުރުމުން ކަމަށް ވެސް ބައެއް މީޑިއާތައް ރިޕޯޓްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަމީ
25 August 2017
މެސީ ވަރުގެ ހުނަރުވެރި ތަފާތު ކަމެއް ފުޓުބޯޅަ އަށް ގެނަ މީހެއް އެއްވެސް ތާކުން ނުފެނޭ...
ޖާރިޔާ އަހުމަދު ދީދީ
27 August 2017
ލޯރޑް ފެލައިނީ މާ މޮޅު. މާ ތަފާތު.
މެސީ ބައްޕަ
25 August 2017
ސިޓީގެ އެވަރު ފެންވަރު ހުރި ނަމަވެސް ނުގަނެޥޭނެ މަގޭ ދަރިފުޅެއް !! އޭނާ އަކީ ބާސާއަށް ވަފާތެރި ކުޅުންތެރިއެއް !! އަދި އެމްބައްޕޭވެސް ނާންނާނެ !!