އާޖެންޓީނާ ގޮވައިގެން މެސީ މަރުގެ މެޗަކަށް

ކުއީޓޯ، އެކުއެޑޯ (އޮކްޓޯބަރު 10) - ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް މިރޭ ވޯލްޑް ކަޕް ކޮލިފައިންގައި ރަށުންބޭރުގައި އެކުއެޑޯއާ އަތުން އާޖެންޓީނާ އަށް މޮޅެއް ހޯދައިދޭން ވަނީ މަޖުބޫރުވެފަ އެވެ. އަންނަ އަހަރު ރަޝިއާގައި އޮންނަ މުބާރާތަށް އަމިއްލަ ބާރުގައި ކޮލިފައިވުމަށް އެ ނޫން ގޮތެއް ނެތެވެ.


ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގައި 10 ޓީމު ވާދަކުރާއިރު ވޯލްޑް ކަޕަށް ސީދާ ކޮލިފައިވާނީ ގަދަ ހަތަރު ޓީމެވެ. ފަސް ވަނަ ޓީމަށް ޖެހޭނީ އިންޓަ ކޮންފެޑެރޭޝަން ޕްލޭއޮފުގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅޭށެވެ. އާޖެންޓީނާ މިވަގުތު އޮތީ ހަ ވަނައިގަ އެވެ. ކޮންމެ ޓީމަކަށް ބާކީ އޮތީ އެންމެ މެޗެކެވެ.

އެއް ވަނައިގައި 38 ޕޮއިންޓާ އެކު އޮތް ބްރެޒިލް މުބާރާތަށް ކޮލިފައިވެފައިވާއިރު ދެ ވަނައިގައި 28 ޕޮއިންޓާ އެކު އޮތް އުރުގުއޭ އަށް ވަނީ ދަށްގެން ޕްލޭއޮފުން ފުރުސަތު ލިބޭނެކަން ކަށަވަރުވެފަ އެވެ. ތިން ވަނައިގައި އޮތް ޗިލީ އާއި ހަތަރު ވަނައިގައި އޮތް ކޮލަމްބިއާ އަށް 26 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ކުރި ލިބެނީ ޗިލީ އަށެވެ. ޕެރޫ އާއި އާޖެންޓީނާ އަށް 25 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ފަސް ވަނަ ލިބެނީ ޕެރޫ އަށެވެ.

އާޖެންޓީނާ ކޮލިފައިން ފެށީ އަމިއްލަ ދަނޑުގައި 2-0 އިން އެކުއެޑޯ އަތުން ބަލިވި މެޗުންނެވެ. މި ފަހަރު ކޮލިފައިންގައި އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ލަނޑު ނުޖެހުމެވެ. ވަރުގަދަ އެޓޭކިން ކުޅުންތެރިންތަކެއް ތިބި ނަމަވެސް އެ ޓީމަށް ކޮލިފައިންގައި ކުޅުނު 17 މެޗުން ޖެހުނީ 16 ލަނޑެވެ. ބޮލިވިއާ ނަގާފައި ކޮލިފައިންގައި އެންމެ މަދުން ލަނޑު ޖެހީ ވެސް އެ ޓީމެވެ.

އާޖެންޓީނާ އެންމެ ފަހުން ރަސްމީ މެޗެއްގައި އެކުއެޑޯ އަތުން ރަށުންބޭރުގައި މޮޅުވީ މީގެ 16 އަހަރު ކުރިންނެވެ.

މިރޭގެ މެޗަށް އެންމެ ގިނަ ބަޔަކު ސަމާލުވާނެ އެއް ސަބަބަކީ މެސީ އަށް ވޯލްޑް ކަޕް ގެއްލިދާނެ ކަމުގެ ބިރު އޮތުމުންނެވެ. އަދި 1970 ވަނަ އަހަރަށް ފަހު އާޖެންޓީނާ ނެތި ވޯލްޑް ކަޕަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އެބައޮތެވެ.

އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުނީ މިރޭ އެހެން ކުޅުންތެރިން ވެސް މެސީގެ ލެވެލްގައި ކުޅެން ޖެހޭ ކަމަށެވެ.

"މިދިޔަ ތިން މެޗަށް ބެލިޔަސް މެސީގެ ކުޅުން ވަރަށް ރަނގަޅު. އެކަމަކު އަހަރެމެންގެ މުޅި ޓީމަށް އެންމެ ރަނގަޅަށް ނުކުޅެވޭ. މެސީގެ ކުޅުން އެ ހުރި ލެވެލަށް އެހެން ކުޅުންތެރިންނަށް ކުޅުން ދެއްކިއްޖެނަމަ އަހަރެމެންނަށް ވޯލްޑް ކަޕް ޖާގަ ލިބޭނެ،" ކުރިން ޗިލީ އަށް ކޯޗުކޮށްދިން ސަމްޕައޮލީ ބުންޏެވެ.

ކޮލިފައިންގައި އާޖެންޓީނާ އަށް ދިމާވި އެންމެ ބޮޑު އެއް މައްސަލަ އަކީ މިދިޔަ މާޗް މަހު ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ލައިންސްމަނަކާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ހަތަރު މެޗަށް ސަސްޕެންޑްކުރަން ނިންމުމުންނެވެ. މެސީ ސަސްޕެންޑްވެފައި ވަނިކޮށް އާޖެންޓީނާ ކުޅުނު މެޗުން ބޮލިވިއާ އަތުން ވަނީ ބަލިވެފަ އެވެ. އެހެން ނަމަވެސް އޭގެ ފަހުން ފީފާއިން ވަނީ އެ މައްސަލަ އަލުން ތަހުގީގުކޮށް މެސީގެ ސަސްޕެންޝަން އުވާލައިފަ އެވެ.

އާޖެންޓީނާ އާއި އެކުއެޑޯ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ފަތިހު 4:30 ގަ އެވެ.