15 އޮކްޓޯބަރ 2017 - 11:30
ގިޖޯން، ފްރާންސް (އޮކްޓޯބަރު 15) - ޕީއެސްޖީ ބަރޯސާވަނީ ވަކި ކުޅުންތެރިއަކަށް ނޫން ކަމަށް ރޭ ގިޖޯން އަތުން 2-1 އިން މޮޅުވި މެޗަށް ފަހު ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.
ޕީއެސްޖީ ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު ނުވަ މެޗުން 25 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މޮނާކޯ އަށް ނުވަ މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ.
ރޭ ރަށުން ބޭރުގައި ޕީއެސްޖީ ކުޅުނު މެޗުގައި އެ ޓީމުގެ ދެ ލަނޑު ޖެހީ ވެސް ބެލްޖިއަމްގެ ފުލްބެކް ތޯމަސް މޯނިއޭ އެވެ. މެޗުގެ 71 ވަނަ މިނިޓްގަ މޯނިއޭ ޕީއެސްޖީ އަށް ލީޑު ނަަގައިދީފައިވަނިކޮށް މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި ޑިޖޯނަށް އެއްވަރުކޮށްދިނީ ބެންޖަމިން ޖިއަނޯ ޖެހި ހިތްގައިމު ގޯލުންނެވެ. މެޗު އެއްވަރުވާން ދަނިކޮށް މޯނިއޭ ޕީއެސްޖީ މޮޅުކޮށްދިން ލަނޑު ޖެހީ އިތުރު ވަގުތުގަ އެވެ.
މެޗަށް ފަހު އެމެރީ ބުނީ ޕީއެސްޖީ ކުރިއަށްދާނީ ޓީމެއްގެ ގޮތުގައި ކަމަށާއި ވަކިވަކި ކުޅުންތެރިންނަށް ބަރޯސާވެގެން ނޫން ކަމަށެވެ.
"ކޮންމެ މެޗެއްގައި އެއްވެސް ކުޅުންތެރިއަކަށް ލަނޑެއް ނުޖެހޭނެ. ޓީމެއް ކުރިއަރައިގެންދަނީ ވަކި ކުޅުންތެރިއަކަށް ބަރޯސާވެގެނެއް ނޫން. ޓީމެއްގެ ގޮތުގައި ހުރިހާ ކުޅުންތެރިން ކުރިއަރައިގެން. މި މެޗުގައި މޯނިއޭ ދެ ލަނޑު ޖެހީ މާދަމާ އެހެން ކުޅުންތެރިއަކު ޖަހާނެ،" އެމެރީ ބުންޏެވެ.
ރޭގެ މެޗުގައި މި ފަހަރު ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ބަދަލުވި ނޭމާ އާއި އާޖެންޓީނާގެ މިޑްފީލްޑަރު އެންހެލް ޑި މާރިއާ އަދި ކިލިއަން އެމްބާޕޭ އަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. މެޗަށް ފަހު ނޫސްވެރިން އެ ކުޅުންތެރިންގެ ކުޅުމާ ބެހޭގޮތުން ކުރި ސުވާލުތަކަށް އެމެރީ ޖަވާބެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާގަ ހަސަނާ
15 October 2017
ތިހެން ނުބުނޭ ނޭމާ ހިއްހަލާކު ވެދާނެ