ލަނޑު ޖެހުމަށް ފަހު ޕީއެސްޖީ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
08 ނޮވެމްބަރ 2017 - 10:42
ޕެރިސް، ފްރާންސް (ނޮވެމްބަރު 8) - ނިމިގެން ދިޔަ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ ގަވާއިދުތަކާ ހިލާފުވެފައިވާތީ އެ ގަަވާއިދުގެ ތެރެއަށް ފެތުމަށްޓަކައި އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމުގެ ބައެއް ކުޅުންތެރިން ވިއްކާލަން ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔުއެފާ އިން އަންނަނީ މިދިޔަ ސެޕްޓެމްބަރު މަހު އެއް ވަނަ ދުވަހުން ފެށިގެން ޕީއެސްޖީގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ތަހުގީގަށް ހޯދަން ޖެހޭ މައުލޫމާތު އޮޅުންފިލުވުމަށް މިދިޔަ މަހު 5 ވަނަ ދުވަހު ޕީއެސްޖީގެ އޮފިޝަލުން ވަނީ ފީފާގެ ހެޑްކުއާޓަރަށް ހާޒިރުކޮށްފަ އެވެ. އަދި ފީފާ އިން ވަނީ އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް މައްސަލަ ހައްލުކުރަން ޕީއެސްޖީ އަށް ފުރުސަތު ދީފަ އެވެ.
މި ސީޒަން ފެށުމުގެ ކުރިން ޕީއެސްޖީން ވަނީ ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ 222 މިލިއަން ޔޫރޯ އަށް ގަނެފަ އެވެ. އަދި މޮނާކޯ އަށް ކުޅޭ ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ގެނެސްފައިވާއިރު، އަންނަ އަހަރު 180 މިލިއަން ޔޫރޯ އަށް އޭނާ ގަތުމުގެ އިހުތިޔާރު އެޓީމަށް އެބައޮތެވެ. ދެން ހިލޭ ޓްރާންސްފާއެއްގެ ދަށުން ބްރެޒިލްގެ ފުލްބެކް ޑެނީ އަލްވޭސް ވަނީ ބޮޑު މުސާރަ އަކަށް ގެނެސްފަ އެވެ.
ޔުއެފާގެ ރައީސްކަމުގައި ކުރިން ހުރި ފްރާންސްގެ މިޝެލް ޕްލެޓިނީގެ ދައުރުގައި އެކުލަވާލި އެފްއެފްޕީގައިވާ ގޮތުން ކްލަބެއްގެ ދަރަނި 40 އިންސައްތަ އަށް ވުރެ މަތީގައި އުޅޭނަމަ އެއް ޓްރާންސްފާ މާކެޓެއްގައި 160 މިލިއަން ޔޫރޯ އަށް ވުރެން ބޮޑު ހަރަދެއް ނުކުރެވޭނެ އެވެ. ރިޕޯޓްތައް ބުނާގޮތުން މިދިޔަ ސީޒަނުގައި ޕީއެސްޖީގެ ދަރަނި ރެކޯޑް ކުރެވިފައިވަނީ 50 އިންސައްތައިގަ އެވެ. އަދި އެފްއެފްޕީގެ ތަހުގީގުން ސާބިތުވެފައިވާ ގޮތުގައި ޕީއެސްޖީން ދަރަނިން ސަލާމަތްވުމަށް ކުޅުންތެރިން ވިއްކައިގެން ނޫނީ ކުޅުންތެރިންގެ މުސާރަ ކުޑަކޮށްގެން 80 މިިލިއަން ޔޫރޯ ހޯދަން ޖެހެ އެވެ.
ޕީއެސްޖީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ޕީއެސްޖީގެ އޮފިޝަލަކާ ހަވާލާދީ ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެ ކްލަބުން ވަނީ ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިން ވިއްކައިގެން 80 މިލިއަން ޔޫރޯ ހޯދަން ނިންމައިފަ އެވެ. މި ގޮތުން ވިއްކަން ނިންމާފައިވަނީ މި ވަގުތު ބޮޑު މުސާރައިގައި ތިބި ކުޅުންތެރިން ކަމަށްވާ އެންހެލް ޑި މާރިއާ އާއި އެޑްރިއަން ރަބިއޯ އާއި ލޫކަސް މޯރާ އަދި ހަތެމް ބެން އާފާ އެވެ.
އެފްއެފްޕީއާ ހިލާފުވެގެން މީގެ ކުރިން ވެސް ޔުއެފާ އިން ވަނީ ޕީއެސްޖީ އަށް އަދަބުދީފަ އެވެ. އެގޮތުން 2014 ވަނަ އަހަރު ޔުއެފާ އިން ވަނީ އެ ޓީމު 60 މިލިއަން ޔޫރޯ އިން ޖޫރިމަނާ ކޮށްފަ އެވެ. އަދި އޭގެ ތެރެއިން 40 މިލިއަން ޔޫރޯ މާފުކޮށްދިނުމަށް ފަހު ދެން ދިން އަދަބަކީ ޗެމްޕިއަންސް ލީގު ސްކޮޑުގެ 25 ކުޅުންތެރިންގެ ތެރެއިން ހަތަރު ޖާގަ އުނިކުރުމެވެ.
ފީފާއިން މި ފަަހަރު ޕީއެސްޖީގެ މައްސަލައާ ގުޅޭގޮތުން ގޮތެއް ނިންމާނީ އަންނަ ޖެނުއަރީ މަހު ފަހުކޮޅުގަ އެވެ. ފީފާއިން އެއް ފަހަރު އެފްއެފްޕީ މައްސަލައިގައި އަދަބުދިން ކްލަބަކުން އެކަން ތަކުރާރުކޮށްފިނަމަ އެންމެ ހަރުކަށި އަދަބު ދިނުމަށް ވަނީ ނިންމައިފަ އެވެ. އެފްއެފްޕީއާ ހިލާފުވެގެންދޭ އެންމެ ހަރުކަށި އަަދަބުތަކުގެ ތެރޭގައި ޔުއެފާގެ މުބާރާތްތަކުން ދެ އަހަރަށް ސަސްޕެންޑް ކުރުން ހިމެނެ އެވެ. ޕީއެސްޖީން އެފްއެފްޕީ ގަވައިދުގެ މިންގަނޑު ތެރެއަަށް ނުފެތިއްޖެނަމަ އެ ޓީމު ޔޫރަޕްގެ މުބާރާތްތަކުން ސަސްޕެންޑްކުރުމުގެ ފުރުސަތު އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުނބޭ
08 November 2017
އަދަބުން ސަލާމަތްވާން ނޭމާ ވިއްކާލަންވީނު. ލޮލް
ކޮސް ސޭޓް
08 November 2017
އެއްކަމެއްވެސް ނުވާނެ ... ޕީ އެސް ޖީ އަތުގައި ފައިސަ އެބައޮއިތް އިގޭ ގަނެލާނަން ތި ކެމެޓީ ތަކާ ފީފާވެސް.
ހުސޭނު
08 November 2017
މިފަހަރު ޕީއެސްޖީއައް ޗެންޕިއަންސް ލީގު ނުލިބިއްޖެޔާ ދެންވާނެއެތި ބަލަންތިބެމާ ބަހީ..
ހަމީދު
09 November 2017
އިޒީ ކޮއް ޗެމްޕިއަންސް ލީގް ނަގާނެ ޕީއެސްޖީ. މީ ވަރައް ވާހަކަ.
ހެންޑެލި
09 November 2017
ޗެމްޕިއަންސް ލީގް ރިއަލީ ސްޓާރޓްސް އޮންލީ އިން ނޮކްއައުޓް ސްޓޭޖް، އެންމެ ބޮޑުވަރަކަށްވެސް ދެވޭނީ ސެމީއަށް