09 ނޮވެމްބަރ 2017 - 09:46
ބާސެލޯނާ (ނޮވެމްބަރު 9) – ފޯމް ދަށްވުމުން އެކަމާ ކަންބޮޑުވާ ކަމަށާއި އެކަމަކު ކުޅުން ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބާސެލޯނާގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފި އެވެ.
ސުއަރޭޒް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ގޯލެއް ޖެހިފައެއް ނުވެ އެވެ. ބާސެލޯނާ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި އޮތް ނަމަވެސް ސުއަރޭޒަށް މިދިޔަ އަށް މެޗުން ޖެހުނީ އެންމެ ގޯލެކެވެ. މިއީ ފާއިތުވި އަހަރުތަކުގައި ބާސެލޯނާ އާއި ލިވަޕޫލުގައި ސުއަރޭޒް ދެއްކި ކުޅުމާ ބަލާއިރު ވަރަށް ބޮޑު ވެއްޓުމެކެވެ.
"އަހަންނަކީ އަބަދުވެސް އަމިއްލަ ނަފްސަށް ފާޑުކިޔާ މީހެއް. އަހަރެން އަބަދުވެސް ނަފްސާ ސުވާލުކުރަމުން މި އަންނަނީ ކިހިނެއްހޭ މިކަން ރަނގަޅުކުރެވޭނީ. އަހަރެން ބުނަން އޮތް އެއްޗަކީ އަހަރެން ހިތްވަރު ދެރަނުކުރާނަމޭ. އަދި މަސައްކަތް ކުރުން ވެސް ހުއްޓާނުލާނަން. ސަބަބަކީ އަހަރެންގެ ކެރިއަރުގައި މިއަދު މިހިސާބަށް އާދެވުނީ ބުރަ މަސައްކަތުން ކަމަށްވާތީ،" ސުއަރޭޒް ބުންޏެވެ.
ސުއަރޭޒް ބުނީ އޭނާ ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެކަމަކު އެންމެ މުހިއްމު ކަމަކީ ޓީމު މޮޅުވަމުން އައުން ކަމަށް އޭނާ ބުންޏެވެ.
"އިތުބާރު ދަށްވެއްޖެ ނަމަ ގޯސްތައް ހެދޭނެ. އަދި އަވަސް އަވަހަށް ބޯޅަ ގެއްލުވާލާނެ. އެއީ މި ވަގުތު އަހަރެން ކަންބޮޑުވާކަމެއް،" ސުއަރޭޒް ބުންޏެވެ.
ލިވަޕޫލް ދޫކޮށް 2014 ވަނަ އަހަރު ބާސެލޯނާއާ ގުޅުނު ފޯވާޑް ވަނީ އެ ޓީމަށް 161 މެޗުން 124 ގޯލް ޖަހައިދީފަ އެވެ. އޭނާ ވަނީ އެ ކްލަބާ އެކު ސްޕެނިޝް ލީގު ދެ ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy