މޮރީނިއޯ މެންޗެސްޓާ ޔުނައިޓެޑްގެ ޖާޒީ ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ
06 ޖުލައި 2016 - 00:26
މެންޗެސްޓާ (ޖުލައި 5) - މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުގެ މަގާމް އަދާކުރަން ކޮންމެ ކޯޗަކު ވެސް ބޭނުންވާނެ ކަމަށް އެ ޓީމާ ދާދި ފަހުން ހަވާލުވި ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ރަސްމީކޮށް މީޑިއާއާ ބަައްދަލުކޮށް ދިން އިންޓަވިއުގައި މޮރީނިއޯ ބުނީ ބޭނުންވަނީ ކުރީގައި ޔުނައިޓެޑް އޮތް ފެންވަރަށް އެ ޓީމު ގެންދިއުމަށް ކަމަށެވެ.
"އަހަރެންގެ އަމާޒަކީ ހަމައެކަނި ގަދަ ހަތަރެއް ނޫން. ބޭނުމީ ކޮންމެ މެޗަކުން މޮޅުވާން ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން. މިދިޔަ ތިން އަހަރު ހަނދާން ނައްތާލުމަށް ފަހު ޔުނައިޓެޑްގެ ފެންވަރަށް ވާސިލްވާން ޖެހޭ،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވަން މިއީ އެންމެ ރަނގަޅު ވަގުތުކަމަށް ގަބޫލުކުރާ ކަމަށާއި ސަޕޯޓަރުންގެ އެހީއާ އެކު ކްލަބް އޮތް ހާލަތުން އަރައިގަނެވޭނެ ކަމަށެވެ.
"ޔުނައިޓެޑަކީ ޗެމްޕިއަންސް ލީގު ކްލަބެއް. އެކަމަކު މި ވަގުތު ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ނެތުމަކީ މި ކްލަބަށް ލިބިފައި އޮތް ހުސްކަމެއް. އަހަރެން އެކަން ފޮރުވަން ނެތިން. ޓާގެޓަކީ އަންނަ އަހަރުގެ ޖުލައިއާ ހަމަ އަށް ދާއިރު ޔުނައިޓެޑް ޗެމްޕިއަންސް ލީގު ކްލަބަކަށް އަލުން ހެދުން،" ކުރިން ޗެލްސީ އަށް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ ޔުނައިޓެޑަށް ކާމިޔާބު ކޮށްދެވޭ ފެންވަރު އެބަހުރި ކަމަށާއި ޗެލްސީގައި ހޭދަވި ފަހު ސީޒަނުގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.
"އެބަތިބި ބައެއް ކޯޗުން މިދިޔަ 10 އަހަރު ތަށްޓެއް ނުލިބި. އަހަންނަށް ކާމިޔާބެއް ނުލިބި މިވީ އެންމެ އަހަރެއް. އެހެންވުމުން އެ ކޯޗުންނަށް ވުރެން އަހަރެންގެ ފެންވަރު ސާބިތުކޮށްދޭން ފަސޭހަވާނެ. ބޭނުންވަނީ ސަޕޯޓަރުންނާއި މެނޭޖްމަންޓުގެ އިތުބާރު،" އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް އިރާޝާތްކޮށް މޮރީނިއޯ ބުންޏެވެ.
ކޯޗިން ކެރިއަރުގައި ހަމައެކަނި އިސްކަންދެނީ ކުޅުންތެރިން ގަނެގެން ކުރިއަށް ދިއުމަށް ނޫން ކަމަށާއި ޒުވާން ކުޅުންތެރިން ކުރިއެރުވުމަށް ވެސް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން މޮރީނިއޯ ވަނީ އެޓީމުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަންއާ މަޝްވަރާ ކޮށްފަ އެވެ. މޮރީނިއޯ ބުނީ ފާގަސަން ޔުނައިޓެޑްގައި ހޯދި ކާމިޔާބީ ތަކުރާރު ކުރުމަކީ މަދު އަހަރުތަކެއްގެ ތެރޭގައި ހަމަކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މޮރީނިއޯ ހަވާލުވި ފަހުން ޔުނައިޓެޑަށް ވަނީ ތިން ކުޅުންތެރިން ގެނެސްފަ އެވެ. އެއީ ވިޔަރެއާލްގެ އެރިކް ބެއިލީ އާއި ޕީއެސްޖީގެ ޒަލަޓާން އިބްރަހިމޮވިޗް އަދި ބޮރޫޝިއާ ޑޯޓްމަންޑް ހެންރިކް މިކިތާރްޔަން އެ ޓީމަށް ގެނެސްފަ އެވެ. އަދި ވަަރަށް އަވަހަށް ހަތަރު ވަނަ ކުޅުންތެރިޔެއް ސޮއިކުރާނެ ކަމަށް މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑުން އަންނަނީ ޔުވެންޓަސްގެ ޕައުލް ޕޮގްބާ އާއި ޕީއެސްޖީގެ ބްލައިސް މަޓުއިޑީ އަށް ފާރަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy