ދެ ވަނަ މެސީ އެއް ނާންނާނެ: ޒަވީ

ދޯހާ، ގަތަރު (ޑިސެމްބަރު 25) - ބާސެލޯނާގެ ލިއޮނަލް މެސީ ފަދަ ހުނަރުވެރިއެއް ދެން ފެނިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އޭނާއާ އެކު އެ ޓީމަށް ކުރިން ކުޅުނު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.


ސްޕެނިޝް ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ބާސެލޯނާ އިން ވާދަވެރި ރެއާލް މެޑްރިޑްގެ މައްޗަށް 3-0 އިން ކުރިހޯދިއިރު، މި މެޗުގައި މެސީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެއް ލަނޑު ޖެހުމުގެ އިތުރުން އަލެކްސް ވިޑާލްގެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މެސީ އެވެ.

"ފުޓްބޯޅަ ދަނޑެއް މަތީގައި މެސީ އަށް ނުކުރެވޭނެ ކަމެއް ނެތް. އޭނާގެ ހުނަރު އެހާ ފުރިހަމަ. ބާސެލޯނާގެ ސްޓައިލް ދަމަހައްޓަނީ މެސީ. ވަރަށް ގިނަ ބަޔަކު ހުނަރުވެރި ކުޅުންތެރިއަކު ފެނުނީމަ އެބަ ބުނޭ ނެކްސްޓް މެސީއޭ. އެކަމަކު އަހަރެންގެ ނަޒަރުގައި މޮޅު ކުޅުންތެރިން އަދި ފެންނާނެ. އެކަމަކު މެސީ ސްޓައިލުގެ އެހާ ވިސްނުން ތޫނު އެހެން ކުޅުންތެރިޔަކު އަންނާނެ ކަަމަށް އަހަރެން ގަބޫލެއް ނުކުރަން،" ޒަވީ ބުންޏެވެ.

މެސީ ވަނީ މިދިޔަ 15 ވަރަކަށް ސީޒަނުގައި ކޮންމެ ސީޒަނެއްގައި ބާސެލޯނާ އަށް ލީގުގައި މަދުވެގެން 15 ގޯލު ޖަހައިފަ އެވެ. އޭނާ އަކީ އެލް ކްލަސިކޯ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އަދި ޔޫރަޕްގެ ބޮޑު ލީގެއްގައި އެއް ކްލަބަކަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ވެސް މެސީ އަތުގަ އެވެ. ކުރިން ގާޑް މުލާ އަތުގައި އޮތް ރެކޯޑް މެސީ މުގުރާލީ 526 ގޯލު ހަމަކޮށްގެންނެވެ.

"އަހަރެން ބުނާނީ މެސީ ކުޅުން ހުއްޓާލާއިރު މި ގޮތަށް ބައިވަރެއް ރެކޯޑް ހުންނާނެއޭ އޭނާ އަށް ހާއްސަވެފައި. ފުޓްބޯޅައިގައި މެސީ ވަނީ ގިނަ ބަޔަކަށް މިސާލަކަށް ވެފައި. މިއީ ވަރަށް މަދުން ނޫނީ ކުޅުންތެރިޔަކަށް ހާސިލްކުރެވޭނެ ކަމެއް ނޫން،" ޒަވީ ބުންޏެވެ.

އޭނާ ވަނީ ބާސެލޯނާ ކޯޗުކަމާ ހަވާލުވުމަށް ފަހު އާނެސްޓޯ ވަލްވޭޑޭ އެ ޓީމުގެ ކުޅުމުގެ ސްޓައިލަށް ގެނެސްފައިވާ ބަދަލަށް މަރުހަބާ ކިޔައިފަ އެވެ. އަދި މުޅި ޓީމުގެ ބޭނުން ހިފޭ ވިސްނުމެއްގައި ވަލްވޭޑޭ ކުރިއަށްދާތީ ހުރިހާ ކުޅުންތެރިން ވެސް ތިބީ ކާމިޔާބީ ހޯދަން ކެތްމަދުވެފައިކަން އެ ޓީމުގެ ކުޅުމުން ފެންނަ ކަމަށް ޒަވީ ބުންޏެވެ.