25 ޑިސެމްބަރ 2017 - 08:44
މެންޗެސްޓާ (ޑިސެމްބަރު 25) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އަށް އާ އެއްބަސްވުމެއް ދިނުމަށް އެ ކްލަބުން ބާއްވަމުން އައި މަޝްވަރާތައް މަޑުޖައްސާލައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ސީޒަނުގައި މޮރީނިއޯ ޔުނައިޓެޑާ ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މޮރީނިއޯ ވަނީ ފުރަތަމަ ސީޒަނުގައި ޔުނައިޓެޑަށް ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދީފަ އެވެ. އަދި އެކަމަކު ސަބަބުންނާއި މި ސީޒަނުގެ ފުރަތަމަ މެޗުތަކުން ޔުނައިޓެޑްގެ ނަތީޖާތައް ރަނގަޅުވުމުން އެ ކްލަބުގެ ބޯޑުން ވަނީ މޮރީނިއޯ އަށް އާ އެއްބަސްވުންތަކެއް ދިނުމަށް މަޝްވަރާތައް ފަށައިފަ އެވެ.
އެހެން ނަމަވެސް އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ޔުނައިޓެޑަށް މޮޅެއް ނުހޯދުނުއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ވަނީ މިހާރު 13 ޕޮއިންޓަށް ބޮޑުވެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯ އަށް ދޭން ޔުނައިޓެޑުން މަޝްވަރާކުރަމުން އައީ އިތުރު ތިން އަހަރުގެ އެއްބަސްވުމެކެވެ. މޮރީނިއޯ މި ވަގުތު ޔުނައިޓެޑުގެ ކޮންޓްރެކްޓްގައި ހުރީ އަހަރަކު 12 މިލިއަން ޕައުންޑަށެވެ. ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯ ވަނީ އެއްބަސްވުން އާ ކުރާނަމަ 15 މިލިއަން ޕައުންޑަށް މުސާރަ ބޮޑު ކުރަން އެދިފަ އެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވިފަހުން އެ ޓީމުން ވަނީ މިހާތަނަށް 300 މިލިއަން ޕައުންޑް ކުޅުންތެރިން ގަންނަން ހަރަދުކޮށްފަ އެވެ. އަދި އަންނަ މަހުގެ ޓްރާންސްފާގައި އިތުރު ކުޅުންތެރިން ހޯދަން މޮރީނިއޯ ވަނީ 60 މިލިއަން ޕައުންޑް ހޯދަން އެދިފަ އެވެ. އެހެން ނަމަވެސް ބޯޑުން މޮރީނިއޯ އަށް އަންގާފައިވަނީ އިތުރު ކުޅުންތެރިން ހޯދޭނީ ޓީމުގައި މިހާރު ތިބި ބައެއް ކުޅުންތެރިން ވިއްކައިގެން ކަމަށެވެ.
ބޮޑު ހަރަދުކޮށްގެން މޮރީނިއޯ އަށް ޔުނައިޓެޑުގައި އެކަށީގެންވާ ރަނގަޅު ނަތީޖާތަކެއް ނުނެރެވޭއިރު، އެ ޓީމަށް ކުރިން ކުޅުނު ކުޅުންތެރިން އަންނަނީ މޮރީނިއޯ އެ ޓީމު ލައްވާ ކުޅުވާ ސްޓައިލަށް ފާޑުކިޔަމުންނެވެ.
މޮރީނިއޯ ޔުނައިޓެޑް ދޫކޮށްލައިފިނަމަ އޭނާ ދެން ފެނުން އެންމެ ގާތީ ފްރާންސްގެ ގަދަބާރު ޕީއެސްޖީން ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޕީ
25 December 2017
މޮރީނިއޯ އަކީ މޮޅު ކޯޗެއް. އެކަމަކު މިހާރު މެންޗެސްޓަރ ލައްވާ ކުޅުވާ ގޮތުން އަސްލު ކަޑައީ..
ސަރ އެލެކްސް
25 December 2017
ފަހަތުގަ ބަސް ޕާކުކޮށްގެން ހުރިހާ ކުޅުންތެރިން ލަށްވާ ޑިފެންސް ކޮށްގެން ކުޅޭ ޑިފެންސިވް ގޭމް ޕްލޭން އަކީ މެންޗެސްޓަރ ޔުނައިޓެޑް އާ ގުޅޭ ސްޓައިލްގެ ސިސްޓަމެއް ނޫން، އަހަރުމެން މެންޗެސްޓަރ ޔުނައިޓެޑް ދަންނަނީ އެޓޭކް ކޮށް ކުޅެގެން މޮޅުވާން މަސައްކަތްކުރާ ޓީމެއްގޮތުގަ.
ލަކީ
25 December 2017
ޢުފާވެރި ޙަބަރެއް
ރަދީފް
25 December 2017
ދަ ސްޕެޝަލް ވަން އެއީ މޮޅު ކޯޗެއް.
ނިޒާމް
25 December 2017
އިފޫ ވަރަ ހިތާމަ ކުރާނެ