29 ޑިސެމްބަރ 2017 - 12:22
ޕީއެސްޖީގެ އާޖެންޓީނާ ވިންގާ އެންހެލް ޑި މަރިއާ ގަތުމަށް ބާސެލޯނާ އިން ކޮށްފައިވާ ޕްލޭނައިގެން އަންނަ މަހުގެ ޓްރާންސްފާގައި ކުރިއަށްދާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޑި މަރިއާ އަށް މި ސީޒަނުގައި ޕީއެސްޖީން އެކަށީގެންވާ ފުުރުސަތުތަކެއް ނުލިބެ އެވެ. އުނަރި އެމެރީގެ ކޯޗުކަމުން ދަށުން މި ސީޒަނުގެ ފްރެންޗް ލީގުގައި ޑި މަރިއާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ އެންމެ 10 މެޗުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާ އޮތީ ޑި މަރިއާ ގަތުމަށް ފުރަތަމަ 45 މިލިއަން ޔޫރޯ އަދި އިތުރު 15 މިލިއަން ޔޫރޯއާ އެކު ޖުމްލަ 60 މިލިއަން ޔޫރޯ ހަރަދުކުރަން ތައްޔާރަށެވެ.
ސްޕެނިޝް ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތްއިރު ލީގު ކާމިޔާބުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ޖެނުއަރީ މަހު އެ ޓީމުން ސްކޮޑް ވަރުގަދަކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ޑި މަރިއާ ގެންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނާއިރު އެ ޓީމުގެ ސްޕެނިޝް ވިންގާ ޖެރާޑް ޑެއޮލެފުއޭ ލޯނެއްގެ ދަށުން ހޯދަން އިންޓަ އިން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
ޑި މަރިއާ އަކީ ބާސެލޯނާއާ ވާދަވެރި ރެއާލް މެޑްރިޑަށް 2010 އިން 2014 އަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. އޭގެ ފަހުން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ އަދި ފަހުން ޕީއެސްޖީގައި ވެސް ޑި މަރިއާ އަށް އޭނާގެ އެންމެ މޮޅު ކުޅުން ނުދެއްކެ އެވެ.
ޕީއެސްޖީން މި ފަހަރުގެ ޓްރާންސްފާގައި ބޮޑު ހަރަދެއްކޮށްފައިވާއިރު އެ ހަރަދު ފޫބެއްދުމަށް އެ ކްލަބުން ކުޅުންތެރިން ވިއްކާނެ ކަމަށް ބެލެވެ އެވެ.
ބާސެލޯނާ އިން މީގެ ކުރިން ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރި ކުޅުންތެރިޔެއް ކަމަށްވާ ލިވަޕޫލުގެ ބްރެޒިލް މިޑްފީލްޑަރު ހޯދަން ވެސް ޕީއެސްޖީން މަސައްކަތްކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންވެ ޑި މަރިއާ ވިއްކާލުމަށް ފަހު ޕީއެސްޖީން ކުޓީނިއޯ ގެނެސްފާނެ ކަމަށް ލަފާކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy