12 ޖެނުއަރީ 2018 - 10:03
ބާސެލޯނާ (ޖެނުއަރީ 12) - ލިއޮނަލް މެސީ އަކީ ބާސެލޯނާގެ ނަސީބު ކަމަށާއި އޭނާ ހުރިހާ ދުވަހަކު އެ ޓީމު ދާނީ ކުރިއަށް ކަމަށް ބާސެލޯނާ އަށް ކުޅޭ ސްޕެއިނުގެ ފުލްބެކް ޖޯޑީ އަލްބާ ބުނެފި އެވެ.
ސްޕެނިޝް ކަޕްގައި ރޭ ސެލްޓަ ވިގޯ އަތުން 5-0 އިން މޮޅުވެ ބާސެލޯނާ ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ބާސެލޯނާ ކުއާޓާ އަށް ދަތުރުކުރީ 6-1 ގެ އެގްރިގޭޓް ނަތީޖާ އަކުން ކުރިހޯދައިގެންނެވެ.
ރޭގެ މެޗު ފަށައިގެން ފުރަތަމަ 15 މިނިޓް ތެރޭ ބާސެލޯނާ އިން ދެ ގޯލުގެ ލީޑެއް ނެގީ މެސީ ޖެހި ދެ ލަނޑުންނެވެ. މި ދެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ އަލްބާ އެވެ.
މެޗަށް ފަހު އަލްބާ ވަނީ މެސީ އަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.
"މެސީއާ އެއް ޓީމަކަށް ކުޅުމަކީ ޝަރަފެއް. އޭނާ އަކީ ފުޓްބޯޅަ ތާރީހުގައި އައި އެންމެ މޮޅު ކުޅުންތެރިޔާ. މެސީ އަކީ ބާސެލޯނާގެ ނަސީބު. އޭނާ ހުރުމަކީ އަބަދުވެސް ބާސެލޯނާ އަށް އޮތް އެޑްވާންޓޭޖެއް،" އަލްބާ ބުންޏެވެ.
މެސީގެ އިތުރުން ރޭގެ މެޗުގައި ބާސެލޯނާގެ އަނެއް ލަނޑުތައް ކާމިޔާބުކުރީ އަލްބާ އާއި ލުއިސް ސުއަރޭޒް އަދި އިވާން ރަކިޓިޗް އެވެ. މި މެޗު ބެލުމަށް ދާދި ފަހުން ބާސެލޯނާ އަށް ބަދަލުވި ފިލިއްޕޭ ކުޓީނިއޯ ވަނީ ދަނޑަށް ގޮސްފަ އެވެ.
ކުޓީނިއޯ އަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ އޭނާ އަށް ކުޅުމަށް އެނބުރި އާދެވޭނީ ތިން ހަފްތާ ފަހުން ކަމަށް ބާސެލޯނާ އިން ވަނީ ބުނެފަ އެވެ. ކުޓީނިއޯ އަށް ކުޅެވޭނީ ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕުގަ އެވެ. ޗެމްޕިއަންސް ލީގުގެ މެޗުތަކުގައި އޭނާ އަށް ނުކުޅެވޭނެ އެވެ. އެއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އޭނާ ލިވަޕޫލަށް ކުޅެފައިވުމުންނެވެ.
ސްޕެނިޝް ކަޕްގެ ކުއާޓާ ފައިނަލުން ބާސެލޯނާގެ އިތުރުން ޖާގަ ހޯދީ ރެއާލް މެޑްރިޑް، އެތުލެޓިކޯ މެޑްރިޑް، ވެލެންސިއާ، ލެގަނޭޒް، އަލާވެސް، އެސްޕަންޔޯލް އަދި ސެވިއްޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެތަރީނާ
12 January 2018
ތިއީ ހަމަ ތެދެއް. މެސީ ނެތްނަމަ ބާސާއެއް މިފެންވަރާ ކައިރިވެސް ނުވާނެ.
ޝިއާން ޝަރީފް
12 January 2018
އަސްލުވެސް މެސީ މާމޮޅު