މެސީގެ އާ ބޫޓު ސީރީސް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
27 ޖެނުއަރީ 2018 - 13:59
ބާސެލޯނާ (ޖެނުއަރީ 27) - މި ސީޒަނުގައި ބާސެލޯނާއިން އަމާޒުހިފާފައިވަނީ ތިން ތަށްޓައް ކަމަށް އެ ޓީމަށް ކުޅޭ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.
ސްޕެނިޝް ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުން ބާސެލޯނާ ފުރުސަތު ހޯދާފައިވާއިރު، އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ވެސް ޖާގަ ހޯދައިފަ އެވެ. ޗެމްޕިއަންސް ލީގުގައި އެ ޓީމު ވާދަކުރާނީ ޗެލްސީއާ އެވެ.
ބާސެލޯނާ އަކީ މިހާތަނަށް ސީޒަނުގެ ތިން މުބާރާތް ދެ ފަހަރެއްގެ މަތިން ކާމިޔާބުކުރި ހަމައެކަނި ސްޕެއިނުގެ ޓީމެވެ. އެ ޓީމުން އެކަން ހާސިލްކުރީ 2009 ވަނަ އަހަރު ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި އަދި 2015 ވަނަ އަހަރު ލުއިސް އެންރީކޭގެ ކޯޗުކަމުގަ އެވެ.
"ކޮންމެ ސީޒަނެއްގައި ވެސް ބާސެލޯނާގެ އަމާޒަކީ ހުރިހާ މުބާރާތެއް ކާމިޔާބުކުރަން. އަހަރެންގެ އަމިއްލަ އަމާޒެއް ނެތް. އިންޑިވިޖުއަލް ކާމިޔާބީ އަށް ވުރެން ޓީމަށް ކާމިޔާބު ހޯދަން އަހަރެންގެ ވިސްނުން ހުރީ. މިހާތަނަށް ސީޒަން ދިޔައީ ވަރަށް ރަނގަޅަށް. މި ގޮތުގައި ހިފަހައްޓާލެވޭނެ،" މެސީ ބުންޏެވެ.
ބާސެލޯނާ މި ސީޒަނުގައި ބަލިވެފައިވަނީ ސްޕެނިޝް ކަޕުގައި ރަށުން ބޭރުގައި ވާދަވެރި އެސްޕަންޔޯލް އަތުންނެވެ. މެސީ ބުނީ އެސްޕަންޔޯލާ ދެކޮޅަށް ކުޅުނު އެ މެޗުން ބަލިވި ނަމަވެސް ގެއްލުނު އެއްޗެއް ނެތް ކަމަށާއި މާޔޫސްނުވާ ކަމުގެ ހެއްކަކީ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގެ މެޗުން ނަތީޖާ އަނބުރާލުން ކަމަށެވެ.
މެސީ ވަނީ އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ އަށް ތައުރީފްކޮށްފަ އެވެ.
"މިހާރުގެ ކޯޗު (ވަލްވޭޑޭ) ވަރަށް ރަނގަޅަށް އޭނާ ހާސިލްކުރަން ބޭނުންވާ ކަންތައްތައް ބުނެދޭނެ. އަހަންނަށް ފެނޭ ކުރީގައި ކާމިޔާބު ހޯދިއިރު ހުރި ކޯޗުންނާ މި ކޯޗުގެ އެއްގޮތް ކަންތައްތަކެއް. އެއީ ވަރަށް ބޮޑު ހިތްވަރެއް ލިބޭ،" މެސީ ބުންޏެވެ.
މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑުން ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ހޯދިއިރު، ބާސެލޯނާ އަށް އެއީ ކާމިޔާބު އަހަރެއް ނޫން ކަމަށާއި އެކަން ތަކުރާރުވިޔަ ނުދިނުމަށް މުޅި ޓީމު އޮތީ އެކަތިގަނޑަކަށްވެފައި ކަމަސް މެސީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެނަލްޑޯ
30 January 2018
މަރުހަބާ މިހާރު އެއްކަލަ ޕެނަލްޑޯ ކޮބައިބާ
ޕެނާލްޑޯ
28 January 2018
ބުރޯ ސާބަސް އެއައްވުރެން ގިނައިންވެސް ނެގޭތޯ ހިއްވަރު ކޮށްލާ
ޚާނިމް
28 January 2018
ނުވާނެ ތިކަމެއް... ހަނދާން ނައްތާލާ
ވެންގާ
27 January 2018
ލޮލް
ރަދީފް
27 January 2018
ސާބަހޭ މެސީ.ވާންކޮއްފަ ބަހައްޓާތި.އިރާދަފުޅުން ގިނަ ކާމިޔާބީތައް ލިބޭނެ.