ޔުވެންޓަސްގެ ފޯވާޑް ހިގައިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
10 ފެބުރުއަރީ 2018 - 11:38
ފްލޮރެންސް (ފެބްރުއަރީ 10) – ފިއޮރެންޓީނާ އަތުން 2-0 އިން މޮޅުވެ އިޓާލިއަން ލީގުގެ އެއް ވަނަ އަށް ޗެމްޕިއަންސް ޔުވެންޓަސް އަރައިފި އެވެ.
އެ ޓީމު 62 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ދެ ވަނައިގައި 60 ޕޮއިންޓާ އެކު އޮތް ނަޕޯލީ މިރޭ ލާޒިއޯ އަތުން މޮޅުވެއްޖެ ނަމަ އަލުން އެއް ވަނަ އަށް އަރާނެ އެވެ.
ފިއޮރެންޓީނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 18 ވަނަ މިނެޓުގައި ޔުވެންޓަސްގެ ޖިއޯޖިއޯ ކިއެލީނީގެ އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުނު ކަމަށް ބަލައި ފިއޮރެންޓީނާ އަށް ރެފްރީ ޕެނަލްޓީއެއް ދިނެވެ. އެކަމަކު އެ ޕެނަލްޓީ ޖަހަން ތައްޔާރުވެފައިވަނިކޮށް ވީޑީއޯ ރީޕްލޭ ބެލުމަށް ފަހު ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
މި މެޗުގެ 56 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑު ނަގައިދިނީ ފިއޮރެންޓީނާގެ ކުރީގެ ފޯވާޑް ފެޑެރިކޯ ބާނަޑޭސްކީ އެވެ. ދެ ވަނަ ލަނޑު 86 ވަނަ މިނެޓުގައި ކާމިޔާބުކުރީ ގޮންޒާލޯ ހިގައިން އެވެ.
ރޭގެ މެޗަކީ ޔުވެންޓަސްގެ ގޯލްކީޕަރު އަދި ކެޕްޓަން ޖިއަންލުއިޖީ ބުފޮން އިޓާލިއަން ލީގުގައި ޔުވެންޓަސްގެ ގޯލް ބެލެހެއްޓި 500 ވަނަ މެޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy