28 ފެބުރުއަރީ 2018 - 09:19
މެންޗެސްޓާ (ފެބްރުއަރީ 28) - ދުނިޔޭގެ އެންމެ މަޝްހޫރު އެއް ދުވުންތެރިޔާ ޖެމެއިކާގެ އުސެއިން ބޯލްޓް އަންނަ ޖޫން މަހު އޮންނަ ސެލެބްރިޓީ ޗެރިޓީ ފުޓްބޯޅަ މެޗެއް ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑު އޯލްޑް ޓްރެފޯޑްގައި ޖޫން މަހު 10 ވަނަ ދުވަހު ކުޅޭ މި މެޗަކީ ޔުނިސެފުން އިންތިޒާމްކުރާ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ އިންގްލެންޑްގެ ޓީމަކާއި ސެލެބްރިޓީންގެ ޓީމެކެވެ. ބޯލްޓަކީ ސެލެބްރިޓީންގެ ޓީމުގެ ކެޕްޓަނެވެ.
"ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުމަކީ އަހަރެންގެ ހުވަފެނެއް. ދުނިޔޭގެ ފުޓްބޯޅައިގެ ގިނަ ލެޖެންޑުންނާ އެކު މެޗެއް ކުޅެލަން ލިބުމުން އަހަރެން މިހުރީ ވަރަށް އުފަލުން،" ދުނިޔޭގައި އުފެދުނު އެންމެ ވަރުގަދަ އެއް ސްޕްރިންޓަރު ބުންޏެވެ.
އުމުރުން 31 އަހަރުގެ ބޯލްޓަކީ މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރެކެވެ. އޭނާ ވަނީ މީގެ ކުރިން ގިނަ ކްލަބްތަކުގެ ޓްރެއިނިންތަކުގައި ކުޅުންތެރިންނަށް ތަމްރީންދޭން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި ޖަރުމަނުގެ ބައެއް ކްލަބްތައް ހިމެނެ އެވެ. ބޯލްޓް ވަނީ އޮލިމްޕިކްސްގެ އިންޑިވިޖުއަލް ހަ ރަން މެޑަލާއި ވޯލްޑް ޗެމްޕިއަންޝިޕުން ހަތް ރަން މެޑަލް ހޯދައިފަ އެވެ.
ޔުނިސެފުން އިންތިޒާމްކުރާ ސޮކަ އެއިޑް ގޭމަކީ 2006 ވަނަ އަހަރުން ފެށިގެން އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ހާއްސަ ޗެރިޓީ މެޗެކެވެ. މި މެޗު މެދުވެރިކޮށް މިހާތަނަށް 24 މިލިއަން ޕައުންޑް ވަނީ ހޯދައިފަ އެވެ. މި ފައިސާ ހަރަދުކުރާނީ ޔުނިސެފް މެދުވެރިކޮށް ކުޑަކުދިންނަށް އެހީތެރިވުމަށެވެ. މި މެޗުގައި މީގެ ކުރިން ކުޅެފައިވާ މަޝްހޫރު ފުޓްބޯޅަ ތަރިންގެ ތެރޭގައި ޑިއޭގޯ މަރަޑޯނާ، ރޮނާލްޑީނިއޯ އަދި އެލަން ޝިއަރާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy