ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ: އޭނާ ބުނަނީ މިއީ އެ ޓީމަށް ކާމިޔާބު ސީޒަނެއް ކަމަށް.-- ފޮޓޯ: އޭއެފްޕީ
24 މެއި 2016 - 19:27
ބާސެލޯނާ (މޭ 23) - ޔޫއޭފާ ޗެމްޕިއަންސް ލީގު ނުލިބުނަސް މިއީ ކާމިޔާބު ސީޒަނެއް ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
ބާސެލޯނާ އަށް މި ސީޒަނުގައި ގެއްލުނީ ޔޫއޭފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ސުޕަ ކަޕެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިިވިއިރު، ސްޕެނިޝް ސުޕަ ކަޕުގައި ބަލިވީ އެތުލެޓިކް ބިލްބާއޯ އަތުންނެވެ.
"އަހަރެމެންގެ ސީޒަން ކާމިޔާބު. ހަތަރު ތައްޓާ އެކު ސީޒަން ނިންމާލެވުމުން ވަރަށް ހިތްހަމަޖެހޭ. ޗެމްޕިއަންސް ލީގު ނުލިބުމުގެ މާޔޫސްކަމެއް ނެތް،" އެންރީކޭ ބުންޏެވެ.
އެންރީކޭ ބުނީ އަންނަ ސީޒަނުގައި ބާސެލޯނާ ފެންނާނީ މިހާރަށް ވުރެން ވަރުގަދަކޮށް ކަމަށާއި ޓީމު ވަރުގަދަ ކުރުމަށް އިތުރު ކުޅުންތެރިން ގެންނަން ނިންމާފައިވާ ކަމަށެވެ.
ކޮޕަ ޑެލްރޭ ތަށްޓާ އެކު ބާސެލޯނާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ބާސެލޯނާ ސީޒަން ނިންމާލީ ކޮޕަ ޑެލްރޭ ފައިނަލުގައި ވާދަވެރި ކުޅުމަކަށް ފަހު 2-0 އިން ސެވިއްޔާ ބަލިކޮށް 28 ވަނަ ފަހަރަށް އެ މުބާރާތް ކާމިޔާބު ކޮށްގެންނެވެ. އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅެން ޖެހުނު ނަމަވެސް ބާސެލޯނާ ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ.
މެޗުގެ 36 ވަނަ މިނެޓްގައި ބާސެލޯނާގެ ޑިފެންޑަރު ހަވިއޭ މަޝެރާނޯ އަށް ވަނީ ސެވިއްޔާގެ ކެވިން ގަމޭރޯ އަށް ކުރި ފައުލަކަށް ރަތް ކާޑު ދައްކައިފަ އެވެ. މި މެޗުގެ އިތުރު ވަގުތުގައި ސެވިއްޔާގެ އެބަ ބަނޭގާ އާއި ޑެނީ ކަރީޗޯ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
ބާސެލޯނާ އިން މި މެޗުގައި ޖެހި ދެ ލަނޑު ކާމިޔާބު ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި ޖޯޑީ އަލްބާގެ ލަނޑުން ބާސެލޯނާ ލީޑު ނެގި އިރު، ދެ ވަނަ ހާފްގައި ނޭމާ ވެސް ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ.
އެންރީކޭ ބުނީ ޔޫރޮޕާ ލީގު ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ސެވިއްޔާ ދެއްކި ކުޅުމަށް ބެލުމަށް ފަހު އެ ޓީމު އަތުން މޮޅުވާން އުނދަގޫ ވާނެކަން މެޗުގެ ކުރިން ވެސް އެނގޭ ކަަމަށެވެ. ނަމަވެސް ބާސެލޯނާގެ އެންމެ ރަނގަޅު ފޯމުގައި ކުޅެފި ނަމަ މޮޅުވެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އެންރީކޭ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy