ޕީއެސްޖީގެ ރައީސް ހެއްލާފީ (ވ) އާއި ނޭމާ.-- ފޮޓޯ: އޭއެފްޕީ
16 މާޗް 2018 - 09:45
ރިއޯ ޑި ޖަނޭރޯ، ބްރެޒިލް (މާޗް 16) - އަނިޔާގައި ހުރި ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާއާ ބައްދަލުކުރަން ޕީއެސްޖީގެ ރައީސް ނާސިރު އަލް ހެއްލާފީ ބްރެޒިލަށް ވަޑައިގެންފި އެވެ.
އަންނަ ސީޒަނުގައި ނޭމާ ޕީއެސްޖީން ފެނުމުގެ ފުރުސަތު ކުޑަކަމަށް މީޑިއާގައި އަޑުފެތުރިފައިވާއިރު، ޕީއެސްޖީގެ ޗީފް އެގްޒެކްޓިވް އެންޓެރޯ ހެންރީކޭ ވެސް ވަނީ ނޭމާ އެ ޓީމުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ނުދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
ނޭމާ ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރަނީ ރެއާލް މެޑްރިޑުންނެވެ. އަދި އޭނާގެ ކުރީގެ ކްލަބް ބާސެލޯނާ އިން ވެސް އަލުން ނޭމާ އެ ޓީމާ ގުޅެން ބޭނުންނަމަ މަރުހަބާ ކިޔާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފްރާންސް ލީގުގައި އޮލިމްޕިކް މާސޭއާ ދެކޮޅަށް މިދިޔަ މަހު ޕީއެސްޖީ ކުޅުނު މެޗުގައި ނޭމާގެ ފައި ފުރޮޅާލައި ކުޑަހުޅު ދުޅަވެ އަދި ފައިތިލައިގެ ކަށިކޮޅެއްގައި ވަނީ ރެނދު ލައިފަ އެވެ. ނޭމާ ވަނީ މި އަނިޔާއިން ރަނގަޅުވުމަށް ބްރެޒިލުގެ ގައުމީ ޓީމުގެ ބެލުމުގެ ދަށުން ސާޖަރީ ހަދައިފަ އެވެ. އޭނާ ފިޓްވާނެ ކަމަށް ބެލެވެނީ ވޯލްޑް ކަޕަށެވެ.
ބްރެޒިލްގެ މެޑިކަލް ޓީމުގެ ބެލުމުގެ ދަށުން ނޭމާގެ ރިހެބިލިޓޭޝަން ކުރިއަށްދާއިރު، ޕީއެސްޖީގެ ރައީސް ހެއްލާފީ ބްރެޒިލަށް ވަޑައިގަތީ ނޭމާގެ މުސްތަގުބަލާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ކުރުމަށް ކަމަށް ބްރެޒިލްގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
ނޭމާގެ ނަމުގައި ހަދާ އެކެޑަމީގެ މަސައްކަތް ފެށުމުގެ ވާހަކަތަކަށް ފަހު ޕީއެސްޖީގެ ރައީސް ހެއްލާފީ (ވ) އާއި ނޭމާގެ ބައްޕަ ޖާޒީއެއް ދައްކާލަނީ. -- ފޮޓޯ: އޭއެފްޕީ
ހެއްލާފީގެ މި ދަތުރުގައި މި ސީޒަނުގައި ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީއާ ނޭމާ ގުޅުނުއިރު އެއްބަސްވެވުނު ބައެއް ކަންތައްތަކުގެ މަޝްވަރާތަކެއް ވެސް ވަނީ ކުރެވިފަ އެވެ. އެއީ ނޭމާގެ ނަމުގައި ބްރެޒިލްގައި އެކެޑަމީއެއް ހުޅުވުމުގެ މަސައްކަތެވެ.
ހެއްލާފީ އާއި ނޭމާގެ ބައްޕަ ބްރެޒިލްގެ މީޑިއާތަކާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ނޭމާގެ ބައްޕަ ބުނީ ޕީއެސްޖީގައި ނޭމާ އަށް މުސްތަގުބަލު އެބައޮތް ކަމަށެވެ.
ސްޕެއިނުގެ މީޑިއާތަކުން މިދިޔަ ހަފްތާގައި ރިޕޯޓްކުރި ގޮތުގައި ނޭމާގެ ބައްޕަ ފާއިތުވި ހަފްތާގައި ޕެރިހުގައި ދެ ވަކީލުންނާ އެކު ރެއާލް މެޑްރިޑްގެ އޮފިޝަލުންނާ ބައްދަލުކުރި އެވެ. އެ ބައްދަލުވުމުގައި ނޭމާގެ ބައްޕަ ހުށަހެޅީ ޕީއެސްޖީއާ އެކު ނޭމާ ސޮއިކުރި އެއްބަސްވުމުގައި ފުރިހަމަ ކޮށްދޭން އެ ޓީމުން ހުށަހެޅި ގިނަ ކަންތައްތަކެއް ނުކޮށްދީ ހުރުމުން އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ރެއާލަށް ބަދަލުވުމުގެ ކަންތައް ކުރިއަށް ގެންދިއުމަށެވެ.
ރެއާލުން ބޭނުންވީ ޕީއެސްޖީއާ އެކު ނޭމާ ހަދާފައި އޮތް ކޮންޓްރެކްޓް ބާތިލްކުރުމަށް 400 މިލިއަން ޔޫރޯގެ ސެޓްލްމަންޓް ފީ އެއް ދެއްކުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy