ބާސެލޯނާގެ ކޯޗު ވަލްވޭޑޭ.-- ފޮޓޯ: އޭއެފްޕީ
18 މާޗް 2018 - 10:53
ބާސެލޯނާ (މާޗް 18) - ބާސެލޯނާ އަށް ކުރިން ކޯޗުކޮށްދިން ލުއިސް އެންރީކޭ އާއި ޕެޕް ގާޑިއޯލާ ހޯދި ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރުމަކީ އެ މީހުން ކޮޕީ ކުރުން ނޫން ކަމަށް ބާސެލޯނާގެ ކޯޗު އޭނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.
އެންރީކޭ އާއި ގާޑިއޯލާ ވަނީ ބާސެލޯނާއާ އެކު ސީޒަންގެ ތިން މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ވަލްވޭޑޭ މި ސީޒަނުގައި ބާސެލޯނާއާ ހަވާލުވެ މިހާތަނަށް ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު އޭނާ އަށް ވެސް އެ ޓީމު ގޮވައިގެން ތިން މުބާރާތް ކާމިޔާބު ކުރެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
"އެންރީކޭ އާއި ގާޑިއޯލާ އަށް އަހަރެން އިހުތިރާމް ކުރަން. އެކަމަކު ބާސެލޯނާގައި އަހަރެން މަސައްކަތް މި ކުރަނީ އަމިއްލަ ވިސްނުމުގައި. ވަކި މީހެއް ކޮޕީއެއް ނުކުރަން. ތިން މުބާރާތް ކާމިޔާބު ކުރަން އުޅުމަކީ ވަކި މީހަކަށް ވުރެ މޮޅުވާން އުޅުމެއް ނޫން،" ވަލްވޭޑޭ ބުންޏެވެ.
ސްޕެނިޝް ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ސްޕެނިޝް ކަޕް ފައިނަލުގައި ބާސެލޯނާ ނުކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ. އަދި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާ ކުޅެން ޖެހޭނީ އިޓަލީގެ ރޯމާއާ އެވެ.
"ގްރޫޕް ސްޓޭޖުގައި ރޯމާ ވަނީ އެތުލެޓިކޯ އާއި ޗެލްސީ ފަހަތަށް ޖައްސާލާފައި. ރޯމާ ވަނީ 3-0 އިން ޗެލްސީ ބަލިކޮށްފައި. އަހަރެމެންނަށް ޗެލްސީ އަތުން މޮޅުވެވުނީ ވެސް އެހެން. ދެން ވިސްނަން ޖެހޭ އަނެއް ކަމަކީ ރޯމާ ވަނީ އެތުލެޓިކޯ ގްރޫޕް ސްޓޭޖުން ކަޓުވާލާފައި. އެއީ އަހަރެމެންނާ އެކު ލީގަށް ވާދަކުރަން އޮތް ޓީމު،" ވަލްވޭޑޭ ބުންޏެވެ.
ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ ނުކުންނާނީ ވަލްވޭޑޭ ކުރިން ކޯޗުކޮށްދިން އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 20:15 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑަމް
18 March 2018
އެއުޅެނީ ސްޒޭން ކޮޕީ ކޮށްގެން
މަގޭބާސާ
18 March 2018
އިރާދަކުރެއްވިއްޔާ މިސީޒަންގަ 3 ތަށި ނެގޭނެ
ރަދީޕް
19 March 2018
ކޮފީ ތަށި، ސައި ތަށި، ޖޫސް ތަށި، އެހެންނު؟
ރަދީފް
18 March 2018
މިކަމާއި މެދު ސުޒޭނުގެ ބަހަކީ ކޮބާ؟؟
ފދފގ
18 March 2018
ސުޒޭނު ބަހެއް ނުބުނާނެ، އަތުން އިޝާރާތެއް ކޮށްލާނީ