ޕީއެސްޖީގެ ބްރެޒިލް ޑިފެންޑަރު މާކުއީނިއޯސް.-- ފޮޓޯ: އޭއެފްޕީ
20 ޖުލައި 2016 - 10:55
ޕެރިސް، ފްރާންސް (ޖުލައި 20) - ބާސެލޯނާ އިން ލިބޭ ފުރުސަތަކަށް ނޫނެކޭ ބުނުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރު މާކުއީނިއޯސް ބުނެފި އެވެ.
ޕީއެސްޖީން 2013 ވަނަ އަހަރު 31.2 މިލިއަން ޔޫރޯ އަށް ގަތް މާކުއީނިއޯސް ވަނީ މިދިޔަ ތިން ސީޒަނުގައި ޕީއެސްޖީ ފަހަތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެއާ އެކު ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ވަނީ އޭނާ ހޯދަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
މާކުއީނިއޯސް ބުނީ ބާސެލޯނާ އަކީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ މޮޅު ކްލަބް ކަމަށެވެ.
"މިއީ ފަސޭހަ ކަމެއް ނޫން. ދުނިޔޭގެ އެންމެ މޮޅު ކްލަބް ބާސެލޯނާގެ ހުށަހެޅުމަށް ނޫނެކޭ ބުނުމަކީ ފަސޭހަ ކަމެއް ނޫން،" މާކުއީނިއޯސް ބުންޏެވެ.
މާކުއީނިއޯސް ބުނީ އޭނާ ވިއްކާލަން ޕީއެސްޖީން އެއްބަސްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"ޕީއެސްޖީން މިވަނީ އަހަންނާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފައި. ޕީއެސްޖީން އަހަރެން ވިއްކާލަން އެއްބަހެއް ނުވާނެ. އެކަމަކު ކުރިއަށްވާން ހުރި ކަމެއް ބުނަން ނޭނގޭ،" އޭނާ ބުންޏެވެ.
ބާސެލޯނާ އިން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ތިން ޑިފެންޑަރުން ކަމަށްވާ ރާންސްގެ ސެމިއުލް އުމްޓީޓީ އާއި ލޫކަސް ޑީނޭ އަދި ސްޕެއިންގެ ޑެނިސް ސުއާރޭޒް ގެނެސްފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި އެ ޓީމަށް މާކުއީނިއޯސް ލިބިއްޖެނަމަ ތޯމަސް ވަމައެލަން ނޫނީ ޖެރެމީ މެތިއު ވިއްކާލާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
20 July 2016
ބާސާގެ ވާދަވެރި ކްލަބަށް ނޫނެކޭ ބުނައްޗޭ.