ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ (ކ) އެ ޓީމުގެ މިޑްފީލްޑަރު މަޓާއާ އެކު.-- ފޮޓޯ: އޭއެފްޕީ
22 ޖުލައި 2016 - 17:32
މެންޗެސްޓާ (ޖުލައި 22) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ސްޕެއިނުގެ މިޑްފީލްޑަރު ހުއަން މަޓާ ވިއްކާލުމުގެ ވިސްނުމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މަޓާ އަކީ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުރިން ޗެލްސީ އަށް ކުޅުނު ކުޅުންތެރިއެކެވެ. މޮރީނިއޯ 2013 ވަނަ އަހަރު ޗެލްސީގެ ކޯޗުކަމާ ހަވާލުވި ސީޒަނުގައި މަޓާ ގިނަ މެޗުތަކުގައި އިންނަން ޖެހުނީ ބެންޗުގަ އެވެ. އަދި 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު ޓްރާންސްފާގައި މަޓާ ޔުނައިޓެޑަށް ބަދަލުވީ ޗެލްސީން ފުރުސަތު ނުލިބޭތީ އެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވުމުން ޔުނައިޓެޑުން ވިއްކާލާނެ ކުޅުންތެރިންގެ ތެރޭގައި މަޓާ ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް މޮރީނިއޯ ވަނީ އެކަން ދޮގުކޮށްފަ އެވެ.
"މަޓާ އަކީ ޔުނައިޓެޑްގެ ކުޅުންތެރިއެއް. އަހަރެންގެ ޓީމުން މަޓާ އަށް ފުރުސަތު އެބައޮތް. އޭނާ ވިއްކާލުމުގެ ވިސްނުމެއް ނުގެންގުޅެން. އަހަރެން މަޓާ ވިއްކާލަން އުޅޭ ކަަމަށް ބުނެ ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ ޓްރާންސްފާ މާކެޓް އަންނަ މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ހުޅުވިފައި ހުންނާނެ ކަމަށާއި ހިތްހަމަ ނުޖެހޭ ކުޅުންތެރިއަކު ކްލަބް ދޫކޮށްލަން އެދޭނަމަ މަޝްވަރާ ކުރުމަށް ފަހު އެ ފުރުސަތު ދޭނެ ކަމަށެވެ.
އުމުރުން 28 އަހަރުގެ މަޓާ ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށީ ރެއާލް މެޑްރިޑްގެ ޔޫތު ޓީމު ކަމަށްވާ ކަސްޓީއާ އިން 2006 ވަނަ އަހަރު އެވެ. އެ ޓީމު ރެލިގޭޓްވުމުން މަޓާ ދެން ފެނުނީ ވެލެންސިއާ އިންނެވެ. އޭނާ ޗެލްސީ އަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. ޗެލްސީގެ މޮޅު ކުޅުންތެރިއާގެ މަގާމު ދެ ސީޒަނުގައި ހޯދި މަޓާ ޔުނައިޓެޑާ ގުޅުނީ 2014 ވަނަ އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy