ޕީއެސްޖީގެ ކުޅުންތެރިން ޓްރޮފީތައް ދައްކާލަނީ. --ފޮޓޯ: އޭއެފްޕީ
13 މެއި 2018 - 09:35
ޕެރިސް (މޭ 13) – މި ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކޮށްފައިވާ ޕީއެސްޖީން ރޭ ފްރެންޗް ލީގުގައި ރޭނިސް އަތުން 2-0 އިން ބަލިވެ ދެ އަހަރަށް ފަހު ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް މެޗަކުން ބަލިވުމުގެ ހިތްދަތިކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ފްރާންސް ލީގާއި ފްރެންޗް ކަޕާއި ލީގު ކަޕް ކާމިޔާބުކޮށްފައިވާ ޕީއެސްޖީ ލީގުގައި އަމިއްލަ ދަނޑުގައި އެންމެ ފަހުން ބަލިވީ 2016 ވަނަ އަހަރުގެ މާޗު މަހު މޮނާކޯ އަތުންނެވެ.
އެ ޓީމު 42 މެޗުގެ ތެރޭ ފުރަތަމަ ފަހަރަށް ބަލިމިވީ ކްލަބުގެ ކޯޗު އުނާއީ އެމެރީ އާއި ތަޖުރިބާކާރު މިޑްފީލްޑަރު ތިއާގޯ މޮޓާ އަމިއްލަ ދަނޑުގައި ކުޅުނު ފަހު މެޗުގަ އެވެ. އަންނަ އާދީއްތަ ދުވަހު ކާންއާ ދެކޮޅަށް ރަށުން ބޭރުގައި ޕީއެސްޖީ ކުޅޭ މެޗަށް ފަހު އެމެރީ އާއި މޮޓާ ވަކިވާނެ އެވެ. ބެލެވޭ ގޮތުގައި މޮޮޓާ ހަވާލުވާނީ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމާ އެވެ.
ޕީއެސްޖީ އާއި ރޭނިސް ރޭ ކުޅުނު މެޗުގައި ރޭނިސް އިން ފުރަތަމަ ގޯލް ޖެހީ 52 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބެންޖަމިން ބުއިޖޫ އެވެ. ދެ ވަނަ ގޯލް 71 ވަނަ މިނެޓުގައި ކާމިޔާބުކުރީ އެޑްރިއެން ހުނޫ އެވެ. ރޭގެ މެޗަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން ވަނީ އެ ކްލަބުން މި ސީޒަނުގައި ހޯދި ޓްރޮފީތަކާ އެކު އުފާފާޅުކޮށްފަ އެވެ.
ޕީއެސްޖީ ލީގުގެ އެއް ވަނައިގައި އޮތީ 92 ޕޮއިންޓާ އެކު އެވެ. ރޭ ސެއިން-އެޓީން އަތުން 1-0 އިން މޮޅުވެ މޮނާކޯ ވަނީ 77 ޕޮއިންޓާ އެކު ދެ ވަނަ އަށް އަރައިފަ އެވެ. ތިން ވަނައިގައި 75 ޕޮއިންޓާ އެކު އޮތީ އޮލިމްޕިކް ލިޔޯން އެވެ. އެ ޓީމު ވަނީ ރޭ ސްޓްރަސްބޯގް އަތުން 3-2 އިން ބަލިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy