ސްޕެއިން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
01 ޖޫން 2018 - 00:00
ޒަމާނީ ފުޓްބޯޅަ އަށް ބޮޑު އިންގިލާބެއް ގެނައި ސްޕެއިން މި އަހަރުގެ ވޯލްޑް ކަޕަށް ނުކުންނަނީ، ބޮޑެތި ބަދަލުތަކާ އެކު އެވެ. އެ ގައުމަށް ބޮޑެތި ކާމިޔުބީތައް ހޯދައިދިން "ރަން ޖީލު"ގެ ގިނަ ކުޅުންތެރިން މިހާރު ވަނީ ގައުމީ ޓީމާ ދުރަށް ޖެހިފަ އެވެ. އެކަމަކު މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް ސްޕެއިންގެ ޓީމު ވަރުގަދަވާނެ އެވެ.
އަބަދުވެސް މޮޅެތި ކުޅުންތެރިން އުފެދުނު ނަމަވެސް، ބައިނަލްއަގުވާމީ މައިދާނުގައި ސްޕެއިން އަށް ބޮޑު ތަފާތެއް ދެއްކެން ފެށުނީ 2008ގެ ޔޫރޯ ކާމިޔާބުކުރި ހިސާބުންނެވެ. އޭގެ ފަހުން ސްޕެއިން ވަނީ 2010ގެ ވޯލްޑް ކަޕާއި 2012ގެ ޔޫރޯ ވެސް ކާމިޔާބުކޮށްފަ އެވެ. ސްޕެއިންގެ "ރަންޖީީލު"ގައި ހިމެނުނު ކުޅުންތެރިން ކަމަށްވާ އަންދުރެސް އިނިއެސްޓާ އާއި ޒަވީ ހޭނާންޑޭޒް އާއި ޑަވިޑް ވިޔާ އަދި ފެނާންޑޯ ޓޮރޭސް ފަދަ ކުޅުންތެރިންނާ އެކު ސްޕެއިން ވެގެންދިޔައީ ތަފާތު މޮޅު ޓީމަކަށެވެ.
އެކަމަކު 2014ގެ ވޯލްޑް ކަޕުގެ ގުރޫޕް ސްޓޭޖުން ކަޓައިގެން ދިޔައީ ހައިރާންކުރެވުނު ގޮތަކަށެވެ. އަދި 2016 ވަނަ އަހަރުގެ ޔޫރޯގައި ސްޕެއިން ވަނީ ދެވަނަ ބުރުން ކަޓައިފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ބަދަލުތަކާ އެކު ސްޕެއިން ނުކުންނަނީ، ރަނގަޅު ނަތީޖާއެއްގެ އުންމީދުގަ އެވެ.
ސްޕެއިން ވޯލްޑް ކަޕުން ޖާގަ ހޯދީ ކޮލިފައިން ގުރޫޕް ޖީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅުވި އެވެ. އެއްވަރުވީ އެންމެ މެޗެކެވެ. ސްޕެއިން ވޯލްޑް ކަޕަށް ކޮލިފައިވީ ވާދަވެރި އިޓަލީ ފަހަތަށް ޖައްސާލުމަށް ފަހު އެވެ. އިޓަލީގެ މައްޗަށް ސްޕެއިން އިން ވަނީ ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދައިފަ އެވެ. ކުޅުނު 10 މެޗުން ސްޕެއިން 36 ލަނޑު ޖެހިއިރު، ބައި ކޮޅަށް ވަނީ އެންމެ ތިން ލަނޑެވެ.
ކޯޗު: ޖުލެން ލޮޕެޓެގުއީ އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2016 ގަ އެވެ. ސްޕެއިންގެ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ ޖުލެން 2014 އިން 2016 އަށް ޕޯޗުގަލްގެ ޕޯޓޯއަށް ކޯޗުކަން ކޮށްދިނެވެ. އޭގެ ކުރިން އޭނާ ވަނީ ސްޕެއިން ޖޫނިއާ ޓީމުތަކާއި ރެއާލް މެޑްރިޑްގެ "ބީ" ޓީމަށް ކޯޗުކޮށްދީފަ އެވެ. ކޯޗިން ކެރިއަރުގައި މިހާތަނަށް ޖުލެން ހޯދި ކާމިޔާބީތައް ލިބިފައިވަނީ ސްޕެއިންގެ ޖޫނިއާ ޓީމުތަކާ އެކު އެވެ. އެގޮތުން ސްޕެއިންގެ 19 އަހަރުން ދަށުގެ ޓީމާއި 21 އަހަރުން ދަށުގެ ޓީމަށް ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިނެވެ. ޖުލެންގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު ފުރަތަމަ 18 މެޗުގެ ތެރެއިން 13 މެޗުން ވަނީ މޮޅުވެފަ އެވެ. ފަސް މެޗު އެއްވަރުވިއިރު، އެއްވެސް މެޗަކުން އަދި ބައްޔެއްނުވެ އެވެ.
އަންދްރެސް އިނިއެސްޓާ: މި އަހަރުގެ ވޯލްޑް ކަޕަކީ އަންދްރެސް އިނިއެސްޓާގެ ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު ބޮޑެވެ. އުމުރުން 34 އަހަރުގެ އިނިއެސްޓާ އަކީ ދުނިޔޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރެވެ. ސްޕެއިން އިން 2010ގެ ވޯލްޑް ކަޕް ހޯދީ ފައިނަލްގައި އޭނާ ޖެހި ލަނޑުންނެވެ. ކެރިއަރުގެ ބޮޑު ބައި ބާސެލޯނާގައި ހޭދަކުރުމަށް ފަހު، އިނިއެސްޓާ ވަނީ އެ ކްލަބު ދޫކޮށް ޖަޕާން ލީގަށް ބަދަލުވެފަ އެވެ. އިނިއެސްޓާ ކުޅުން ހުއްޓާލުމާ ގާތަށް ޖެހިލި ނަމަވެސް، އޭނާ އަކީ އަދިވެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެކެވެ. މިދިޔަ ސީޒަންގައި ވެސް އޭނާ ވަނީ ތަފާތު ދެއްކޭ ކުޅުންތެރިއެއްކަން ސާބިތުކޮށްދީފަ އެވެ. ޒުވާން ކުޅުންތެރިންތަކާ އެކު ސްޕެއިން މި ފަހަރު ވޯލްޑް ކަޕަށް ނުކުންނައިރު، އިނިއެސްޓާގެ ތަޖުރިބާ ވާނީ ރަނަށެވެ.
ސްޕެއިނުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އަންދްރެސް އިނިއެސްޓާ. --ފޮޓޯ: އޭއެފްޕީ
އިސްކޯ: އިސްކޯ އަކީ މިހާރު ސްޕެއިން ޓީމުގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅޭ އިސްކޯ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އުމުރުން 26 އަހަރުގެ އިސްކޯ ސްޕެއިންގެ ގައުމީ ޓީމަށް ކުޅެން ފެށީ 2013 ވަނަ އަހަރެވެ. އޭގެ ކުރިން އޭނާ ވަނީ ޖޫނިއަ ލެވެލްތަކުގައި ސްޕެއިން އަށް ކުޅެފަ އެވެ. އިސްކޯގެ ކެރިއަރު 2010 ގައި ފެށީ ސްޕެއިންގެ ވެލެންސިއާ އިންނެވެ. އޭގެ ފަހުން 2011 ގައި މަލާގާ އަށް ބަދަލުވި އެވެ. ރެއާލް މެޑްރިޑަށް އިސްކޯ ދިޔައީ 2013 ވަނަ އަހަރެވެ.
ސާޖިއޯ ރާމޮސް: ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޮސް އަކީ އެ ޓީމުގެ ޑިފެންސް ލައިންގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. މި ވަގުތު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ރާމޮސް ،32، ވަނީ ސްޕެއިންގެ ގައުމީ ޓީމާ އެކު 2010ގެ ވޯލްޑް ކަޕާއި 2008 އަދި 2012ގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ. ރެއާލް މެޑްރިޑްގެ ވެސް ކެޕްޓަންކަން ކުރަމުން އަންނަ ރާމޮސް ވަނީ އެ ކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
ޕޯޗުގަލް އާއި ސްޕެއިން އަކީ ގުރޫޕް ބީގެ ފޭވަރިޓުންނެވެ. މި ގުރޫޕްގައި ދެން އޮތީ މޮރޮކޯ އާއި އީރާން އެވެ. ތަޖުރިބާ އާއި ކުޅުންތެރިންނަށް ބަލާއިރު ސްޕެއިން އަކީ މި ގުރޫޕްގެ އެންމެ ވަރުގަދަ ޓީމެވެ. އެހެންކަމުން މި ގުރޫޕުން ސްޕެއިން އަށް ދެވަނަ ބުރުގެ ޖާގައެއް ހޯދަން އުނދަގޫނުވާނެ ކަމަށް ގަބޫލްކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy