އޭސީ މިލާނުގެ ފޯވާޑް ކާލޯސް ބައްކާ.
28 ޖުލައި 2016 - 09:29
މިލާން (ޖުލައި 27) - އޭސީ މިލާނުން ވިއްކާލަން ނިންމާފައިވާ ކޮލަމްބިއާ ފޯވާޑް ކާލޯސް ބައްކާ ބޭނުންވަނީ ޕީއެސްޖީ އަށް ބަދަލުވާން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބައްކާ ހޯދަން މީގެ ކުރިން އިންގްލެންޑުގެ ވެސްޓް ހޭމް ޔުނައިޓެޑާއި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން މަސައްކަތްކުރި އެވެ. މީގެ ތެރެއިން ވެސްޓް ހޭމަށް އޭނާ ނުދިޔައީ ޔޫރަޕުގެ މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ނޯންނާނެތީ އެވެ.
އޭނާ ހޯދަން އެންމެ ފަހުން މަސައްކަތް ފަށާފައިވަނީ ޕީއެސްޖީގެ އިތުރުން ސްޕެއިނުގެ ބާސެލޯނާ އިންނެވެ. ބާސެލޯނާ އިން ގެންނަން ބޭނުންވި ފޯވާޑުން ކަމަށްވާ ކެވިން ގަމެއިރޯ އާއި ލޫސިއާނޯ ވިއެޓޯ ނުލިބުމުން އެ ޓީމުން ވަނީ ބައްކާ އަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެކަމަކު ބައްކާ ބޭނުންވަނީ ބާސެލޯނާ އަށް ވުރެ ބޮޑަށް ޕީއެސްޖީ އެވެ.
ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގައި ހުރީ ބައްކާ އަށް ކުރިން ސެވިއްޔާގައި ކޯޗުކޮށްދިން އުނައި އެމެރީ އެވެ. ބައްކާގެ މޮޅު ކުޅުމާ އެކު އެމެރީ ވަނީ 2015 ވަނަ އަހަރުގެ ޔުރޮޕާ ލީގު ސެވިއްޔާ އަށް ކާމިޔާބުކޮށްދީފަ އެވެ.
ޕީއެސްޖީން ބައްކާ ގެންދަން ބޭނުންވި ނަމަވެސް އެޅިފައިވާ ހުރަހަކީ އެ ޓީމުގެ ނޮން-ޔޫރަޕިއަން ޖާގަތައް ފުރިފައިވުމެވެ. އެކަމަކު ބްރެޒިލްގެ ލޫކަސް މޯރާ ގެންދަން ޕްރިމިއާ ލީގުގެ ކްލަބްތަކުން މަސައްކަތްކުރާތީ އެ ޖާގަ ހުސްވުމުގެ ފުރުސަތު އެބައޮތެވެ.
މިލާނަށް މިދިޔަ ސީޒަނުގައި ބަދަލުވި ބައްކާ އެ ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމުގެ އާ ކޯޗު ވިންޗެންޒޯ މޮންޓެލާގެ ޕްލޭނުގައި އޭނާ ނުހިމެނެ އެވެ. އެހެންވެ މިލާނުން ވަނީ 30 މިލިއަން ޔޫރޯ އަށް އޭނާ ވިއްކާލަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައްކާ
31 July 2016
ބައްކާ ބޭނުމީ ބަތް ކައްކާ އޯކޭ