އެތުލެޓިކޯ އަށް ކުޅޭ ފްރާންސްގެ ގައުމީ ޓީމުގެ ފޯވާޑް ގްރީޒްމަން.-- ފޮޓޯ: އޭއެފްޕީ
01 އޯގަސްޓް 2016 - 10:12
ޕެރިސް (އޮގަސްޓް 1) - ޕީއެސްޖީގެ އެޓޭކް ވަރުގަދަ ކުރުމަށް، އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ގެންނަން ބޭނުންވާ ކަމަށް ޕީއެސްޖީގެ ކޯޗު އުނައި އެމެރީ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ޕީއެސްޖީ އެޓޭކްގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ޒަލަޓާން އިބްރަހިމޮވިޗް ވަނީ އެ ޓީމު ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފަ އެވެ. އެމެރީ ބުނީ އެ ޓީމުގެ އެޓޭކް ވަރުގަދަ ކުރުމަށް ބޭނުންވަނީ ގްރީޒްމަން ކަަހަލަ ކުޅުންތެރިއެއް ކަމަށެވެ.
"އިބްރަހިމޮވިޗް ޕީއެސްޖީ ދޫކޮށްލުމުން ޓީމުގެ އެޓޭކްގެ އެންމެ މުހިއްމު ޒިންމާ އެއް އޮތީ ކަވާނީ އަށް. އެކަމަކު އެބަޖެހޭ ކަވާނީ އަށް ނުކުޅެވޭ ދަނޑިވަޅަކަށް ވެސް ތައްޔާރުވާން. ގްރީޒްމަން އަކީ އަހަރެމެން ބޭނުންވާ ކުޅުންތެރިއެއް. ޕީއެސްޖީ އަށް ބޭނުމީ ތަފާތެއް ގެނެވޭ ފެންވަރުގެ ކުޅުންތެރިއެއް،" އެމެރީ ބުންޏެވެ.
އެތުލެޓިކޯ މެޑްރިޑަށް 2014 ވަނަ އަހަރު ބަދަލުވުމަށް ގްރީޒްމަން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ ދާދި ފަހުން ނިމުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އެންމެ ގިނަ ލަނޑު ކުޅުންތެރިއާގެ މަގާމު ހޯދައިފަ އެވެ.
އުމުރުން 25 އަހަރުގެ ގްރީޒްމަން ހޯދަން ޕީއެސްޖީން 70 މިލިއަން ޕައުންޑުގެ ބިޑެއް ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. އެތުލެޓިކޯއާ އެކު ގްރީޒްމަން ހަދާފައިވާ އެއްބަސްވުމުގައި އޭނާ ވިއްކަން އެ ޓީމުން ކަނޑައަޅާފައިވާ އަގަކީ 100 މިލިއަން ޕައުންޑެވެ.
އެތުލެޓިކޯ އިން ވަނީ ސެވިއްޔާ އަށް ކުޅޭ ފްރާންސްގެ ފޯވާޑް ކެވިން ގަމޭރޯ އެ ޓީމަށް ގެނެސްފަ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy