ކުޅިވަރު / ނޭމާ

ޕީއެސްޖީގައި މަޑުކުރާނެ ކަމަށް ނޭމާ ބުނެފި

ސައޮ ޕައޮލޯ، ބްރެޒިލް (ޖުލައި 20) - ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ އެ ޓީމުގައި މަޑުކުރާނެ ކަމަށް ބުނެފި އެވެ.

ނޭމާ އަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ފޫބައްދަން ރެއާލް މެޑްރިޑުން ބޭނުންވާ ކުޅުންތެރިއެކެވެ. ނޭމާ ހޯދަން ރެއާލުން ބިޑްކޮށްފައިވާ ކަމަށް މީޑިއާގައި ދެ ފަހަރެއްގެ މަތިން އަޑުފެތުރުނުއިރު، ރެއާލުން ވަނީ އެކަން ދޮގުކޮށްފަ އެވެ. ރެއާލުން އިއްޔެ ވަނީ ބްރެޒިލްގެ އުއްމީދީ ތަރި ވިނީޝިއަސް ޖޫނިއާ ގެންގޮސްފަ އެވެ.

ބްރެޒިލްގެ ސައޮ ޕައޮލޯގައި އޮތް ޗެރިޓީ ހަފްލާއަކަށް ފަހު މީޑިއާގައި ވާހަކަ ދައްކަމުން ނޭމާ ބުނީ ކުރިއަށް އޮތް ސީޒަނުގައި ވެސް އޭނާ ފެންނާނީ ޕީއެސްޖީން ކަމަށެވެ.

"އަހަރެން ފެންނާނީ ޕީއެސްޖީން. މި ޓީމާ އެކު އަހަރެންގެ ކޮންޓްރެކްޓެއް އެބައޮތް. އަހަރެންގެ މުސްތަގުބަލާ ގުޅުވައިގެން މީޑިއާގައި ދައްކާ ވާހަކަތަކަކީ ހަމަ މީޑިއާ އިން އުފައްދާ ވާހަކަތަކެއް،" ނޭމާ ބުންޏެވެ.

ބްރެޒިލްގައި ބޭއްވި އެ ހަފުލާގައި ނޭމާއާ އެކު ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ފުލްބެކް ޑެނީ އަލްވޭސް އާއި ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ ބައިވެރިވެޑައިގެންނެވި އެވެ.

ނޭމާ މިދިޔަ އަހަރު ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 264 މިލިއަން ޑޮލަރަށް ޕީއެސްޖީ އަށް ބަދަލުވީ އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ނޭމާ ޓީމު ބަދަލުކުރީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ ހިޔަނިން ނިކުމެ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ހޯދުމުގެ އަޒުމުގަ އެވެ.

ޕީއެސްޖީގައި މޮޅު ކުޅުމެއް ދައްކަމުން ދަނިކޮށް ނޭމާގެ ފައި ފުރޮޅާލައި ކުޑަހުޅު ދުޅަވެ އަދި ފައިތިލައިގެ ކަށިކޮޅެއްގައި ރެނދުލީ މިދިޔަ މާޗް މަހުގައި ފްރެންޗް ލީގުގެ މެޗެއްގެ ތެރެއިންނެވެ. ނޭމާގެ ފަޔަށް ލިބުނު އަނިޔާއިން ވީ އެންމެ އަވަހަކަށް ރަނގަޅުކުރަން އޭނާގެ ސާޖަރީ ބްރެޒިލްގައި ކުރީ ބްރެޒިލް ގައުމީ ޓީމުގެ ޑޮކްޓަރުގެ ލަފާގެ މަތިންނެވެ.

ބޮޑު އަނިޔާއަށް ފަހު ނޭމާ އެނބުރި އައީ ޖޫން 3 ވަނަ ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި އޭނާ އެ މެޗުގައި ގޯލެއް ވެސް ޖެހި އެވެ. އެކަމަކު މި ފަަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ބެލްޖިއަމް އަތުން ބަލިވެ ބްރެޒިލް މުބާރާތުން ކެޓިއިރު، ނޭމާ އަށް މުބާރާތުގައި އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ދަނޑުމަތީގައި ފައުލުހޯދަން މަކަރުހަދާ ކަމަށް ބުނެ އެވެ.

"ވޯލްޑް ކަޕުގައި މި ފަހަރު ހިތި ތަޖުރިބާތަކެއް ކުރަން ޖެހުނު. އެކަމުން އަހަންނަށް ފިލާވަޅުތަކެއް ލިބިގެންގޮސްފި. ދެން އޮތީ އެންމެ ބުރަ މަސައްކަތް. ކުރިއަށް އޮތް ސީޒަނަށް އަލުން ތައްޔާރުވުން. ކާމިޔާބު ސީޒަނަކަށް ހަދަން މަސައްކަތްކުރުން،" ނޭމާ ބުންޏެވެ.

އޭނާ ވަނީ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފްރާންސަށް ލިބުމުން އެ ޓީމުގެ ކުޅުންތެރިންނަށް މަރުހަބާ ކިޔައިފަ އެވެ.

0 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 91%
icon sad icon sad 0%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454