ކުޅިވަރު / މެންޗެސްޓާ ޔުނައިޓެޑް

ޕްރީ ސީޒަން ގޯސްވުމުން މޮރީނިއޯ ބޯހަލާކުވެފައި!

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ.-- ފޮޓޯ: އޭއެފްޕީ

ލޮސް އެންޖެލެސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 26) - މެންޗެސްޓާ ޔުނައިޓެޑަށް މި ފަހަރުގެ ޕްރީ ސީޒަން ދަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ސީޒަންގެ ކުރީކޮޅުގައި ވަރަށް ކަންތައްތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޔުނައިޓެޑުގެ ޕްރީ ސީޒަނަށް އެންމެ ބޮޑު އަސަރެއް ކުރީ ރަޝިއާގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގައި ފްރާންސާއި އިންގްލެންޑް އަދި ބެލްޖިއަމް މުބާރާތުގެ އެންމެ ފަހު ބުރުތަކުގައި ވެސް ވާދަކުރުމުންނެވެ. ވޯލްޑް ކަޕުގައި ވާދަކުރާ ކުޅުންތެރިންނަށް ޗުއްޓީގެ ގޮތުގައި މަދުވެގެން ދެ ހަފްތާ ދޭން ފީފާއިން ވަނީ ކްލަބްތަކަށް އަންގައިފަ އެވެ.

ވޯލްޑް ކަޕްގައި ކުޅުނު ބެލްޖިއަމާއި އިންގްލެންޑް އަދި ފްރާންސް ޓީމުގައި ޔުނައިޓެޑުގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ކުޅެފަ އެވެ. ޔުނައިޓެޑުން މިހާރު އެމެރިކާ ޓޫއާގައި ކުޅެމުން އަންނައިރު އަދިވެސް ވޯލްޑް ކަޕުގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް ޓީމާ ނުގުޅެ އެވެ. އޭގެ ތެރޭގައި ފްރާންސްގެ ޕައުލް ޕޮގްބާ އާއި ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އާއި އިންގްލެންޑުގެ ޖެސޭ ލިންގާޑާއި ފިލް ޖޯންސް އަދި އެޝްލީ ޔަންގް ހިމެނެ އެވެ.

އަދި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑަށް ބަދަލުވި ބްރެޒިލްގެ ފްރެޑް މިހާަތަނަށް ޓީމަށް މެޗެއް ކުޅެފައިނުވާއިރު، ޔުނައިޓެޑުން ގެނައި ޕޯޗުގަލްގެ އުއްމީދީ ފުލްބެކް ޑިއޭގޯ ޑަލޮޓަށް ވަނީ އަނިޔާވެފަ އެވެ. އަދި ވިސާ މައްސަލައިގައި އެމެރިކާ ޓުއާގައި ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒަށް ވެސް ބައިވެރިވެވުނީ ފަހުންނެވެ.

ޕްރީ ސީޒަނުގައި މިހާތަނަށް ޔުނައިޓެޑުން ކުޅުނު ދެ މެޗުން ވަނީ އެމެރިކާގެ ދެ ޓީމާ އެއްވަރުވެފަ އެވެ. އެ ދެ މެޗުގައި ވެސް ކުޅުުނު އެންތަނީ މާޝިއަލް ވަނީ އާއިލީ ކަމެއްގައި ޓީމާ ވަކިވެފަ އެވެ. އެއީ އޭނާ އަށް ދެ ވަނަ ދަރިއަކު ލިބޭތީ އެވެ.

މި ފަހަރުގެ ޕްރިމިއާ ލީގަށް ޔުނައިޓެޑުން ވާދަކުރާނެތޯ ސުވާލުކުުރުމުން މޮރީނިއޯ ވަނީ އެކަމަށް ސީދާ ޖަވާބެއް ދޭން ދެކޮޅު ހަދައިފަ އެވެ. މޮރީނިއޯ ބުނީ ސީޒަން ކުރީކޮޅުގައި ޔުނައިޓެޑުން ކޮންމެ ޕޮއިންޓެއް ހޯދަން ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

"އަހަންނަށް ލިބިފައި ހުރި ވަސީލަތްތަކާ މެދު އެއްވެސް ޝަކުވާއެއް ނެތް. ކުޅެން ހުރި މެޗުތަކާ މެދުވެސް ހިތްހަމަ ޖެހޭ. އެކަމަކު ނެތީ ބޭނުންވާ ކުޅުންތެރިން. ވޯލްޑް ކަޕަށް ފަހު މި ޓީމުގެ ކުޅުންތެރިން އަދި ޓީމަކާ ނުގުޅޭ. އަހަރެން މިހުރީ އުފަލުންނެއް ނޫން. ހަމައެކަނި މަދު ކުޅުންތެރިން ގޮވައިގެން މަސައްކަތްކުރަން އަހަރެން ހިތްހަމައެއް ނުޖެހޭ. ސީޒަންގެ ކުރީކޮޅުގައި އަހަންނަށް ވަރަށް އުނދަގޫވާނެ ޕޮއިންޓް ހޯދަން،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ލީގަށް ވާދަކުރަން ޖެހޭ އެހެން ޓީމުތަކަށް ރަނގަޅު ޕްރީ ސީޒަނެއް ކުރިއަށްގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"މިސާލަކަށް ބަލަމާ ޕްރީ ސީޒަނުގައި ލިވަޕޫލާއި ޗެލްސީގައި ކުޅުންތެރިން ތިބި އަދަދަށް. އަދި އާސެނަލް ވެސް މި ލިސްޓުގައި ކިޔަމާ. އެ މީހުންނަށް އޮތީ ވަރަށް ރަނގަޅު ހާލަތެއް. މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމަށް ވެސް އެބަހުރި މައްސަލަތަކެއް. އެކަމަކު ދެން އޮތް ޓީމުތަކަށް ވަރަށް ފަސޭހަ،" ވާދަވެރި ޓިމުތަކާ ބެހޭގޮތުން މޮރީނިއޯ ބުންޏެވެ.

"ޔުނައިޓެޑަށް އޮތީ މަސައްކަތް ކުރުން. މި ވަގުތު ހުރިހާ ބޮލުގެ ރިހުމެއް އޮތީ. އަހަންނަށް އެއީ މަދު ކުޅުންތެރިން ލައިގެން ފުރިހަމަ ޕްރީ ސީޒަނެއް ކުރިއަށް ނުގެންދެވޭނެ."

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުގެ ޓްރާންސްފާ ކަންތައްތައް ދާ ގޮތުން އެ ޓީމުގެ ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑް އާއި މޮރީނިއޯއާ ދެމެދު ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. ވާދަވެރި ޓީމުތަކުން ފެންވަރު ރަނގަޅު ކުޅުންތެރިން ގެންނައިރު ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުގެ ހަރަކާތްތައް ދަށްވުމުން މޮރީނިއޯ ވަނީ އޭގެ ޝަކުވާކޮށްފަ އެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މޮރީނިއޯ ވަނީ އިތުރު ޑިފެންޑަރެއް ހޯދަން ޔުނައިޓެޑްގެ ބޯޑުގައި އެދިފަ އެވެ. އަދި މޮރީނިއޯ ވަނީ ތިން ކުޅުންތެރިއެއްގެ ނަން ވެސް ޝޯޓްލިސްޓުކޮށްފަ އެވެ. އަދި އަންނަ މަހުގެ ނުވަ ވަނަ ދުވަހު އިންގްލެންޑަށް ޓްރާންސްފާ މާކެޓް ބަންދުވާއިރު އޭގެ ކުރިން އެއް ޑިފެންޑަރު ހޯދަން މޮރީނިއޯ ބޭނުންވެ އެވެ. މޮރީނިއޯ ޝައުގުވެރިވާ ޑިފެންޑަރުންގެ ތެރޭގައި ހިމެނެނީ މި ފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑަށް މޮޅު ކުޅުމެއް ދެއްކި ލެސްޓާ ސިޓީގެ ޑިފެންޑަރު ހެރީ މެގުއާ އާއި އޭސީ މިލާނަށް ކުޅޭ އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އަދި ޓޮޓެންހަމްގެ ބެލްޖިއަމް ޑިފެންޑަރު ޓޯބީ އަލްޑަވެއިރަލްޑް އެވެ.

0 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 27%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454