އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ.-- ފޮޓޯ: އޭއެފްޕީ
02 އޯގަސްޓް 2016 - 14:37
ބީނޯސް އޭރީޒް، އާޖެންޓީނާ (އޮގަސްޓް 2) - ހުސްވެފައިވާ އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމަށް ސައޮ ޕައޮލޯގެ ކުރީގެ ކޯޗު އެޑްގާޑޯ ބައުޒާ ހަމަޖައްސައި، ގައުމީ ޓީމުން ރިޓަޔާކޮށްފައިވާ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަލުން ގެންނަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަރްމަންޑޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.
އާޖެންޓީނާގެ ކޯޗުކަމުގެ މަގާމު ހުސްވީ މިދިޔަ ޖޫން މަހު އެމެރިކާގައި އޮތް ކޮޕަ އެމެރިކާގެ ފައިނަލުން އެ ޓީމު ބަލިވުމުން އެއިރުގެ ކޯޗު ޖެރާޑޯ މާޓީނޯ މަގާމުން ވަކިވުމުންނެވެ. އަދި އެ މުބާރާތަށް ފަހު ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން މެސީ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ.
އާޖެންޓީނާ އެފްއޭގެ ރައީސް ޕެރޭޒް ވިދާޅުވީ ބައުޒާއާ އެކު ގިނަ ކާމިޔާބީ ހޯދޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
"އަހަރެމެން ގިނަ ކޯޗުންނާ މަޝްވަރާކުރިން. އަހަރެމެންގެ ޕްލޭނާ އެއްގޮތަށް ކާމިޔާބު ހޯދޭނެ ކޯޗަކީ ބައުޒާ،" ޕެރޭޒް ވިދާޅުވި އެވެ.
އާޖެންޓީނާ ކޯޗުކަމާ ހަވާލުވުމަށް ފަހު ބައުޒާ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މެސީ އަލުން ގައުމީ ޓީމަށް ގެނައުމެވެ. ޕެރޭޒް ވިދާޅުވީ މެސީއާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
"މެސީއާ ވެސް ބައުޒާ މެދުވެރިކޮށް މަޝްވަރާކުރަމުން މިދަނީ. ގައުމީ ޓީމުން ރިޓަޔާކުރަން މެސީ ނިންމި ނިންމުން އަނބުރާ ގެންދާނެ ކަމަށް އުއްމީދުކުރަން. ބައުޒާގެ ޕްލޭނުގައި މެސީ އަކީ މުހިއްމު ކުޅުންތެރިއެއް،" ޕެރޭޒް ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާގޮތުން އާޖެންޓީނާ އިން ވަނީ ޗިލީގެ ކުރީގެ ކޯޗު ޖޯޖް ސަމްޕައޮލީ އާއި އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ އިތުރުން ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއާ ވެސް މަޝްވަރާކޮށްފަ އެވެ.
ބައުޒާ ކޯޗިން ކެރިއަރު ފެށީ 1998 ވަނަ އަހަރު ރޮޒާރިއޯ ސެންޓްރަލް އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ހަތް ކްލަބަކަށް ކޯޗުކޮށްދީފަ އެވެ. އޭގެ ތެރެއިން ހަ ކްލަބެއް ނިސްބަތްވަނީ ދެކުނު އެމެރިކާ އަށެވެ. އަނެއް ކްލަބަކީ ސައުދީ އެރެބިއާގެ އަލް ނަސްރް އެފްސީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy