ބަޔާން މިއުނިކުގެ ވިޑާލް: އަންނަ ސީޒަނުގައި ފެންނާނީ ބާސެލޯނާ އިން. --ފޮޓޯ: އޭއެފްޕީ
04 އޯގަސްޓް 2018 - 09:37
ބާސެލޯނާ (އޮގަސްޓް 4) – ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް ގަތުމަށް ބަޔާން މިއުނިކާ އެކު އެއްބަސްވުމަކަށް އާދެވިއްޖެކަން ބާސެލޯނާ އިން އިއުލާންކޮށްފި އެވެ.
އެކަމަކު އެ ކުޅުންތެރިއާ ގަންނަ އަގެއް ހާމައެއް ނުކުރެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާ އިން އުމުރުން 31 އަހަރުގެ ވިޑާލް ގަތީ 30 މިލިއަން ޔޫރޯ އަށެވެ.
ބާސެލޯނާގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ވިޑާލްއާ އެކު އެއްބަސްވުން ހަދަނީ ތިން އަހަރަށް ކަމަށާއި ބާކީ ދެން އޮތީ ކުޅުންތެރިއާ އެ ކްލަބުގެ މެޑިކަލް ޓެސްޓް ހެދުން ކަމަށެވެ. އަދި އެ ތަފްސީލްތަކާއި އޭނާ މީޑިއާ އަށް ތައާރަފްކުރާ ރަސްމިއްޔާތުގެ ތަފްސީލްތައް ވެސް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ބުނެފައިިވެ އެވެ.
ކުރިން ޔުވެންޓަސްގައި މޮޅު ކުޅުމެއް ދެއްކި ވިޑާލް ބާސެލޯނާއާ މި ގުޅުނީ އޭނާ އިންޓަ މިލާނަށް ބަދަލުވުމާ ވެސް ގާތަށް ގޮސްފައިވަނިކޮށެވެ. އެކަމަކު އިންޓަ އިން ރެއާލް މެޑްރިޑުގެ ލޫކާ މޮޑްރިޗް ލިބޭތޯ މަސައްކަތްކުރަން ވިޑާލްގެ ވާހަކަތައް މަޑުޖައްސާލުމުން ބާސެލޯނާ އިން އޭގެ ފައިދާ ނެގީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާ އިން ވިޑާލަށް އަހަރަކު ނުވަ މިލިއަން ޔޫރޯގެ މުސާރައެއް ދޭނެ އެވެ. ވިޑާލް މި ގެންނަނީ ބާސެލޯނާ އިން ޗައިނާގެ ގުއަންޒޫ އެވަގްރެނޭޑަށް ލޯން އުސޫލުން ދޫކޮށްލި ބްރެޒިލްގެ ޕައުލީނިއޯ ނެތްތަން ފޫބެއްދުމަށެވެ. ބާސެލޯނާއާ މިދިޔަ ސީޒަނުގައި ގުޅި މޮޅު ކުޅުމެއް ދެއްކި ޕައުލީނިއޯ ދޫކޮށްލީ، ބެލެވޭ ގޮތުގައި ޔޫރަޕުން ބޭރު ކުޅުންތެރިއާގެ ކޯޓާ އިން ޖާގައެއް ހުސްކުރާށެވެ. އެއީ ބްރެޒިލްގެ އެހެން ކުޅުންތެރިއެއް ކަމަށްވާ އާތޫރު މެލޯ ގެންނާށެވެ.
އާ ސީޒަނަށް ބާސެލޯނާ އިން ވަނީ ބްރެޒިލްގެ ވިންގާ މެލްކޮމް އާއި ސެވިއްޔާގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ފްރާންސްފެ ޑިފެންޑަރު ކްލެމެންޓް ލެންގްލެޓް ވެސް ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy