13 އޯގަސްޓް 2018 - 09:16
ޓެންޖިއާ، މޮރޮކޯ (އޮގަސްޓް 13) - ފަހަތުން އަރައި ސެވިއްޔާ އަތުން 2-1 އިން ހޯދި މޮޅާ އެކު ބާސެލޯނާ އިން 13 ވަނަ ފަހަރަށް ސްޕެނިޝް ސުޕަ ކަޕްގެ ތަށި އުފުލާލައިފި އެވެ.
މިއީ މިދިޔަ ނުވަ އަހަރު ތެރޭގައި ބާސެލޯނާ އިން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ. މި ކާމިޔާބީއާ އެކު ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ވެފައިވަނީ އެ ޓީމުގެ ތާރީހުގައި އެންމެ ކާމިޔާބު ކުޅުންތެރިއާ އަށެވެ. މިއީ މެސީ ބާސެލޯނާއާ އެކު ހޯދި 33 ވަނަ ތަށްޓެވެ. ދެ ވަނައިގައި އޮތީ 32 ތަށި ހޯދި އަންދްރެސް އިނިއެސްޓާ އެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ ޖަޕާނުގެ ވިސެލް ކޯބޭ އަށެވެ.
ރޭގެ މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި ސެވިއްޔާ އަށް ލީޑުނަގައިދިނީ ޕަބްލޯ ސަރަބިއާ އެވެ. ލުއިސް މުރިއެލް ޖައްސާލި ބޯޅައަކުން ސަރަބިއާ ޖެހި މި ލަނޑު ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު ރެފްރީ އެ ލަނޑު ގަބޫލުކުރި އެވެ.
ނަތީޖާ ހަމަހަމަ ކުރަން ބާސެލޯނާގެ ލުއިސް ސުއަރޭޒް ފޮނުވާލި ގިނަ ހަމާލާތައް ކާމިޔާބު ވާގޮތެއްނުވި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ދާދި ފަހުން ސްޕެއިން ގައުމީ ޓީމަށް ކުޅުން ހުއްޓާލި ޖެރާޑް ޕީކޭ އެވެ. މެސީ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ލިބުނީ ހުސްކޮށްހުރި ޕީކޭ އަށެވެ. އޭނާ ވަނީ އެ ބޯޅަ ފަސޭހަކަމާ އެކު ގޯލަށް ފޮނުވާލައިފަ އެވެ.
ދެ ވަނަ ހާފުގައި ބާސެލޯނާ އިން ފޮނުވާލި ގިނަ ހަމަލާަތައް ސެވިއްޔާގެ ގޯލްކީޕަރު ތޯމަސް ވަސްލިކް ވަނީ މަތަކޮށްފަ އެވެ. ބާސެލޯނާ އިން ލީޑުނަގަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 78 ވަނަ މިނިޓްގަ އެވެ. އޮސްމާން ޑެމްބޭލޭ ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ހުރަސް ދަނޑީގައި ޖެހިފަ އެވެ.
މެޗުގެ ފަހު ވަގުތުގައި ނަތީޖާ ހަމަހަމަ ކުރަން ސެވިއްޔާ އަށް ޕެނަލްޓީ އެއް ލިބުނެވެ. ސެވިއްޔާ އަށް ލިބުނު ޕެނަލްޓީ އެ ޓީމަށް ކުޅޭ ފްރާންސްގެ ފޯވާޑް ވިސާމް ބެން ޔެޑާ ފޮނުވާލުމުން އެ ބޯޅަ އަމާޒުވީ ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ސްޓެގެން އަތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަންނަ
13 August 2018
ލަލީގާ 2018/19 ސީޒަން ދިވެހިންނަށް ޓީވީގެ ހިދުމަތްދޭ މީޑިޔާނެޓަށް އަދި ދިރާގަށް ވެސް މެޗުތައް ދެއްކުމުގެ ރައިޓްސް ނުލިބޭ...އަޅުގަނޑުގެ ވޯޓް ލަލީގާ މެޗުތައް ދައްކާދޭ ފަރާތަކަށް
usmaan
13 August 2018
މަރުހަބާ. ބާސާ
ރަދީފް
13 August 2018
މަރުހަބާ ބާސާ.ސެވިއްޔާ ކުރި ހިތްވަރަށް މަރުހަބާ.ލީގަލް ޑިޕާޓްމަންޓުން ކެއްކޭނެ ޑޮންޑޮނެއް ނޯންނާނެ.#ވިސްކައެލްބާސާ
ބާލައާދަނު
13 August 2018
ދުންގަތީމަ ވެސް ރަދީފުމެން ތިހެން ކިޔާނެ.