ރޭ ގެންގޮން ކޮޅަށް ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
19 އޯގަސްޓް 2018 - 13:42
ޕެރިސް، ފްރާންސް (އޮގަސްޓް 19) - ފްރާންސާ އެކު ވޯލްޑް ކަޕުގެ ކާމިޔާބުކުރުމަށް ފަހު ބޮޑު ޗުއްޓީއެއް ބޭނުންނުވީ ކުޅުމާ ދުރު ގިނަ ދުވަސްތަކެއް ވަންދެން ހުންނަން ބޭނުންނުވާތީ ކަމަށް ޕީއެސްޖީގެ ފޯވާޑް ކީލިއަން އެމްބާޕޭ ބުނެފި އެވެ.
ވޯލްޑް ކަޕުގައި ފްރާންސަށް މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމް ހޯދި އެމްބާޕޭ ވަނީ ރޭ ފްރާންސް ލީގުގައި ޕީއެސްޖީން ފަހަތުން އަރައި ގެންގޮން އަތުން 3-1 އިން މޮޅުވި މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. އޭނާ ކުޅެން އެރީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
"އަހަރެންގެ ބޮޑެތި ހުވަފެންތަކެއް އެބަހުރި. އެކަންތައް ހާސިލްކުރަން އަދިވެސް މަސައްކަތްކުރަން ޖެހޭ. ވޯލްޑް ކަޕާ ހަމައިން އެ ހާސިލްވީ ބޮޑު އެއް ކަމެއް. ދެން އޮތީ ބޮޑެތި މަސައްކަތްތަކެއް،" މި ސީޒަނުގައި ޕީއެސްޖީ ހަތް ނަމްބަރު ޖޯޒީގައި ކުޅޭ އުމުރުން 19 އަަހަރުގެ އެމްބާޕޭ ބުންޏެވެ.
ވޯލްޑް ކަޕަށް ފަހު އެމްބާޕޭ އަށް ދެ ހަފްތާ އަށް ވުރެ ދިގު ޗުއްޓީއެއް ދޭން ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބޭނުންވި އެވެ. އެއީ ސީޒަނުގެ ފުރަތަމަ މެޗުތަކުގައި އާ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭންވެގެންނެވެ. ފްރެންޗް ސުޕަ ކަޕްގައި މޮނާކޯ އަތުން މޮޅުވި މެޗާއި ލީގުގެ ފުރަތަމަ މެޗުގައި ކާއެން ބަލިކުރި މެޗުގައި ޓުޗެލް ވަނީ އާ ކުޅުންތެތިންނަށް ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި ލައިބީރިއާގެ ރައީސް އަދި ކުރީގެ މަޝްހޫރު ފޯވާޑް ޖޯޖް ވެއާގެ ދަރިފުޅު ޓިމޮތީ ވެއާ އާއި ކްރިސްޓޮފާ އެންކުންކޫ ހިމެނެ އެވެ.
ނޮލަން ރޫކްސްގެ ގޯލުން ގެންގޮން ލީޑުނަގާފައި އޮއްވާ އެމްބާޕޭ ކުޅެން އެރީ ދެ ވަނަ ހާފުގައި ޓިމޮތީ ވެއާގެ ބަދަލުގަ އެވެ. ޕީއެސްޖީން އެއްވަރުކުރީ މެޗުގެ 52 ވަނަ މިނިޓްގައި ނޭމާ ވައްދާލި ޕެނަލްޓީންނެވެ. މިއީ އޭރިއާ ތެރެއިން ނޭމާ އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އެކެވެ.
ޕީއެސްޖީ މޮޅުކޮށްދިން ލަނޑުތައް އެމްބާޕޭ ކާމިޔާބުކުރީ މެޗުގެ ފަހު އަށް މިނިޓް ތެރޭގަ އެވެ. އޭރިއާ ތެރެއިން ލިބުނު ދެ ބޯޅަ ވެސް އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
"އުނދަގޫ ފެށުމަކަށް ފަހު ޓީމަށް ރަނގަޅަށް ކުޅެވެން ފެށި ދެ ވަނަ ހާފުގައި. ޓީމު އެންމެ ބޭނުންވި ވަގުތުގައި އަހަންނަށް ވަރަށް މޮޅަށް ކުޅެވުނު،" އެމްބާޕޭ ބުންޏެވެ.
ޕީއެސްޖީގެ ކޯޗު ޓުޗެލް ބުނީ އޭނާ ވިސްނައިގެން ހުރީ ދެން އޮތް މެޗުގައި އެމްބާޕޭ އަށް ފުރުސަތު ދޭން ކަމަށާއި އެހެން ނަމަވެސް ރޭގެ މެޗުގެ އޮއެވަރު ދިޔަގޮތުން އެމްބާޕޭގެ ބޭނުން ޓީމަށް މުހިއްމުވީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީނަ
19 August 2018
އެމްބާޕޭއަކީ މޮޅު ހުނަރުވެރި ކުޅުންތެރިއެއް. އެކަމަކު އެމްބާޕޭގެ ހަގީގީ ފެންވަރު ސާބިތުކޮށްދެން ބޭނުމިއްޔާ ޕްރިމިއާރ ލީގްް ނުވަތަ ލަލީގާގެ ކްލަބަކާ ގުޅުން މުޙިންމު. މިހާރު ތިކުޅޭ ކުޑަކުދިންނާއެކު ކުޅޭކަށް ނުޖެހޭނެ. ވަރަށް ވެދުން.