ބާސެލޯނާގެ ލިއޮނަލް މެސީ (ކ) ހުއެސްކާގެ ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: އޭއެފްޕީ
03 ސެޕްޓެމްބަރ 2018 - 07:56
ބާސެލޯނާ (ސެޕްޓެމްބަރު 3) – ސްޕެނިޝް ލީގަށް މުޅިން އަލަށް ޕްރޮމޯޓްވި ހުއެސްކާ އަތުން ބާސެލޯނާ އިން ރޭ އަމިއްލަ ދަނޑުގައި 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެ އެވެ.
މެޗުގެ ތިން ވަނަ މިނެޓުގައި ހުއެސްކާ އިން ކުރި ހޯދުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އެކަމަކު ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ޖެހި ގޯލާއި ހުއެސްކާގެ ޖޯޖް ޕުލިޑޯ އަތުން ބައިކޮޅަށް ވަން ގޯލާ އެކު ބާސެލޯނާ އިން ފުރަތަމަ ހާފުގައި ފަހަތުން އަރައި ތަފާތު ބޮޑުކުރި އެވެ. އޭގެ ފަހުން ހުއެސްކާ އިން ވެސް ހާފުގެ ފަހުކޮޅު އިތުރު ގޯލެއް ޖަހައި ތަފާތު ކުޑަކުރި އެވެ.
ދެ ވަނަ ހާފުގައި ބާސެލޯނާ އިން ވަނީ ފަސް ގޯލް ޖަހައި ތަފާތު ދައްކާލައިފަ އެވެ. ގޯލްތައް ޖެހީ އޮސްމާނޭ ޑެމްބެލޭ، އިވާން ރަކިޓިޗް، މެސީ، ޖޯޑީ އަލްބާ އަދި ޕެނަލްޓީއަކުން ސުއަރޭޒެވެ.
ހުއެސްކާ އިން މީގެ ކުރިން ބާސެލޯނާގެ ދަނޑުގައި ކުޅުނު ފުރަތަމަ އަދި ހަމައެކަނި މެޗުގައި 2015 ގެ ސްޕެނިޝް ކަޕުގައި ބާސެލޯނާ އިން ވަނީ އެ ޓީމު އަތުން 8-1 އިން މޮޅުވެފަ އެވެ.
މި ނަތީޖާއާ އެކު ބާސެލޯނާ ވަނީ ނުވަ ޕޮއިންޓާ އެކު އެއް ވަނަ އަށް އަރައިފަ އެވެ. ދެ ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ރެއާލް މެޑްރިޑެވެ. އެ ޓީމު ވަނީ ހޮނިހިރު ދުވަހުގެރޭ ލެގަނޭސް އަތުން 4-1 އިން މޮޅުވެފަ އެވެ. ކަރިމް ބެންޒެމާ ދެ ގޯލް ޖެހިއިރު އަނެއް ދެ ގޯލް ވައްދާލީ ގަރެތު ބޭލް އާއި ޕެނަލްޓީއަކުން ކެޕްޓަން ސާޖިއޯ ރާމޯސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
03 September 2018
ސާބަހޭ ބާސާ.މިފަހަރު ރެއާލް ވެސް މަޅާލަން ޖެހޭނެ.އޭރުން އެބައި މީހުންނަށް ވަރަށް ރީތި ސައިކަލް ބުރެއް ޖެހޭނެ.#ވިސްކައެލްބާސާ #ޕުތަމެޑްރިޑް