09 ސެޕްޓެމްބަރ 2018 - 10:59
ބީނޯސް އޭރީޒް (ސެޕްޓެމްބަރު 9) – އާޖެންޓީނާ ގައުމީ ޓީމަށް އަނބުރާ އައުމާ މެދު ކެޕްޓަން ލިއޮނަލް މެސީ ނިންމާނެ ގޮތެއް ބެލުމުގައި އަވަސް އަރުވާލަން ބޭނުންނުވާ ކަމަށް ވަގުތީ ކޯޗު ލިއޮނަލް ސްކަލޮނީ ބުނެފި އެވެ.
ވޯލްޑް ކަޕަށް ފަހު މެސީ ވަނީ ގައުމީ ޓީމުން ބްރޭކެއް ނަގައިފަ އެވެ. އޭނާ ރިޓަޔާކުރީ ކަމަށް އެއް ބަޔަކު ބުނާއިރު އަނެއް ބަޔަކު ބުނީ ގައުމީ ޓީމަށް ކުޅުމާ މެދު އޭނާ ވިސްނަނީ ކަމަށެވެ.
މެސީ ވަނީ 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އިން އާޖެންޓީނާ ކެޓުމުން ރިޓަޔާކޮށްފަ އެވެ. އެކަމަކު ގިނަ ބަޔެއްގެ އެދުމުގެ މަތިން އެނބުރި އައީ އެވެ. ގައުމީ ޓީމާ އެކު މެސީ އަށް ބޮޑު ކާމިޔާބެއް ނުލިބޭތީ އެކަމުގެ ޕްރެޝަރު އޭނާ އަށް ވަރަށް ބޮޑެވެ. ބާސެލޯނާގައި ދައްކާ ކުޅުން އާޖެންޓީނާގައި ނުދެއްކެނީ އެސަބަބާ ހެދި ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
"އޭނާ ނެތުމުގެ އިހުސާސްކުރެވޭ. އެކަމަކު އަހަރެމެން އެބަޖެހޭ އޭނާ އަށް ހުސް ވަގުތުކޮޅެއް ދޭން. އޭނާ އެބަޖެހޭ އާއިލާއާ އެކު ވަގުތު ހޭދަކުރަން، ދިރިއުޅުމުން ހިތްހަމަޖެހުން ހޯދަން،" ސްކަލޮނީ ބުންޏެވެ.
އޭނާ ބުނީ މެސީގެ ވިސްނުން ހުރި ގޮތެއް ބަލާނީ ދާއިމީ ކޯޗެއް ހަމަޖެހުމުން ކަމަށެވެ. ސްކަލޮނީގެ ކޯޗުކަމުގެ ދަށުން އާޖެންޓީނާ އިން ވަނީ އިއްޔެ ގުއަޓަމާލާ އަތުން 3-0 އިން މޮޅުވެފަ އެވެ. މި މެޗުގައި އެ ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިން ނުކުޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy