11 ސެޕްޓެމްބަރ 2018 - 12:48
މެޑްރިޑް (ސެޕްޓެމްބަރު 11) – ސްޕެނިޝް ލީގުގައި ޖިރޯނާ އާއި ބާސެލޯނާ ކުޅޭ މެޗު އެމެރިކާގެ މަޔާމީގައި ކުޅުމާ މެދު ފަހު ގޮތް ނިންމާނީ ކުޅުންތެރިން ކަމަށް ސްޕެނިޝް ޕްލެޔާސް ޔޫނިއަން (އޭއެފްއީ) އިން ބުނެފި އެވެ.
ސްޕެނިޝް ލީގުން ރެލެވެންޓް ކިޔާ ކުންފުންޏަކާ އެކު ހެދި 15 އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސީޒަނުގެ އެއް މެޗު އެމެރިކާގައި ކުޅޭނެ އެވެ. މިކަމާ ދެކޮޅަށް އެ ޔޫނިއަނުން ވަނީ މީގެ ކުރިން ބައްދަލުވުމެއް ބާއްވައި ވާހަކަދައްކައިފަ އެވެ. ސްޕެނިޝް ލީގުގެ ހުރިހާ ކެޕްޓަނުން އެ ޖަމިއްޔާގެ ރައީސް ޑޭވިޑް އަގަންޒޯ ބޭއްވި ބައްދަލުކުރުމަށް ފަހު ބުނީ ދެކޮޅަށް މިކަމާ މަސައްކަތް ފަށާނެ ކަމަށާއި މިކަންތައް ކޮޅެއްގައި ޖެއްސުމަށް ތައްޔާރަށް އޮތް ކަމަށެވެ.
އެ ޖަމިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި މެޗާ މެދު ފައިނަލް ގޮތެއް ނިންމާނީ ޖަމިއްޔާގެ ތެރެއިން ކުޅުންތެރިން ކަމަށެވެ. އަދި ބުނީ ސްޕެނިޝް ލީގުން ހެދި އެއްބަސްވުމުގެ ތަފްސީލް ނުލިބޭތީ ކުޅުންތެރިންގެ ހިތްހަމަނުޖެހުން އުޅޭ ކަމަށެވެ. އެ ޖަމިއްޔާ އިން ވަނީ ލީގުގެ ޕްލޭން ހޯދުމަށް އެދިފަ އެވެ.
އަންނަ އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު ކުޅެން ރާވާފައިވާ މެޗާ މެދު ޖިރޯނާ އިން އަންނަނީ ސްޕެނިޝް ލީގާއި ބާސެލޯނާއާ އެކު ވާހަކަތައް ބާއްވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މެޗު ކުޅެން އެ ކްލަބުން ބޭނުންވެ އެވެ.
މި މެޗު އެމެރިކާގައި ކުޅޭތީ އޭގެ ސަބަބުން ދަތިތައް ކުރިމަތިވާ ސަޕޯޓަރުންނަށް ދަތުރުކުރުމާއި އެހެނިހެން ކަންކަމަށް ސްޕެނިޝް ލީގުން އެހީތެރިވާނެ ކަމަށްވެ އެވެ.
ސްޕެނިޝް ލީގުން މި ނިންމުން ނިންމިއިރު ޔޫނިއަންނާ ވެސް ކްލަބްތަކާ ވެސް އަދި ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނާ ވެސް މަޝްވަރާނުކުރާ ކަމަށްވެ އެވެ. އަދި ސްޕެއިނުގެ ނެޝަނަލް ސަޕޯޓާސް ފެޑެރޭޝަނުން ވެސް ވަނީ މި ނިންމުމާ ދެކޮޅު ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy