12 ސެޕްޓެމްބަރ 2018 - 10:53
މެޑްރިޑް (ސެޕްޓްބަރު 12) – ސްޕެނިޝް ލީގުގައި ޖެނުއަރީ 26 ވަނަ ދުވަހު ބާސެލޯނާ އާއި ޖިރޯނާ ކުޅޭ މެޗު އެމެރިކާގައި ބޭއްވުމުގެ ހުއްދައަށް އެ ދެ ކްލަބާއި ލީގުން ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުގައި އެދިއްޖެ އެވެ.
މިއީ ކުރިއަށް 15 އަހަރު، ކޮންމެ ސީޒަނެއްގެ އެއް މެޗު އެމެރިކާގައި ކުޅުމަށް ސްޕެނިޝް ލީގުން ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކުޅޭ މެޗެކެވެ. މިކަމާ ދެކޮޅަށް ސްޕެއިނުގެ ކުޅުންތެރިންގެ ޔޫނިއަނުން ތެދުވެފައިވާއިރު، ސްޕެއިން ފެޑެރޭޝަނުގެ ރައީސް ލުއިސް ރުބިއޭލްސް ވަނީ މިކަމާ ދެކޮޅަށް ވާހަކަދައްކަވައިފަ އެވެ.
ސްޕެއިނުގެ ކުޅުންތެރިންގެ ޔޫނިއަނުން ލީގާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ބުނީ މެޗު ކުޅުމާ މެދު ފަހު ގޮތް ނިންމާނީ ކުޅުންތެރިން ކަމަށެވެ. އެކަމަކު މެޗު ކުޅެން ސްޕެނިޝް ފެޑެރޭޝަނާއި ޔުއެފާ އާއި ޔޫއެސް ސޮކާ ފެޑެރޭޝާން އަދި އުތުރު އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަނުގެ ހުއްދަ ވެސް ލިބެން ޖެހޭނެ އެވެ.
ޖިރޯނާގައި ކުޅެން ހަމަޖެހިފައި އޮތް މި މެޗު ގައުމުން ބޭރަށް ބަދަލުކުރުމުން އޭގެ ގެއްލުން ލިބޭ ސަޕޯޓަރުންނަށް، އެމެރިކާ އަށް ދިއުމަށާއި އެތަނުގައި ތިބުމަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ލީގުން ވަނީ ނިންމައިފަ އެވެ. އެގޮތުން ސީޒަން ޓިކެޓް ގަނެފައިވާ ސަޕޯޓަރުންނަށް 1500 ހިލޭ އެއާ ޓިކެޓްދީ އަދި ބޭނުން ނަމަ މެޗަށް ފަހު އެނބުރި އަންނަން ނުވަތަ ހަފުތާ ބަންދުގައި މަޔާމީގައި މަޑުކުރުމުގެ ފުރުސަތު ދޭނެ އެވެ. ދަތުރުކުރަން ބޭނުންނުވާ ސަޕޯޓަރުންނަށް، ބާސެލޯނާއާ ދަނޑުގައި ޖިރޯނާ ކުޅޭ މެޗުން ހިލޭ ޓިކެޓްދީ ސީޒަން ޓިކެޓުން 20 ޕަސެންޓް ޑިސްކައުންޓެއްދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy