ޔުވެންޓަސްގެ މިޑްފީލްޑަރު ޕޮގްބާ. -- ފޮޓޯ: އޭއެފްޕީ
07 އޯގަސްޓް 2016 - 23:13
ލަންޑަން (އޮގަސްޓް 7) - ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އެންމެ ފަހުން މެންޗެސްޓާ ޔުނައިޓެޑަށް ލިބިއްޖެ ކަމަށާއި އެކަމާ ވަރަށް ބޮޑަށް އުފާވާ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ޔުނައިޓެޑް ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި 2012 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނު ޕޮގްބާ އެނބުރި ޔުނައިޓެޑަށް ބަދަލުވުމުގެ ކަންކަން ނިންމުމުގެ ހުއްދަ ޔުވެންޓަސް އިން ވަނީ މިރޭ ޕޮގްބާ އަށް ދީފަ އެވެ. ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ޕޮގްބާ ޔުނައިޓެޑުގެ މެޑިކަލް ޓެސްޓް ހަދާނެ ކަމަށް ޔުނައިޓެޑުން ވަނީ މިރޭ އިއުލާންކޮށްފަ އެވެ.
ގިނަ ދުވަސްތަކެއް ވަންދެއް ގޮތެއް ނުނިމި ދިއުމަށް ފަހު ޔުވެންޓަސް އިން އެންމެ ފަހުން ޕޮގްބާ ވިއްކާލަން ނިންމާފައިވާއިރު ރިޕޯޓްތައް ބުނާ ގޮތުގައި ޓްރާންސްފާގެ އަގަކީ 130 މިލިއަން އެމެރިކާ ޑޮލަރެވެ. އެއާ އެކު ޕޮގްބާ ވެގެންދާނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ. މީގެ އިތުރުން ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ އަށް ވެސް ޔުނައިޓެޑުން ބޮޑު ފީ އެއް ދައްކަން ޖެހެ އެވެ.
"އެހާ މޮޅު ކުޅުންތެރިޔަކު އަހަރެމެންނަށް ލިބުމަކީ ވަރަށް އުފާވެރި ކަމެއް. އެންމެ ފަހުން އަހަރެމެންނަށް އޭނާ ލިބިއްޖެ،" ލެސްޓާ ސިޓީ އަތުން 2-1 އިން މޮޅުވެ މިރޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރުމަށް ފަހު މޮރީނިއޯ ބުންޏެވެ. "އޭނާ އެ އަންނަނީ ކާމިޔާބީގެ ސިލްސިލާއެއްގައި އޮތް ޓީމަކަށް."
ޔުނައިޓެޑުން އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށް ބުނެ އެ ކްލަބް ދޫކޮށްލުމަށް ފަހު ޕޮގްބާ ޔުވެންޓަސްއާ ގުޅުނުއިރު އޭނާ އެ ޓީމުގައި ކުޅުނީ ހުނަރުވެރި މިޑްފީލްޑަރުން ކަމަށްވާ އަންދްރޭ ޕިރްލޯ އާއި އަރުޓޯ ވިޑާލް އަދި ކްލައުޑިއޯ މާކީޒިއޯ ފަދަ ކުޅުންތެރިންނާ އެކު އެވެ. ޗެލްސީގެ މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަދި ޔުވެންޓަސްގެ މިހާރުގެ ކޯޗު މަސިމޯ އެލެގްރީގެ ކޯޗުކަމުގެ ދަށުން ޕޮގްބާ ވަނީ ޔުވެންޓަސްއާ އެކު އިޓާލިއަން ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި 2014 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި އެވެ.
ޕޮގްބާ އަކީ މެދުތެރެއިން ޑިފެންސްކުރުމުގެ އިތުރުން އެޓޭކުގައި ވެސް ބައިވެރިވާ އަދި މަތިން އަންނަ ބޯޅަތަކަށް ވެސް އެހާމެ މޮޅަށް ކުޅޭ ކުޅުންތެރިއެކެވެ. ބޯޅަ ހިފަހައްޓައިގެން ވެސް ކުޅޭ މި ކުޅުންތެރިޔާ އަކީ މޮޅު ޑިފެންސިވް، ހޯލްޑިން އަދި އެޓޭކިން މިޑްފީލްޑަރެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ޝަރުތެއް ފުރިހަމަވެފައިވާ ކުޅުންތެރިއެއް ކަމަށް ފުޓްބޯޅައިގެ ޓެކްނިކަލް ތަޖުރިބާކާރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހްމަދު
09 August 2016
ބިގް ފުލޮޕް..
މެންޔު ފޭން
08 August 2016
އިންތރެސްޓިންގ އާޓިކަލެށް