14 ސެޕްޓެމްބަރ 2018 - 12:36
މެޑްރިޑް (ސެޕްޓެމްބަރު 14) – ސްޕެނިޝް ލީގުގެ މެޗެއް އެމެރިކާގައި ކުޅުމަށް އެ ލީގުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވުމުގެ ފުރުސަތު ކުޑަވެއްޖެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ކުރިއަށް އޮތް 15 އަހަރު، ކޮންމެ ސީޒަނެއްގެ އެއް މެޗު އެމެރިކާގައި ކުޅުމަށް ސްޕެނިޝް ލީގުން ކުންފުންޏަކާ އެކު ހެދި އެއްބަސްވުމުގެ ދަށުން މަސައްކަތްކުރަމުން އަންނަނީ ޖެނުއަރީ 26 ގައި ބާސެލޯނާ އާއި ޖިރޯނާ ކުޅެން ހަމަޖެހިފައިވާ މެޗު އެމެރިކާގައި ބޭއްވުމަށެވެ.
މިކަމާ ދެކޮޅަށް ސްޕެއިނުގެ ކުޅުންތެރިންގެ ޔޫނިއަނުން ތެދުވެފައިވާއިރު، ސްޕެއިން ފެޑެރޭޝަނުގެ ރައީސް ލުއިސް ރުބިއޭލްސް ވަނީ މިކަމާ ދެކޮޅަށް ވާހަކަދައްކަވައިފަ އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސްޕެއިން ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ރުބިއޭލްސް އިއްޔެ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ސްޕެއިނުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒާ ބައްދަލުކުރައްވާފައިވާ ކަމަށާއި އެ ދެ ފަރާތުން ވެސް މިކަމާ ދެކޮޅު ހެއްދެވި ކަމަށެވެ.
ފީފާ އިން ގަބޫލުކުރާ ގޮތުގައި މީގެ ސަބަބުން ފުޓްބޯޅައަށް ވުރެ އެ އިސްކަންދެވެނީ ވިޔަފާރިއަށެވެ. އަދި ސްޕެނިޝް ފުޓްބޯޅަ އެސޯސިއޭޝަނުން ގަބޫލުކުރާ ގޮތުގައި މީގެ ސަބަބުން ލީގަށް ގެއްލުންވެ އެވެ. އަދި މިކަމަކީ ސަޕޯޓަރުންނާއި ކުޅުންތެރިންގެ ޝައުގާ ގުޅިފައިވާ ކަމެއް ނޫން ކަމަށް ވެސް ދެކެ އެވެ.
ސްޕެއިނުގެ ސަރުކާރުން ދެކޭ ގޮތުގައި މެޗު ކުޅޭ ދެ ޓީމަކީ ސްޕެއިނުން ވަކިވާން މަސައްކަތްކުރާ ކެޓަލޯނިއާ ސަރަހައްދަށް ނިސްބަތްވާ ދެ ޓީމަށް ވާތީ މީގެ ސަބަބުން އެ ހަރަކާތަށް ސަމާލުކަމެއް ލިބިދާނެ ކަމަށެވެ. ބާސެލޯނާ އާއި ޖިރޯނާ ނިސްބަތްވާ ކެޓަލޯނިއާ ސަރަހައްދުގައި މިނިވަން ދައުލަތެއް ގާއިމްވެއްޖެ ނަމަ އެ ޓީމުތަކުން ސްޕެނިޝް ލީގުގައި ވާދަކުރުމުގެ ފުރުސަތު ގެއްލި ޔޫރަޕުގެ އެހެން ލީގަކުން ފެނުމުގެ ފުރުސަތު އެބައޮތެވެ.
މި މެޗު ކުރިއަށް ގެންދަން ސްޕެނިޝް ލީގުގެ އިތުރުން ދެ ކްލަބުން ވެސް ބޭނުންވެ އެވެ. އެކަމަކު ސްޕެއިނުގެ ކުޅުންތެރިންގެ ޔޫނިއަނުން ލީގާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ބުނީ މެޗު ކުޅުމާ މެދު ފަހު ގޮތް ނިންމާނީ ކުޅުންތެރިން ކަމަށެވެ. އެކަމަކު މެޗު ކުޅެން ސްޕެނިޝް ފެޑެރޭޝަނާއި ޔުއެފާ އާއި ޔޫއެސް ސޮކާ ފެޑެރޭޝާން އަދި އުތުރު އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަނުގެ ހުއްދަ ވެސް ލިބެން ޖެހޭނެ އެވެ.
ޖިރޯނާގައި ކުޅެން ހަމަޖެހިފައި އޮތް މި މެޗު ގައުމުން ބޭރަށް ބަދަލުކުރުމުން އޭގެ ގެއްލުން ލިބޭ ސަޕޯޓަރުންނަށް، އެމެރިކާ އަށް ދިއުމަށާއި އެތަނުގައި ތިބުމަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ލީގުން ވަނީ ނިންމައިފަ އެވެ. އެގޮތުން ސީޒަން ޓިކެޓް ގަނެފައިވާ ސަޕޯޓަރުންނަށް 1500 ހިލޭ އެއާ ޓިކެޓްދީ އަދި ބޭނުން ނަމަ މެޗަށް ފަހު އެނބުރި އަންނަން ނުވަތަ ހަފުތާ ބަންދުގައި މަޔާމީގައި މަޑުކުރުމުގެ ފުރުސަތު ދޭނެ އެވެ. ދަތުރުކުރަން ބޭނުންނުވާ ސަޕޯޓަރުންނަށް، ބާސެލޯނާއާ ދަނޑުގައި ޖިރޯނާ ކުޅޭ މެޗުން ހިލޭ ޓިކެޓްދީ ސީޒަން ޓިކެޓުން 20 ޕަސެންޓް ޑިސްކައުންޓެއްދޭނެ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy