ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ.-- ފޮޓޯ: އޭއެފްޕީ
23 ސެޕްޓެމްބަރ 2018 - 11:53
ބާސެލޯނާ (ސެޕްޓެމްބަރު 23) - ބާސެލޯނާއާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން އާ ކުރުމުގެ ވާހަކަތައް ދެއްކުމަށް ވުރެން އެ ޓީމަށް މި ސީޒަނުގައި ކާމިޔާބީތަކެއް ހޯދައިދިނުން މުހިއްމުކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.
ވަލްވޭޑޭ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެކެެވެ. އެކަމަކު އެއީ ވަލްވޭޑޭ އަށް އޮތް މައްސަލައެއްގެ ގޮތުގައި އޭނާ ނުދެކެ އެވެ.
"ތެދެއް އަހަރެން ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ 12 މަސް. އެކަމަކު އަހަރެން ބޭނުންވެއްޖެ ނަމަ އެ އެއްބަސްވުމުގެ ތެރެއިން މި ޓީމުގައި އިތުރު 12 މަސް ދުވަހު މަޑުކުރުމުގެ އިހުތިޔާރު ވެސް އަހަންނަށް އެބައޮތް،" މިރޭ ޖިރޯނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވަލްވޭޑޭ ބުންޏެވެ.
އޭނާ ބުނީ ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތައް މި ވަގުތު އޮތީ މަޑުޖައްސާލާފައި ކަމަށެވެ.
"ފުޓްބޯޅަ ސީޒަނެއް ވަރަށް ދިގުވާނެ. ވަރަށް ގިނަ ކަންތައްތަކެއް އެއް އަހަރު ތެރޭގައި ހިނގާނެ. މިއީ އަދި ސެޕްޓެމްބަރު މަސް. އަދި ސީޒަންގެ ބޮޑުބައި އޮތީ. އެހެންވީމަ ކުރިއަށް އޮތް މެޗުތަކުން މޮޅުވެ މި ސީޒަނުގައި ކާމިޔާބު ހޯދުން އަހަންނަށް މާ މުހިއްމު،" ކުރިން އެތުލެޓިކް ބިލްބާއޯ އަށް ކޯޗުކޮށްދިން ވަލްވޭޑޭ ބުންޏެވެ.
ވަލްވޭޑޭ ކޯޗިން ކެރިއަރު ފެށީ 2001 ވަނަ އަހަރު ބިލްބާއޯގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އޮލިމްޕިއާކޯސް އަށް ދެ ފަހަރު އަދި ވިޔަރެއާލާއި ވެލެންސިއާ އަށް ކޯޗުކޮށްދީފަ އެވެ. އޭނާ ދެ ވަނަ ފަހަރަށް ބިލްބާއޯއާ ހަވާލުވީ 2013 ވަނަ އަހަރު އެވެ.
މިދިޔަ ސީޒަނުގައި ބާސެލޯނާއާ ހަވާލުވެ ވަލްވޭޑޭ ވަނީ އެ ޓީމަށް ސްޕެނިޝް ލީގާއި ކޮޕަ ޑެލް ރޭ ކާމިޔާބު ކޮށްފަ އެވެ. މި ސީޒަނުގައި ބާސެލޯނާގެ އެންމެ ބޮޑު އަމާޒަކީ ޗެމްޕިއަންސް ލީގު ކަމަށް އެ ކްލަބުން ބުނެ އެވެ. ބާސެލޯނާ ވަނީ މި ފަހަރުގެ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅުވެފަ އެވެ. މިރޭ އެ ޓީމު ޖިރޯނާއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒޭ އެންޑް ޒަބީހު
23 September 2018
އިންޝާ ﷲ