ޕޮގްބާ 2011 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
09 އޯގަސްޓް 2016 - 09:35
މެންޗެސްޓާ (އޮގަސްޓް 9) - ދުނިޔޭގެ ރެކޯޑް އަގަކަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި ބޭނުންވަނީ ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑާ އެކު ގިނަ ކާމިޔާބީތަކެއް ހޯދަން ކަމަށް ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.
ކުޅުމުގެ ފުރުސަތު ނުލިބޭތީ ޕޮގްބާ ޔުނައިޓެޑް ދޫކޮށް ޔުވެންޓަސްއާ ގުޅުނީ 2012 ވަނަ އަހަރު އެވެ. އޭގެ ހަތަރު އަހަރު ފަހުން އޭނާ ޔުނައިޓެޑަށް ސޮއިކޮށްފައިވަނީ 110 މިލިއަން ޔޫރޯ (89 މިލިއަން ޕައުންޑް) އަށެވެ. ޕޮގްބާ ބުނީ ޔުވެންޓަސް ދޫކޮށްލުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ.
"މިއީ ތަގުދީރުގައި ލިޔެވިފައި އޮތް ކަމެއް. އަހަންނަށް އެނގޭ ކުރިން ވެސް ކޮންމެސް ދުވަހަކުން ޔުނައިޓެޑަށް އެނބުރި އަންނަން ޖެހޭކަން. މަންމަ އާއި އާއިލާ މީހުން ވެސް އެހެން ބުނޭ. މިއީ އަހަރެން ކެރިއަރު ފެށިތަން. މި ކްލަބުގައި އަހަރެން ފެށި ބައެއް ކަންތައް ނުނިމި އެބަހުރި. ބޭނުންވަނީ ގިނަ ތަށި ތަކެއް ހޯދައިގެން އެކަން ފުރިހަމަ ކުރަން،" އުމުރުން 23 އަހަރުގެ ޕޮގްބާ ބުންޏެވެ.
މޮރީނިއޯ ބުނީ ޕޮގްބާ އަކީ ކުރިއަށް އޮތް 10 އަހަރު ވެސް ޔުނައިޓެޑަށް ބޭނުން ހިފޭނެ ކުޅުންތެރިއެއް ކަމަށެވެ.
"ރެއާލް މެޑްރިޑުން ހިތާމައެއް ނުކުރާނެ ބޭލްގެ ޓްރާންސްފާ ރެކޯޑް އަހަރެމެން ޕޮގްބާ ގެންނަން މުގުރާލުމުން. ޕޮގްބާ އަށް ކުރިއަށް އޮތް 10 އަހަރު އަދި އެއަށް ވުރެން ގިނަ ދުވަސް ވަންދެން ޔުނައިޓެޑް ލީޑު ކުރެވިދާނެ. މި ކްލަބަށް ކުޅުނު މޮޅު ކުޅުންތެރިންގެ ތެރެއިން ޕޮގްބާ ވާނެ ކަމާމެދު ޝައްކެއް ނެތް،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ ޕޮގްބާގެ އަގަކީ އޭނާ އަށް އޮތް ޕްރެޝަރަކަށް ނުވާނެ ކަމަށެވެ.
"ޓްރާންސްފާ މާކެޓްގެ އަގުތައް ހުރި ގޮތުން ޕޮގްބާ ފެންވަރު ކުޅުންތެރިއެއް ހޯދަން ބޮޑު ހޭދައެއް ކުރަން ޖެހޭ. އަހަރެމެން ބޭނުންވި ޕޮގްބާ ކޮންމެ އަގެއް ދީފައިވެސް ގެންނަން. އެންމެ އަގުބޮޑު ކުޅުންތެރިއާ އަށް ވުމަކީ ޕޮގްބާ އަށް އޮތް ބޮޑު ޕްރެޝަރެއް ނޫން،" އޭނާ ބުންޏެވެ.
ޔުނައިޓެޑް ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ބޯންމައުތާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
09 August 2016
މަރުހަބާ ޕޮގޭ. ވެލްކަމްޓު ބާކްލޭސް ޕްރިމިއަރ ލީގް. ޔުވެންޓަސްއަށް ގިނަ ކާމިޔާބީ ތަކެއް ޕޮގްބާ ހޯދަދީފައިވޭ.އެހެންވީމަ ރަދީފްގް ސަޕޯޓް ލިބޭނެ ޕޮގްބާއަށް.ނަމަވެސް ޖުމްލަކޮށް މުޅި ޔުނައިޓެޑަށް ސަޕޯޓްނުކުރާ ވާހަކަ ދަންނަވަން.
ަަައަބޫ
16 August 2016
ރަދީފު އާސެނަލް ގޮވައިގެން މަހަށް ދޭބަލަ