ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
30 ސެޕްޓެމްބަރ 2018 - 09:44
ޕެރިސް (ސެޕްޓެމްބަރު 30) - ފްރާންސް ލީގުގެ ފުރަތަމަ އަށް މެޗުން މޮޅުވެ 82 އަހަރުވީ ރެކޯޑަކާ ޕީއެސްޖީން ހަަމަކޮށްފި އެވެ. އެންމެ ފަހުން ލީގުގެ ފުރަތަމަ އަށް މެޗުން މޮޅުވީ 1936 ވަނަ އަހަރުގެ ސީޒަނުގައި ލިލް އިންނެވެ.
ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 24 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސެއިން އެޓިއެން އަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ލިޔޯނަށް ވަނީ 14 ޕޮއިންޓް ލިބިފަ އެވެ.
ނީސް ދަނޑުގައި ރޭ ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 3-0 އިންނެވެ. މި މެޗުގެ 22 ވަނަ މިނިޓްގައި ޕީއެސްޖީ އަށް ލީޑުނަގައިދިނީ ނޭމާ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މިނިޓެއްގެ ތެރޭގައި ޕީއެސްޖީ އަށް ލީޑުފުޅާކޮށްދިނީ ކްރިސްޓޮފާ އެންކުންކޫ އެވެ.
ނީސް އަށް މި މެޗުގައި އެންމެ ބޮޑު އުނދަގޫތަކެއް ކުރިމަތިވީ މެޗުގެ 59 ވަނަ މިނިޓްގައި އެ ޓީމުގެ ވީލިއަން ސިޕްރައެން އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ނީސްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި މެޗުގެ އިތުރު ވަގުތުގައި ޕީއެސްޖީގެ ފަހު ލަނޑު ޖެހީ ނޭމާ އެވެ.
ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ އެ ޓީމުން މި ސީޒަނުގައި ހޯދަމުން އަންނަ ކާމިޔާބީ އަކީ ހަގީގަތުގައި ވަރަށް އުނދަގޫ މަސައްކަތެއް ކަމަށެވެ.
"ޕީއެސްޖީގައި ތިބި ކުޅުންތެރިންނަށް ބަލާފައި ގިނަ ބަޔަކަށް ހީވެދާނެ މިއީ ވަރަށް ފަސޭހަ ކަމެކޭ. ހަގީގަތުގައި މިއީ އުނދަގޫ މަސައްކަތެއް. އެއީ މި ކުޅުންތެރިން އަހަންނަށް ލިބުނީ ވޯލްޑް ކަޕަށް ފަހު ވަރަށް ގިނަ ދުވަސްވީ ފަހުން. އެހެންވެ ތައްޔާރީތައް ދިޔައީ ބޭނުންވި ގޮތަކަށް ނޫން. އެ ވިސްނުމަށް ބަލާއިރު އަހަރެމެންނަށް މި ގޮތަށް ކުރިއަށްދެވުމަކީ ކާމިޔާބެއް،" ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.
ޕެޓްރިކް ވިއެރާގެ ކޯޗުކަމުގައި ކުޅެމުން އަންނަ ނީސް އަށް ރޭގެ މެޗުގައި ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy