10 އޮކްޓޯބަރ 2018 - 10:54
މެންޗެސްޓާ (އޮކްޓޯބަރު 10) – ޗެމްޕިއަންސް ލީގުގެ ފައިނަލުން 2009 ވަނަ އަހަރު ބާސެލޯނާ އަތުން ބަލިވުމުން ޑިޕްރެޝަނަށް ގޮސް ދެ އަހަރު ވަންދެއް އެ ބަލި ތަހައްމަލުކުރި ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ މިޑްފީލްޑަރު މައިކަލް ކެރިކް ބުނެފި އެވެ.
ކެރިކް ބުނީ އެކަމުގެ ސަބަބުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑް ގައުމީ ޓީމަށް ކުޅުނުއިރު ވެސް އަސަރުކުރި ކަމަށެވެ.
"ވޯލްޑް ކަޕަށް ދިއުމަކީ އަހަރެންގެ ހުވަފެނެއް. އެކަމަކު ހަގީގަތަކީ (ޑިޕްރެޝަންގެ ސަބަބުން) އަހަރެން ވޯލްޑް ކަޕަށް ދާކަށް ބޭނުމެއް ނުވި. އަހަރެން ބޭނުންވީ ގޭގައި ހުންނަން،" ކެރިކް ބުންޏެވެ.
ރޯމްގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލުން ބާސެލޯނާ އަތުން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކެރިކް އަޅުވަނީ އޭނާގެ ބޮލުގަ އެވެ. އެއީ ބާސެލޯނާގެ ފުރަތަމަ ގޯލް ސެމުއަލް އެޓޫ ޖެހީ ކެރިކް އަތުން ގެއްލުނު ބޯޅައަކުން އުފެއްދި ހަމަލާއެއްގައި ކަމަށްވާތީ އެވެ.
"އަހަރެން އަމިއްލަ ނަފުސާ ސުވާލުކުރަމުން ދިޔައިން ކީއްވެހޭ އަހަރެން އެހެން ހެދީ. އެހިސާބުން (ޑިޕްރެޝަން) ބޮޑުވަމުން ބޮޑުވަމުން ދިޔަ. އޭގެ ފަހުން އެއީ ދަތި އަހަރެއް. ވަރަށް ގިނަ ދުވަހު އެކަންތައް ހަރުލާފައި ހުރި،" ކެރިކް ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑް އެ ފައިނަލުން ބަލިވި ނަމަވެސް އޭގެ ކުރީ އަހަރު އެ ޓީމުން ޗެލްސީ ބަލިކޮށް ތަށި ހޯދި އެވެ. އެ މެޗުގައި ކެރިކް ފުލްކޮށް ކުޅުނު ވެސް މެ އެވެ. އެކަމަކު ޖެހިގެން އައި އަހަރު ލިބުނު ނާކާމިޔާބީއާ އެކު، ކުރީގެ ކާމިޔާބީ އެއްވެސް އެއްޗަކަށް ނުވި އެވެ.
"އަހަރެން އެކަންތައް ޑިޕްރެޝަންގެ ގޮތުގައި ސިފަކުރީ އެއީ އެންމެ ފަހަރަކު ވީކަމަކަށް ނުވާތީ. ބައެއް މެޗުތަކަށް ފަހު އަހަރެން ދެރަވެ މާޔޫސްވޭ. އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން އެކަމުން އަރައިގަނޭ. އެކަމަކު އެ ފަހަރު އެކަމުން އަރައިނުގަތް. އެއީ ވަރަށް އެހެން ކަހަލަ އިހުސާސެއް،" ކެރިކް ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ މިހާރުގެ އެސިސްޓަންޓް ކޯޗު ބުނީ އޭނާގެ އެ އުނދަގޫތައް އަންހެނުންނާއި އާއިލާ މެމްބަރުންނަށް އެނގުނު ނަމަވެސް އޭނާގެ ނަފުސާލީ ބަލީގެ ބޮޑުމިން ކުޅުންތެރިންނަށް ވެސް ނޭގޭނެ ކަމަށެވެ.
"ގިނަ ފަހަރު އަމިއްލަ ނަފުސަށް އެކަނި އެކަންކަން ބެއްސީ. އަހަރެންގެ އާއިލާ އަށް ވެސް ނޭގޭނެ އަހަރަން ތަހައްމަލުކުރި އުނދަގޫތަކުގެ ކުޑަބޮޑުމިން،" ކެރިކް ބުންޏެވެ. "އެއީ ފުޓްބޯޅައިގެ ތެރޭގައި އާއްމުކޮށް ދެކެވޭ ވާހަކައެއް ނޫން."
ވެސްޓް ހޭމާއި ޓޮޓެންހަމަށް ކުޅުމަށް ފަހު 2006 އިން މިދިޔަ ސީޒަނުގެ ނިޔަލަށް ޔުނައިޓެޑަށް ކުޅުނު ކެރިކް ބުނީ އޭނާގެ ޑިޕްރެޝަން ބަލީގެ ވާހަކަތައް، އެކުގައި ކުޅުނު ކުޅުންތެރިންނަށް ވެސް އެނގޭނީ މިއަދު މި ހަބަރުތައް އާއްމުވުމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy