13 އޮކްޓޯބަރ 2018 - 13:46
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީ ގައި ސާބިއާގެ ރެޑްސްޓާ ބެލްގްރޭޑް އަތުން 6-1 އިން ފްރާންސްގެ ޕީއެސްޖީ މޮޅުވި މެޗުގައި މެޗު ފިކްސިންގެ ކަމެއް ހިނގައިފައިވޭތޯ ބެލުމަށް ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ތަހުގީގު ފަށައިފި އެވެ.
ފްރާންސްގެ ލެއިކުއިޕޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މެޗުން ރެޑްސްޓާ ފަސް ލަނޑުގެ ތަފާތަކުން ބަލިވާނެ ކަމަށް، އެ ކްލަބުގެ އޮފިޝަލަކު ފަސް މިލިއަން ޔޫރޯގެ ބެޓެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ.
ޔުއެފާގެ އިޝާރާތަކަށް މި މައްސަލަ ބަލަމުން އަންނަނީ ފްރާންސްގެ ނެޝަނަލް ފިނޭންސް ޕްރޮސެކިއުޓަރެވެ. ދެ ކްލަބުން ވެސް ވަނީ، ގޯހެއް ހަދާފައިނުވާ ކަމަށް ބުނެފަ އެވެ.
ރެޑްސްޓާ އިން ވަނީ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ގަދަފަދަ ނަޕޯލީއާ 0-0 އިން އެއްވަރުކޮށްފަ އެވެ. އެ ފަދަ ނަތީޖާއެއް ނެރެފައި އޮތް ޓީމެއް ޕީއެސްޖީ އަތުން އެހާ ތަފާތު ބޮޑުކޮށް ބަލިވުމުން ހައިރާންކަން ލިބުނެވެ. އެ މެޗުގައި ބްރެޒިލް ފޯވާޑް ނޭމާ ހެޓްރިކެއް ހެދިއިރު އަނެއް ތިން ލަނޑު ޖެހީ އެޑިންސަން ކަވާނީ އާއި އެންހެލް ޑި މަރިއާ އަދި ކީލިއަން އެމްބާޕޭ އެވެ.
ރެޑްސްޓާ އިން ބުނީ އެ ތުހުމަތުތަކުގެ ސަބަބުން ކްލަބުގެ ނަމަށް ހުތުރުވެދާނެ ކަމަށާއި އެހެންވެ ޔުއެފާ އާއި ފްރާންސް އަދި ސާބިއާގެ ތަހުގީގީ އިދާރާތަކުން މި މައްސަލަ ރަނގަޅަށް ތަހުގީގުކޮށް ހަގީގަތް ހާމަކޮށްދޭން އެދޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy