މެސީ އަށް ބާސެލޯނާގެ މެޑިކަލް އޮފިސަރުން ފަރުވާދެނީ. --ފޮޓޯ: އޭއެފްޕީ
21 އޮކްޓޯބަރ 2018 - 09:07
ބާސެލޯނާ (އޮކްޓޯބަރު 21) – ސެވިއްޔާ 4-2 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް ރޭ އެރިއިރު، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީގެ އަތުގައި ރެނދެއް ލައި ކުރިއަށް އޮތް އެލް-ކްލެސިކޯ މެޗުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.
މެސީ އަށް އަނިޔާވީ ސެވިއްޔާގެ ފްރާންކޯ ވަސްކުއޭޒްއާ މުޑިއަރައި، އަތްމައްޗަށް ވެއްޓިގެންނެވެ. އެއާ އެކު 26 ވަނަ މިނެޓުގައި މެސީ ވަނީ ބާލައިފަ އެވެ. މެސީ ތިން ހަފުތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭއިރު މުހިއްމު ދެ މެޗެއް ގެއްލޭނެ އެވެ. އެއީ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހު އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗާއި އާދީއްތަ ދުވަހުގެރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ. މާނައަކީ މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ނެތި ކުޅޭ ކްލެސިކޯ އަކަށް މި މެޗު ވުމެވެ. ރެއާލް މެޑްރިޑުގެ ފޯވާޑް ވަނީ މި ސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވެފަ އެވެ.
ރޭގެ މޮޅާ އެކު 18 ޕޮއިންޓް ހަމަކޮށް ބާސެލޯނާ އެއް ވަނަ އަށް އެރީ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑަށް އިއްޔެ މޮޅުނުވެވުމުގެ ފައިދާ ނަގައިގެންނެވެ. ވިޔަރެއާލާ 1-1 އިން އެއްވަރުވެ އެތުލެޓިކޯ މެޑްރިޑް 16 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު ލެވަންޓޭ އަތުން 2-1 އިން ބަލިވި ރެއާލް މެޑްރިޑް އޮތީ 14 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ތާވަލުގެ ދެ ވަނައިގައި 17 ޕޮއިންޓާ އެކު ޑިޕޯޓިވޯ އަލަވެސް އޮތްއިރު ތިން ވަނައިގައި 16 ޕޮއިންޓާ އެކު އޮތީ ސެވިއްޔާ އެވެ.
ބާސެލޯނާގެ ދަނޑުގެ ރޭ ކުޅުނު މެޗުގެ ދެ ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ފިލިއްޕޭ ކުޓީނިއޯ އެވެ. އޭގެ ފަހުން 12 ވަނަ މިނެޓުގައި މެސީ ލީޑު ފުޅާކޮށްދިނެވެ. ލުއިސް ސުއަރޭޒް މެޗުގެ 63 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ގޯލް ޖަހައި ބާސެލޯނާ އަށް ތަފާތު ބޮޑުކޮށްދީފައިވަނިކޮށް އެ ޓީމުގެ ކްލެމެން ލެންގްލޭ އަތުން ބައިކޮޅަށް ގޯލެއް ވަދެ ސެވިއްޔާ އަށް ތަފާތު ކުޑަވި އެވެ. އެކަމަކު 88 ވަނަ މިނެޓުގައި އިވާން ރަކިޓިޗް ވަނީ އަނެއްކާ ވެސް ބާސެލޯނާ އަށް ލީޑު ބޮޑުކޮށްދީފަ އެވެ. ސެވިއްޔާގެ ދެ ވަނަ ގޯލް އިތުރު ވަގުތުގެ ތެރޭ ޖެހީ ލުއިސް މުރިއެލް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލްކްލެސިކޯ
21 October 2018
މިފަހަރުގެ އެކް ކްލެސިކޯވާނީ ވަރަށް ޙާއްޞަ މެޗަކަށް. އެއީ 10 އަހަރު ފަހުން ދުނިޔޭގެ މިވަގުތުތިބި އެންމެ މޮޅު ދެ ކުޅުންތެރިން ނުލައި ކުޅޭނެ ފުރަތަމަ އެލް ކްލެސިކޯއަށް މިމެޗުވުން. ހަގީގަތުގައި ވަރަށް ދެރަވޭ މިހެން ވުމުންވެސް. ހަމަ ޔަޤީނުންވެސް ކޮލިޓީއަށް އަސަރުކުރާނެ. އަދި އޯޑިއަންސްވެސް ވަރަށް ބޮޑަށް މަދުވާނެ. މެސީއަށް އަވަސް ޝިފާއަކަށް އެދެން. ގެޓް ވެލް ސޫން ލެޖެންޑް. ވަރުގަދަކޮށް އެނބުރި އަންނާނެކަމަށް ހީކުރަން. ވިސްކާ އެލް ބާސާ.
ވޮލަންޓިއަރު
21 October 2018
ގެޓް ވެލް ސޫން ދަ ބެސްޓު ،
ރަދީފް
21 October 2018
މެސީ އަށް އަވަސް ޝިފާއަކަށް އެދެން.އިރާދަކުރެއްވިއްޔާ އިންޓަރ އަދި ރެއާލް ވެސް ބަލިކުރެވޭނެ.ބާސާ އެއީ ޓީމެއް ، ނޮޓް އަ ވަން މޭން ޝޯ.#ވިސްކައެލްބާސާ #ވިސްކައެލްބާސާ
ގެރޭ
21 October 2018
ކާކުތަ ބުނީ ބާސާ އެއީ ޓީމެއްނޫނޭ. ލުލް
ޕުތަ
22 October 2018
#ޕުތަރަދީފް، #ޕުތަބާސާ، #ޕުތަމެސީ