ރެކޯޑަކާ އެކު ފެލްޕްސް 22 ވަނަ ރަން މެޑަލް ހޯދައިފި

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 12) - އޮލިމްޕިމްސްގެ ފެތުމުގެ 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުން ހޯދި ރަން މެޑަލާ އެކު، ޖުމްލަ 22 ރަން މެޑަލް ހަމަކޮށް، އެއް އިވެންޓަކުން ޖެހިޖެހިގެން ހަތަރު ރަން މެޑަލް ހޯދި ފުރަތަމަ ފެތުންތެރިޔާގެ ޝަރަފް އެމެރިކާގެ މައިކަލް ފެލްޕްސް ހާސިލްކޮށްފި އެވެ.


ފެލްޕްސްގެ ކެރިއަރުގެ ހަތަރު ވަނަ އޮލިމްޕިކްސްގައި ހޯދި 22 ވަނަ މެޑަލާ އެކު އޭނާގެ ޖުމްލަ ވަނީ 26 އަށް އަރައިފަ އެވެ. އެއީ އިތުރު ދެ ރިހި މެޑަލާއި ދެ ލޯ މެޑަލާ އެކު އެވެ. ފެލްޕްސް އަކީ، އޮލިމްޕިކްސްގެ ތާރީހުގައި އެންމެ ގިނަ މެޑަލް ހޯދި އެތުލީޓެވެ. ދެ ވަނައިގައި އޮތް ސޯވިއެޓް ޔޫނިއަންގެ ލަރީސާ ލެޓީނިނާ އަށް ހޯދިފައިވަނީ ނުވަ ރަން މެޑަލެވެ.

މިދިޔަ ތިން އޮލިމްޕިކްސްގައި ވެސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓް ކާމިޔާބުކުރީ ފެލްޕްސް މިއަދުގެ އިވެންޓް ކާމިޔާބުކުރީ 1 މިނެޓު 55.66 ސިކުންތުން ރޭސް ނިންމައިގެންނެވެ. ޖެހިޖެހިގެން ހަތަރު އޮލިމްޕިކްސްގައި މި އިވެންޓުން ހޯދި ރަން މެޑަލްތަކާ އެކު އޭނާ އަށް ވަނީ ރެކޯޑެއް ހާސިލްކުރެވިފަ އެވެ.

މި އިވެންޓުން އެމެރިކާގެ ރިޔާން ލޯޗްޓޭ ފަސް ވަނަ އަށް ދިޔައިރު އޭނާ ރޭސް ނިންމީ 1 މިނެޓު 57:47 ސިކުންތުންނެވެ. އޭނާ އަކީ 2004 އަދި 2012 ވަނަ އަހަރުގެ އޮލިމްޕިކްސްގެ މި އިވެންޓުން ރިހި މެޑަލް ހޯދި ފެތުންތެރިޔާ އެވެ. މީގެ އިތުރުން އޭނާ ވަނީ 2008 ވަނަ އަހަރުގެ އޮލިމްޕިކްސްގައި މި އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ.

ފެލްޕްސްގެ ފަހަތުން ރިހި މެޑަލް ހޯދީ 1 މިނެޓު 56:61 ސިކުންތުން ރޭސް ނިންމި ޖަޕާނުގެ ކޮސޫކޭ ހަގީނޯ އެވެ. ތިން ވަނަ އަކީ ޗައިނާގެ ވަންގް ޝުން އެވެ. އޭނާގެ ޓައިމިން އަކީ 1 މިނެޓު 57:05 ސިކުންތެވެ.

ފެލްޕްސްގެ ކެރިއަރުގެ އޮލިމްޕިކްސް 22 ރަން މެޑަލުގެ ތެރެއިން ހަތަރު މެޑަލަކީ މި ފަހަރުގެ ގޭމްސްގައި ހޯދި މެޑަލްތަކެވެ. އެއީ 200 މީޓަރު ބަޓަފްލައި، ހަތަރެއް ގުނަ 100 ފްރީސްޓައިލް ރިލޭ އަދި ހަތަރެއް ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭގެ މެޑަލްތެކެވެ.