ފެލްޕްސް ބަލިކޮށް ސިންގަޕޫރުގެ ސްކޫލިން އެ ގައުމަށް ފުރަތަމަ ރަން މެޑަލް ހޯދައިދީފި

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 13) - އޮލިމްޕިކްސްގެ ތާރީހު ދުށް އެންމެ ކާމިޔާބު އެތުލީޓް އެމެރިކާގެ މައިކަލް ފެލްޕްސް ފަހަތަށް ޖައްސާލުމަށް ފަހު، އޮލިމްޕިކްސްގެ ފެތުމުގެ 100 މީޓަރު ބަޓަފްލައި އިވެންޓުން، ސިންގަޕޫރުގެ ޖޯސެފް ސްކޫލިން ރަން މެޑަލް ހާސިލްކޮށްފި އެވެ.


މިއީ އޮލިމްޕިކް ގޭމްސްގެ ތާރީހުގައި ސިންގަޕޫރަށް ލިބުނު ފުރަތަމަ ރަން މެޑަލެވެ. އުމުރުން 21 އަހަރުގެ ސްކޫލިން 50.39 ސިކުންތުން ރޭސް ނިންމިއިރު، މިއީ އޮލިމްޕިކްސްގެ ރެކޯޑެކެވެ.

ކުޑަކުޑަ ސިންގަޕޫރަށް މި ލިބުނު ބޮޑު ކާމިޔާބީއާ އެކު އެ ގައުމުގައި އަންނަނީ ވަރަށް ބޮޑަށް އުފާފާޅުކުރަމުންނެވެ. ސިންގަޕޫރަށް އުފަން އަދި އެ ގައުމުގައި އުޅެބޮޑުވި ސްކޫލިންގެ އިވެންޓް ބައްލަވާލެއްވުމަށް އެ ގައުމުގެ ބޮޑުވަޒީރު ލީ ސިއެން އާއި ރައީސް ޓޯނީ ޓޭން ސްޓޭޑިއަމުގައި ތިއްބެވި އެވެ.

މި ކާމިޔާބީއާ އެކު، ސިންގަޕޫރު ސަރުކާރުން ސްކޫލިން އަށް 743،000 އެމެރިކާ ޑޮލަރު (11.4 މިލިއަން ރުފިޔާ) ގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.

މި ރޭހުގެ ދެ ވަނަ މަގާމް ހިއްސާކުރަނީ ފެލްޕްސްގެ އިތުރުން ދެކުނު އެފްރިކާގެ ޗަޑް ލެ ކްލޮސް އަދި ހަންގޭރީގެ ލާސްލޯ ޗެހް އެވެ. އެ ތިން ފެތުންތެރިންގެ ޓައިމިން އަކީ 51.14 ސިކުންތެވެ.

"އާދާޔާހިލާފު އުފަލެއް ލިބިއްޖެ. އަދިވެސް ބޭނުން ފެލްޕްސްއާ ވާދަކުރަން. އޭނާ ގިނަ ދުވަސްތަކެއް ވަންދެއް ވާދަކުރާނެ ކަމަށް އުއްމީދުކުރަން،" އެމެރިކާގައި ތަމްރީން ހަދަމުން އަންނަ ސްކޫލިން ބުންޏެވެ. "އޮލިމްޕިކް ރެކޯޑް މުގުރާލައި، ފެލްޕްސް އާއި ދެން ތިބި މޮޅު ފެތުންތެރިންނާ ވާދަކޮށްލެވުމަކީ ގަބޫލުކުރަން ދަތި ކަމެއް."

މިދިޔަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕުން 100 މީޓަރު ބަޓަފްލައި އިވެންޓުން ލޯ މެޑަލް ހޯދި ސްކޫލިން ވަނީ މި އިވެންޓުން 2014 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް އިން ރިހި މެޑަލް އަދި އޭޝިއަން ގޭމްސް އިން ރަން މެޑަލް ހޯދައިފަ އެވެ.

އަނެއްކޮޅުން، މިއަދު އޮންނަ ހަތަރެއް ގުނަ 100 މީޓަރުގެ މެޑްލޭ ރިލޭގެ އިވެންޓާ އެކު އުމުރުން 31 އަހަރުގެ ފެލްޕްސް އަށް ކެރިއަރުގެ 23 ވަނަ ރަން މެޑަލް ހޯދުމުގެ ފުރުސަތު އެބައޮތެވެ. އިއްޔެ ހެނދުނު 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިން ހޯދި ރަން މެޑަލަށް ފަހު އިއްޔެ މެންދުރު އޭނާ އަރާމުކުރިއިރު، ހަތަރެއް ގުނަ 100 މީޓަރުގެ މެޑްލޭ ރިލޭގެ ސެމީ ފައިނަލުގައި ވާދަކުރި އެމެރިކާ ޓީމުގައި އޭނާ ނުހިމެނެ އެވެ. ދެ ވަނައިގެ ގޮތުގައި ފައިނަލަށް އެމެރިކާ ހޮވުނުއިރު ފައިނަލުގައި ފެލްޕްސް ވާދަކުރާނެ އެވެ.