މާސޭގެ ކަމާރާ (ކ) ކައިރިން ޕީއެސްޖީގެ އެމްބާޕޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
29 އޮކްޓޯބަރ 2018 - 11:06
ޕެރިސް (އޮކްޓޫބަރު 29) - ފްރެންޗް ލީގުގައި ރޭ މާސޭ 2-0 އިން ބަލިކޮށް ލީގުގައި ޖެހިޖެހިގެން ހޯދި 11 ވަނަ މޮޅާ އެކު ޕީއެސްޖީން ޔޫރަޕްގެ ރެކޯޑަކާ ހަމަކޮށްފި އެވެ.
ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގައި މިހާތަނަށް ސީޒަނެއްގެ ފުރަތަމަ 11 މެޗުން މޮޅުވުމުގެ ރެކޯޑް އޮތީ އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އަތުގަ އެވެ. އެ ޓީމުން ރެކޯޑް ހެދީ 1960-1961 ވަނަ އަހަރުގެ ސީޒަނުގަ އެވެ.
ޕީއެސްޖީގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވުމަށް ފަހު އަންނަނީ އެ ޓީމާ އެކު ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެ ގޮތުން ޕީއެސްޖީން މިހާރު ވަނީ ފްރާންސްގެ ފުޓްބޯޅަ ސީޒަނެއްގެ ފުރަތަމަ މެޗުތަކުގައި ޖެހިޖެހިގެން އެންމެ ގިނަ މޮޅު ހޯދުމުގެ ރެކޯޑް ގާއިމްކޮށްފަ އެވެ.
ސަތޭކަ ޕަސެންޓް ރެކޯޑަކާ އެކު ޕީއެސްޖީ ލީގުގެ އެއް ވަނައިގައި އޮތީ 11 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ 11 މެޗުން 25 ޕޮއިންޓާ އެކު ލިލް އެވެ.
މާސޭ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ދެ ލަނޑު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 65 ވަނަ މިނިޓްގައި ކާމިޔާބުކުރީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި އުމުރުން 19 އަހަރުގެ ކިލިއަން އެމްބާޕޭ އެވެ. އޭނާ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މިއީ މި ސީޒަނުގައި ކުޅުނު 10 މެޗުން އެމްބާޕޭ ޖެހި 12 ވަނަ ލަނޑެވެ.
އިތުރު ވަގުތުގައި ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖެހީ ޖަރުމަނުގެ މިޑްފީލްޑަރު ޖޫލިއަން ޑްރެކްސްލާ އެވެ.
ރޭގެ މެޗަށް ފަހު ޓުޗެލް ބުނީ އެމްބާޕޭ ފުރަތަމަ އެގާރައިގައި ނުހިމެނީ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެފައިވާތީ އެ އުމުރުގައި އޭނާ އަށް ޕްރެޝަރު ބޮޑުކުރަން ބޭނުންނުވާތީ ކަމަށެވެ.
ޕީއެސްޖީ އަށް ލަނޑު ޖަހައިދޭން ރޭގެ މެޗުގައި ނޭމާ އަށް ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ނޭމާގެ ކުޅުމާ ބެހޭގޮތުން ޓުޗެލް ބުނީ އެއްވެސް ކުޅުންތެރިއަކު އަބަދު 100 ޕަސެންޓް ނުދެވޭނެ ކަމަށާއި ކުޅުންތެރިންގެ ކުޅުން އެކި ދުވަހު ހުންނާނީ އެކި ވަރަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy