އިންޓަ މިލާން މެޗެއްގެ ތެރެއިން މޮރީނިއޯ (ކ) އާއި ބަލޮޓެލީ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ
18 އޯގަސްޓް 2016 - 12:20
ލިވަޕޫލް (އޮގަސްޓް 18) - އަންނަ ސީޒަނުގައި ކުޅޭނެ ކްލަބެއް ނިންމުމަށް ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯގެ ލަފާ ލިވަޕޫލުގެ ފޯވާޑް މާރިއޯ ބަލޮޓެލީ ހޯދަން ފަށައިފި އެވެ.
އުމުރުން 26 އަހަރުގެ ބަލޮޓެލީ ވަނީ މީގެ ކުރިން އިންޓަގައި މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެފަ އެވެ. އޭނާ 2014 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ފަހުން އެދެވޭ ކުޅުމެއް ނުފެނެ އެވެ. އަދި ފާއިތުވި އަހަރު ލޯން އެއްބަސްވުމެއްގެ ދަށުން އޭސީ މިލާންގައި ވެސް އޭނާ ފެނުނީ އާދައިގެ ގޮތަކަށެވެ.
އާ ސީޒަނަށް ލިވަޕޫލްގެ ފަރިތަކުރުންތައް ފެށިއިރު ބަލޮޓެލީ އަށް ފުރުސަތު ދޭން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ނިންމި އެވެ. ނަމަވެސް ފަރިތަކުރުންތަކުގައި ބަލޮޓެލީގެ ފަރާތުން ކުރިއެރުމެއް ނުފެނުމުން އޭނާ ވިއްކާލަން މިހާރު ވަނީ ނިންމައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ބަލޮޓެލީ ހޯދަން ސަމްޑޯރިއާ، ކިއޭވޯ ވެރޯނާ، އަޔެކްސް އަދި ބެސިކްޓާސް އިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެއްބަސްވުމަކާ ހަމައަށް ނުދެވިފައި އޮތީ ބަލޮޓެލީގެ މުސާރަ ބޮޑުވުމުންނެވެ.
ބަލޮޓެލީ ދެން ބަދަލުވާން ބޭނުންވާ ކްލަބެއް ކަނޑައެޅުމަށް މޮރީނިއޯގެ ލަފާ ހޯދީ އޭނާގެ އެޖެންޓް މިނޯ ރަޔޯލާގެ އެދުމުގެ މަތިންނެވެ. ބަދަލުވާނެ ކްލަބެއް ހަމަޖެހެންދެން ބަލޮޓެލީ މިހާރު ފަރިތަކުރަމުން އަންނަނީ ލިވަޕޫލްގެ ރިޒާވް ޓީމާ އެކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަރަފީ
18 August 2016
މޮރީނިއޯއަކީ މިހާރު މެން ޔޫގެ ކޯޗު.