ޕީއެސްޖީގެ މެޗެއްގެ ތެރެއިން ނޭމާ އާއި އެމްބާޕޭ.-- ފޮޓޯ: އޭއެފްޕީ
13 ޑިސެމްބަރ 2018 - 14:08
ޕެރިސް (ޑިސެމްބަރު 13) - ފްރާންސް ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކުގެ ސަބަބުން މި ހަފްތާ ބަންދުގައި ކުޅެން ހަމަޖެހިފައި އޮތް ފްރެންޗް ލީގުގެ ބައެއް މެޗުތައް ފަސްކުރަން މުބާރާތް އިންތިޒާމްކުރާ އެލްއެފްޕީން ނިންމައިފި އެވެ.
ފުލުހުން އެދުމުގެ ސަބަބުން އެލްއެފްޕީން މިހާތަނަށް ފަސްކޮށްފައިވަނީ ތިން މެޗެކެވެ. އެއީ ސެއިން އެޓިއެން އާއި ނީސް ކުޅޭ މެޗާއި، ނޯންޓެސް އާއި މޮންޓެޕިއޭ ބައްދަލުކުރާ މެޗުގެ އިތުރުން ކާއެން އާއި ޓޮލޫސް ކުޅެން އޮތް މެޗެވެ.
އެލްއެފްޕީން އެންމެ ފުރަތަމަ ވަނީ ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީ ރަށުން ބޭރުގައި ޑިޔޯންއާ ދެކޮޅަށް ކުޅެން އޮތް މެޗު ވެސް ފަސްކުރަން ވާހަކަ ދައްކައިފަ އެވެ. އެކަމަކު ފަހުން ނިންމީ ޝެޑިއުލްގައި އޮތްގޮތަށް އެ މެޗު ކުރިއަށް ގެންދިއުމަށެވެ.
ޑިޔޯންގައި ހުރި ސަރުކާރުގެ އޮފިޝަލަކު "އޭއެފްޕީ" އަށް ވިދާޅުވީ މެޗު ކުޅޭގޮތަށް ނިންމީ ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު ކަމަށާއި ޝަރުތަކަށް ކަނޑައެޅީ ޕީއެސްޖީގެ ސަޕޯޓަރުން ނުވައްދައި ކުޅޭ ގޮތް ހެދުމަށެވެ. އަދި އެއީ ސަލާމަތީ ސަބަބުތަކެއްގެ ސަބަބުން ނިންމި ނިންމުމެއް ކަމަށް ވިދާޅުވި އެވެ.
"މިއީ ވަކި ޓީމެއް ކޮޅަށް ޖެހިގެން ނިންމި ނިންމުމެއް ނޫން. މިއީ މަސްލަހަތަށް ބަލާފައި އެންމެ ރަނގަޅު ގޮތް،" އޮފިޝަލް ވިދާޅުވި އެވެ.
ޕީއެސްޖީ ސަޕޯޓަރުން އެކަނި ނުވައްދައި ކުޅޭ ގޮތަށް ނިންމުމުން އެ ކްލަބުން ވަނީ އެ ކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ޕީއެސްޖީން ބުނީ އެންމެ އިންސާފުވެރި ގޮތަކީ އެއްވެސް ޓީމެއްގެ ސަޕޯޓަރުން ނުވައްދައި ކުޅުން ކަމަށާއި އަމިއްލަ ދަނޑުގައި ކުޅުނަސް ޑިޔޯންގެ ސަޕޯޓަރުން އެކަނި ވެއްދުމަކީ އިންސާފުވެރި ގޮތެއް ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށެވެ.
އެލްއެފްޕީން ވަނީ މިދިޔަ ހަފްތާގައި ވެސް ބައެއް މެޗުތައް ކުޅެން އޮތް ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ. އަދި މި ހަފްތާގައި ކުޅެން އޮތް މެޗުތަކުގެ ވަގުތަށް ވެސް ކުދި ބަދަލުތަކެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށް އެލްއެފްޕީން ވަނީ ބުނެފަ އެވެ.
މިދިޔަ ހަފްތާގައި ކުޅެން ހަމަޖެހިފައި އޮތް ހަ މެޗެއް އެލްއެފްޕީން ފަސްކުރިއިރު، އެ މެޗުތައް ކުޅެން އަލުން ތާވަލްކޮށްފައިވަނީ އަންނަ ޖެނުއަރީ މަހުގެ 15 އާއި 16 ގަ އެވެ. އަދި މި ހަފްތާގައި ފަސްކުރި ތިން މެޗު ކުޅޭނެ ތާރީހެއް ވަގުތު އޮއްވައި ކްލަބްތަކަށް އަންގާނެ ކަމަށް އެލްއެފްޕީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy