31 ޑިސެމްބަރ 2018 - 11:15
ބާސެލޯނާ (ޑިސެމްބަރު 31) – ޕީއެސްޖީގެ ފްރާންސް މިޑްފީލްޑަރު އެޑްރިއެން ރަބިއޯ އަށް ޝައުގުވެރިވާ ކަމަށާއި އެކަމަކު އޭނާ ހޯދަން ގަވާއިދާ ހިލާފަށް މަސައްކަތްކޮށްފައިނުވާނެ ކަމަށް ބާސެލޯނާ އިން ބުނެފި އެވެ.
އުމުރުން 23 އަހަރުގެ ކުޅުންތެރިޔާގެ ކޮންޓްރެކްޓް ޖޫން މަހު ހަމަވާތީވެ އޭނާ އަށް މާދަމާ ފެށޭ ޖެނުއަރީ ޓްރާންސްފާ ބާޒާރާ އެކު އެހެން ކްލަބްތަކާ އެކު މަޝްވަރާކުރެވޭނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާ އިން ވަނީ މިހާރު ވެސް ރަބިއޯއާ އެކު ވާހަކަތައް ބާއްވައިފަ އެވެ. އެހެންވެއްޖެ ނަމަ އެއީ ފީފާގެ ޓްރާންސްފާ ގަވާއިދު ހިލާފުވުމެވެ. އެކަމަކު ބާސެލޯނާ އިން ބުނީ އެ މަޝްވަރާކުރީ ޕީއެސްޖީ އަށް އެނގިގެން ކަމަށެވެ.
"ހަމައެކަނި ބޭއްވި ވާހަކަތަކަކީ އޮގަސްޓް މަހު އަދި މީގެ ހަފުތާއެއް ކުރިން ބޭއްވި ވާހަކަތަކެއް. ދެ ފަހަރު ވެސް މަޝްވަރާކުރީ ޕީއެސްޖީގެ ސްޕޯޓްސް މެނޭޖަރުންނާ އެކު. ބާސެލޯނާ އިން ޕީއެސްޖީއާ އެކު ވިޔަސް އަދި އެހެން ކްލަބަކާ އެކު ވިޔަސް އަބަދުވެސް މަސައްކަތްކުރަން ބޭނުންވަނީ އެންމެ މަތީ މިނުން ދެފުށް ފެންނަ ގޮތަށް،"
ޕީއެސްޖީން ރަބިއޯ މަޑުކުރުވަން ބޭނުންވެ އެވެ. އެކަމަކު އާ ކޮންޓްރެކްޓުގައި އޭނާ ސޮއިނުކުރާތީ، އަގެއް ބޭނުންވާ ނަމަ ޖެނުއަރީ މަހު އޭނާ ވިއްކާލަން ޖެހޭނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޕީއެސްޖީގެ ވިސްނުން ހުރީ އޭނާ ކޮންޓްރެކްޓް އާނުކޮށްފި ނަމަ މި ސީޒަނުގައި ދެން ކުޅުމުގެ ފުރުސަތު ނުދޭ ގޮތަށެވެ. އެހެން ބައެއް ރިޕޯޓްތައް ބުނަނީ ޕީއެސްޖީން ޖެނުއަރީ ގައި އޭނާ ކުޑަ އަގަކަށް ވިއްކާލާނެ ކަމަށެވެ.
ރަބިއޯގެ އޭޖެންޓް އޭނާގެ މަންމަ ވެރޯނިކް ރަބިއޯ ދާދި ފަހުން ބުނީ ރަބިއޯ އަށް މި ސީޒަން ފެށުމުގެ ކުރިން ބާސެލޯނާ އިން ވަރަށް ރަނގަޅު ހުށަހެޅުމެއް ލިބުނު ކަމަށާއި އެއަށް ޕީއެސްޖީން ހުރަސް އެޅީ ކަމަށެވެ. އަދި ޕީއެސްޖީން މިހާރު ރަބިއޯ ހިފަހައްޓައިގެން އުޅެނީ އުސޫލުތަކާ ހިލާފަށް ކަމަށާއި މައްސަލަ ކޮންމެ ހިސާބަކަށް ދިޔަ ނަމަވެސް ރަބިއޯ އަލުން ޕީއެސްޖީއާ އެކު ކުރިއަށް ނުދާނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy