ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް އެ ޓީމުގެ ޒެރްދާން ޝަގީރީ އަށް ހިތްވަރުދެނީ. --ފޮޓޯ: އޭއެފްޕީ
08 ޖެނުއަރީ 2019 - 10:21
ވުލްވެމްޓަން (ޖެނުއަރީ 8) – ވުލްވްސް އަތުން 2-1 އިން ބަލިވެ އިނގިރޭސި އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުން ލިވަޕޫލް ކަޓައިފި އެވެ.
ރޭގެ މެޗަށް ފަހު މުބާރާތުގެ ފަސް ވަނަ ބުރުގެ ގުރު ނަގާފައިވާއިރު އެ ބުރުގައި އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑް ވަނީ ލައްވާލައިފަ އެވެ. މެންޗެސްޓާ ސިޓީ އާއި ބާންލީ ކުޅެން ޖެހުނުއިރު ޓޮޓެންހަމް ހޮޓްސްޕާސް ނުކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.
ލިވަޕޫލުން މި މެޗަށް ނުކުތީ، ޕްރިމިއާ ލީގުގައި މިދިޔަ ހަފުތާގައި މެންޗެސްޓާ ސިޓީ އަތުން 2-1 އިން ބަލިވި މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ނުވަ ބަދަލެއް ގެނެސްގެންނެވެ. ފުރުސަތު ލިބުނު ދެ ކުޅުންތެރިންގެ ތެރެއިން ޑެޔާން ލޮވްރެން އަށް އަނިޔާވެ މެޗުގެ ހަ ވަނަ މިނެޓުގައި ބާލަން ޖެހުނެވެ.
ބަދަލުގައި އެރި އުމުރުން 16 އަހަރުގެ ކި-ޔަނާ ހޯވާއާ އެކު މި މެޗުގައި 19 އަހަރުން ދަށުގެ ތިން ކުޅުންތެރިންނަށް ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ފުރުސަތު ދިނެވެ.
"އަހަރެމެން ގާތްގަނޑަކަށް އެއް ފުރަތަމަ އެގާރައެއް ބޭނުންކޮށް ވަރުގަދަ ތިން މެޗެއް މިދިޔަ ހަފުތާތަކުގައި ކުޅެފިން. އެހެންވެ ބަދަލެއް ގެންނަން ޖެހިފައި އޮތީ،" މި މެޗަށް ވަރުގަދަ ފުރަތަމަ އެގާރައެއް ނުނެރުނު ސަބަބާ ބެހޭގޮތުން ކްލޮޕް ބުންޏެވެ.
ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ ކޯޗުކޮށްދޭ ވުލްވްސް އިން ލިވަޕޫލުގެ މައްޗަށް ކުރި ހޯދިއިރު އެ ޓީމުން ވަނީ މި ސީޒަނުގައި ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް އަދި މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި އާސެނަލާ އެއް އެއްވަރުކޮށްފަ އެވެ.
ވުލްސްގެ ދަނޑުގައި ކުޅުނު މެޗުގައި ލީޑު ނެގީ ވެސް އެ ޓީމުންނެވެ. މި ގޯލް 38 ވަނަ މިނެޓުގައި ޖެހީ ރައުލް އޮލޮންސޯ ޖިމެނޭޒެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު، 51 ވަނަ މިނެޓުގައި ޑިވޮކް އޮރީގީގެ ލަނޑުން ލިވަޕޫލް އެއްވަރުކުރި އެވެ. އެކަމަކު ހަތަރު މިނެޓު ފަހުން ނެވެސްގެ ލަނޑުން ވުލްވްސް އަލުން ކުރި ހޯދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމް
08 January 2019
ލިވަރޕޫލްގެ ސަޕޯޓަރުންނަށް އޯކޭވާނެ.މީން ޒަމާނަކު ތައްޓެއްްގައި އަތްލެވުނުބައއްް ނޫންވިއްޔާ.
ބެެއްޔާ
08 January 2019
ތިބުނީ ރަނގަޅު ވާހަކައެއް، އަސްލު ކުލޮޕްވެސް ބޭނުމެއްނުވޭ ތައްޓެއްގަ އަތްލާކައް ކުޅުންތެރިންނައް ހަގެއް ދެވުނީމަ އޯކޭ، ހަމަ ހިނިއަންނަނީ