ޓެންޑުލްކާއާ ވާދައެއް ނުކުރާނަން: ވިރާތު

ނިއު ދިއްލީ، އިންޑިއާ (ޖެނުއަރީ 19) - ކެރިއަރުގައި މިހާތަނަށް ވެސް ކުރިއެރުމެއް ލިބިފައި އޮތީ ކުރީގެ ލެޖެންޑުންނަށް އިހުތިރާމްކޮށްގެން ކަމަށާއި އެ ގޮތުން އިންޑިއާގެ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކާއާ ޗެލެންޖުކުރުމަކީ އޭނާ ކުރާނެ ކަމެއް ނޫން ކަމަށް އިންޑިއާގެ ކެޕްޓަން ވިރާތު ކޯލީ ބުނެފި އެވެ.


އިންޑިއާގެ މަޝްހޫރު ޓޯކްޝޯ "ކޮފީ ވިތު ކަރަން" ގައި ވާހަކަދައްކަމުން ކްރިކެޓް ކުޅުންތެރިން ކަމަށްވާ ހާޑިކް ޕާންޑިޔާ އާއި ކޭއެލް ރާހުލް ވަނީ ވިރާތަކީ ސަޗިން އަށް ވުރެ މުސްތަގުބަލުގައި މޮޅުވާނެ ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ. އެ ޝޯގައި އަންހެނުންނާ ބެހޭގޮތުން ދެއްކި ވާހަކަތަކެއްގެ ސަބަބުން ޕާންޑީޔާ އާއި ރާހުލް ވަނީ މިހާރު ޓީމުން ސަސްޕެންޑްކޮށްފަ އެވެ.

ވިރާޔު އާއި ޓެންޑުލްކާއާ ބެހޭގޮތުން އެ ޝޯގައި ޕާންޑިއާ އާއި ރާހުލް ދެއްކި ވާހަކަތަކުގެ ސަބަބުން އިންޑިއާ ކްރިކެޓްގައި އުޅޭ ގިނަ ފަރާތްތަކުގެ މެދުގައި ވަނީ ބަހުސެއް ފެށިފަ އެވެ. ގިނަ ބަޔަކު ބުނާގޮތުގައި ޓެންޑުލްކާ ގާއިމުކުރި ލެގަސީއާ އެއްވެސް ކުޅުންތެރިއަކަށް އަރާ ހަމަކުރެވުމަކީ ވާނެ ކަމެއް ނޫނެވެ.

"އަހަރެން ވަރަށް އިހުތިރާމް ކުރަން އިންޑިއާގެ ކްރިކެޓް ލެޖެންޑުންނަށް. އެގޮތުން ޓެންޑުލްކާ އަކީ އޭގެ އެންމެ އިސް އެއް ފަރާތް. އަހަންނަކީ ދަނޑުމަތީގައި އިދިކޮޅަށް ނުކުންނަ ޓީމުތަކަށް ޗެލެންޖްކުރާ މީހެއް. އެއްވެސް އިރެއްގައި އަމިއްލަ ގައުމުގެ ތަރިންނާ ވާދަކުުރުމުގެ ވިސްނުމެއް ނުގެންގުޅެން،" ވިރާތު ބުންޏެވެ.

ވިރާތު އަންނަނީ ފަހަކަށް އައިސް ސަޗިން ހަދާފައިވާ ގިނަ ރެކޯޑްތަކެއް މުގުރާލަމުންނެވެ. އެ ދެ މީހުންނާ ބެހޭގޮތުން އެންމެ ފަހުން ވާހަކަ ދެއްކީ އިންޑިއާގެ ކުރީގެ ތަރި ސްރީސަންތު އެވެ. އޭނާ ބުނީ ޓެންޑުލްކާ އަކީ އެ ފަދަ ދެ ވަނައެއް ނެތް ޝަހުސިއްޔަތެއް ކަމަށެވެ.

"އަހަރެން ވިރާތަށް ވެސް އިހުތިރާމްކުރަން. އެކަމަކު ސަޗިން ދެއްކި ވަރުގެ ނަމޫނާއެއް އެ ހިތްވަރެއް އެ ނޫން އެއްވެސް މީހަކަށް ދެއްކޭނެ ކަމަށް އަހަރެން ގަބޫލެއް ނުކުރަން. ކުރިއަށް އޮތް 1000 އަހަރަށް ބެލިޔަސް ސަޗިން ވާނީ އެންމެނަށް ވެސް ނަމޫނާ އަކަށް. އަހަރެމެން ކަހަލަ އާދައިގެ އަވަށަކަށް ނިސްބަތްވާ ބަޔަކަށް ގައުމީ ޓީމާ ހަމައަށް އައުމުގެ ހިތްވަރު ލިބުނީ ވެސް ސަޗިން ފެނިފައި،" ސްރީސާންތު ބުންޏެވެ.

އިންޑިއާ ވަނީ އިއްޔެ ހަތް ވިކެޓުން އޮސްޓްރޭލިއާ ބަލިކޮށް ވަން ޑޭ އިންޓަނޭޝަނަލް ސީރީސް ކާމިޔާބުކޮށްފަ އެވެ. އެ މެޗުގައި ވިރާތާއި މަހިންދުރަ ސިންގް ދޯނީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެެވެ.